92ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُطْلَقُ يَـجْرِي عَلَى إِطْلَاقِهِ حَتَّى يَرِدَ مَا يُقَيِّدُهُ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު އެ ޤައިދުކުރާނޭ އެއްޗެއް އަންނަންދެން، އޭގެ މުޠުލަޤުކަންމަތީ ދެމިއޮންނާނެ}
މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގެ ޝަރުޢީ ނައްޞުތަކުގައި ނުވަތަ މުކައްލަފުންގެ ވާހަކައިގައި މުޠުލަޤު ލަފްޒެއް ވާރިދުވެއްޖެނަމަ، އެއަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އަދި އެއްވެސް ތައުވީލެއް ކުރުމެއް ނެތި އެއަށް ޢަމަލު ކުރުމާއި އޭގެ މުޠުލަޤުކަން މަތީ ބަލައިގަތުން ވާޖިބުވެގެން ވެއެވެ. އެއީ، އެ ޤައިދު ކުރާނޭ ޞިފައެއް ނުވަތަ ޝަރުޠެއް ނުވަތަ ޒަމާނެއް ނުވަތަ ތަނެއްފަދަ ޤައިދެއް ދަލީލެއްގެ ގޮތުގައި ލިބިއްޖައުމަށް ދާންދެނެވެ. އެފަދަ ޤައިދެއް ލިބިއްޖެނަމަ، އޭގެ މުޠުލަޤުކަން ބަލައިގަނެވޭނީ އެ ޤައިދު ކުރުމާ އެކުގައެވެ. އަދި މި ކަމާ މެދު އުޞޫލީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަތެވެ.
ދެން ފަހެ، މުޠުލަޤު ޤައިދު ކުރާ އެއްޗަކީ ނައްޞަކަށް ވެސް (އެބަހީ، ލަފްޒަކަށް ވެސް) ނުވަތަ ދަލާލަތަކަށް ވެސް ވެދާނެއެވެ. ލަފްޒަކުން ޤައިދު ކުރުމުގެ (التَّقْيِيْدُ بِاللَّفْظِ ގެ) މިސާލަކީ، މުޠުލަޤާ އެކު ސިފައެއް ނުވަތަ ހާލަތެއް ނުވަތަ އިޟާފާއެއް ނުވަތަ ޝަރުޠެއް ނުވަތަ އިސްތިޘްނާއެއްފަދަ އެއްޗެއް އޮތުމެވެ. އަދި ދަލާލަތުން ޤައިދު ކުރުމުގެ (التَّقْيِيْدُ بِالدَّلَالَـةِ ގެ) މިސާލަކީ، دَلَالَةُ ظَاهِرِ الـحَال އިން (ހާލަތުގެ ބޭރުފުށުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމުން) ނުވަތަ ޢުރުފާއި އާދަކާދައިގެ ދަލާލަތުން ޤައިދުކުރެވިފައި ވާކަން އެނގުމެވެ. ޖުމްލަ ގޮތެއްގައި ދަންނަވަނީނަމަ، ޢާއްމު ޚާއްޞަ ކުރެވޭ ކޮންމެ އެއްޗަކީ، އެއިން މުޠުލަޤު ޤައިދު ކުރެވޭނޭ އެއްޗެކެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ)) މާނައީ: [ރަމަޟާންމަހު ރޯދަ ހިފައިފައި، އެއާ ވިއްދައިގެން ޝައްވާލުމަހުން ހަތް ދުވަހު ރޯދަ ހިފައިފި މީހާ، މުޅި އަހަރު ރޯދަ ހިފި ފަދައެވެ.] މި ޙަދީޘުން ދަލީލުކޮށްދެނީ، ޝައްވާލުމަހުން ހަތް ދުވަހު ރޯދައަށް ހުރުން މުސްތަޙައްބުވެގެން ވާކަމެވެ. މި ޙަދީޘުގެ ނައްޞު އައިސްފައިވަނީ އެ ރޯދަތައް ހިފާނީ ޖެހިޖެހިގެންތޯ ނުވަތަ އެ މަހުގެ ތަފާތު އެކި ދުވަސްމަތިން އެ ރޯދަތައް ހިފިދާނެތޯ ކަނޑައެޅުމުގައި އެއްވެސް ޤައިދުކުރުމެއް ނެތި މުޠުލަޤުކޮށެވެ. އެހެންކަމުން، އިބްނު ޤުދާމާ ވިދާޅުވެފައި ވެއެވެ. [މަސް ފެށޭކޮޅު ނުވަތަ ނިމޭކޮޅު، ޖެހިޖެހިގެން ނުވަތަ އެކި ދުވަސްތައް މަތިން އެ ރޯދަތައް ހިފުމުގައި އެއްވެސް ތަފާތެއް ނެތެވެ. ސަބަބަކީ، ޙަދީޘް ވާރިދުވެފައި ވަނީ އެއްވެސް ޤައިދުކުރުމެއް ނެތި މުޠުލަޤުކޮށް ކަމުގައި ވާތީއެވެ.]
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =