93ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُطْلَقُ يُـحْمَلُ عَلَى الـمُقَيَّدِ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގޭނެ}
މި ޤަވާޢިދުގެ މުރާދު: އެއް ތަނެއްގައި ޝަރުޢީ ނައްޞު މުޠުލަޤުކޮށް އައިސްފައި، އެހެން ތަނެއްގައި އެ މުޤައްޔަދުކޮށް އައިސްފައި ވާނަމަ، މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގުން ވާޖިބު ވާނެއެވެ. އެ ގޮތުން، މުޤައްޔަދު ނައްޞުގައި އައިސްފައިވާ ކަންތަކަށް ޢަމަލުކުރަން ޖެހޭނެއެވެ. އޭރުން، މުޠުލަޤުގެ ފުޅާކަން އޮންނާނީ އެ މުޤައްޔަދާ އެއްގޮތްވާ ގޮތުގެ މަތިން ހަނިކުރެވިފައެވެ.
ދެން ފަހެ، [މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގުމޭ] ބުނެވޭ ބަސް މާނަކުރުމުގައި އުޞޫލީ ޢިލްމުވެރިން ދެ ބަޔަކަށް ބެހިވަޑައިގެންފައި ވެއެވެ. ފުރަތަމަ ބައިގެ އަހުލުވެރިންނަކީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ނަޒަރުގައި އޭގެ މާނައަކީ، އެ މުޠުލަޤުއަކީ ފެށުމުގައި ވެސް މުޤައްޔަދު ކުރުމުގެ ބޭނުމުގައި އޮތް މުޠުލަޤެއްގެ ގޮތުގައި ބަލައިގަތުމެވެ. އޭރުން، މުޠުލަޤު ނައްޞާއި މުޤައްޔަދު ނައްޞު ވެސް އޮންނަހުށީ އެއް ނައްޞެއްގެ ދަރަޖައިގައެވެ.
އަދި އެ ތަނުން ދެވަނަ ބައިގެ އަހުލުވެރިންނަކީ، ޙަނަފީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރޭގައި އެކި ގޮތްގޮތަށް އޭގެ މާނަ ކުރެވެއެވެ. އެ ގޮތުން، އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރުގައި އޭގެ މާނައަކީ، މުޠުލަޤާއި މުޤައްޔަދު އެއް ވަގުތެއްގައި ބާވައިލެއްވުނުނަމަ ނުވަތަ އެ ދޭތި ބާވައިލެއްވުނު ތާރީޚު އެނގެން ނެތްނަމަ، އެ މުޤައްޔަދަކީ އެ މުޠުލަޤުގައިވާ ކަންތައް އިތުރަށް ބަޔާންކޮށްދޭ އެއްޗެއް ކަމުގައި ބެލުމެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރުގައި އޭގެ މާނައަކީ، އެ މުޤައްޔަދުން އެ މުޠުލަޤު ނަސްޚު ކުުރާ ކަމުގައި ބެލުމެވެ. އަދި އެހެންކަމުން، އެ ދޭއްޗަކީ ޘާބިތުވުމުގައްޔާއި ދަލީލުކޮށްދިނުމުގައި އެއް ދަރަޖައެއްގެ ދޭތިކަމުގައި ވާންޖެހޭނެއެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރުގައި އޭގެ މާނައަކީ، މުޤައްޔަދަށް ޢަމަލުކޮށް، މުޠުލަޤުގެ އެހެނިހެން އަފުރާދުންނަށް ޢަމަލުކުރުން ހުއްޓައިލުމެވެ.
އަދި މުޠުލަޤާ އެއްކޮށް މުޤައްޔަދު އޮތުމުގައި މައިގަނޑު ހަތަރު ސޫރައެއް ވެއެވެ.
ފުރަތަމަ ސޫރައަކީ، މުޠުލަޤާއި މުޤައްޔަދު ޙުކުމާއި ސަބަބުގައި އެއްގޮތްވުމެވެ. އެ ގޮތުން، އެ ދެ ނައްޞަކީ ދެ އަމުރުފަދަ ކަމެއް ސާބިތު ކުރާ ދެ ނައްޞުކަމުގައި ވާނަމަ، މި ހާލަތުގައި މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގޭނެކަމާ މެދު އުޞޫލީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަތެވެ. މިއާ ޚިލާފަށް، އެ ދެ ނައްޞަކީ ދެ ނަފީކަމުގައި ނުވަތަ ދެ ނަހީކަމުގައި ވާނަމަ، މި ހާލަތުގައި މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގޭނެކަމާ މެދު އުޞޫލީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ކަމުގައި އަލްއާމިދީއާއި އިބްނުލްޙާޖިބުފަދަ ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް، އިބްނުއްސުބުކީއާއި އިބްނުއްނައްޖާރުފަދަ އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން، މަފްހޫމަކީ ޙުއްޖަތެއް ކަމުގައި ވިދާޅުވާ ބޭފުޅުން މި ހާލަތުގައި މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގޭނެކަމަށް ވިދާޅުވެއެވެ. މިއާ ޚިލާފަށް، މަފްހޫމަކީ ޙުއްޖަތެއް ނޫން ކަމަށް ވިދާޅުވާ ބޭފުޅުން މި ހާލަތުގައި މުޤައްޔަދުގެ މައްޗަށް މުޠުލަޤެއް ނުނަންގަވަތެވެ.
ދެވަނަ ސޫރައަކީ، މުޠުލަޤާއި މުޤައްޔަދު ޙުކުމާއި ސަބަބުގައި ތަފާތުވުމެވެ. މިސާލަކަށް، ވުޟޫގެ އާޔަތުގައި ދެ އަތް އުޅަނބޮށްޓަށް ޤައިދުކުރުމާއި، ވައްކަމުގެ ޙައްދާ ގުޅޭ އާޔަތުގައި ދެ އަތް މުޠުލަޤުކޮށް އޮތުމެވެ. މި ހާލަތުގައި މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނުނެގޭނެކަމާ މެދު އުޞޫލީ ޢިލްމުވެރިންގެ މެދުގައި ދެބަސްވުމެއް ނެތެވެ.
ތިންވަނަ ސޫރައަކީ، މުޠުލަޤާއި މުޤައްޔަދު ސަބަބުގައި އެއްގޮތްވެ، ޙުކުމުގައި ތަފާތުވުމެވެ. މިސާލަކަށް، ވުޟޫކުރުމާ ގުޅޭ ނައްޞުގައި ދެ އަތް ޤައިދުކުރެވިފައި އޮތުމާއި، ތަޔައްމުމާ ގުޅޭ ނައްޞުގައި ދެ އަތް މުޠުލަޤުކޮށް އޮތުމެވެ. މި ހާލަތުގައި މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނުނެގޭނެކަމަށް އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން ދެކިވަޑައިގަންނަވަތެވެ. ސަބަބަކީ، މި ހާލަތުގައި ޙުކުމް ތަފާތުވެފައި ވުމުން، އެ ދޭތީގެ މެދުގައި ތަޢާރުޟުވުމެއް ނެތީތީއެވެ.
ހަތަރުވަނަ ސޫރައަކީ، މުޠުލަޤާއި މުޤައްޔަދު ސަބަބުގައި ތަފާތުވެފައި، ޙުކުމުގައި އެއްގޮތްވުމެވެ. މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގުމޭ ބުނެވިއްޖެނަމަ، ގިނަ ފަހަރަށް އޭގެ މަޤްޞަދަކަށްވެފައި އޮންނަނީ މި ހާލަތެވެ. މިސާލަކަށް، [رَقَبَة] (އަޅެއް) މި ލަފްޒެވެ. މިއީ، ޡިހާރުގެ ކައްފާރާއާ ގުޅޭ އާޔަތުގައި މުޠުލަޤުކޮށް އައިސްފައިވާ ލަފްޒެކެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. (فَتَحْرِيرُ رَقَبَةٍ) (ސޫރަތުލްމުޖާދަލާ: 3 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، އަޅަކު މިނިވަން ކުރާހުށިކަމެވެ!] އެހެންނަމަވެސް، ޤަތުލުގެ ކައްފާރާއާ ގުޅޭ އާޔަތުގައި [رَقَبَة] (އަޅެއް) އައިސްފައިވަނީ އީމާންކަމަށް ޤައިދުކުރެވި މުޤައްޔަދުކޮށެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. (وَتَحْرِيرُ رَقَبَةٍ مُّؤْمِنَةً) (ސޫރަތުއްނިސާ: 92 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި މުއުމިން އަޅަކު މިނިވަން ކުރުމެވެ.] މި ދެ ނައްޞުގައި ވެސް ވަނީ އެއް ޙުކުމެކެވެ. އެ ޙުކުމަކީ، އަޅަކު މިނިވަން ކުރުމުގެ އަމުރެވެ. އެހެންނަމަވެސް، ސަބަބު ތަފާތެވެ. ފުރަތަމަ އާޔަތުގެ ސަބަބަކީ، ޘިހާރެވެ. އަދި ދެވަނަ އާޔަތުގެ ސަބަބަކީ، ކުށް ޤަތުލެވެ. މި ޤަވާޢިދުގައި ވާ ގޮތަށް، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން މި ހާލަތުގައި މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނަންގަވައެވެ. އެ ގޮތަށް ނަގަން ލާޒިމު ކުރީ ބަހުގެ ގޮތުންތޯ ނުވަތަ ޤިޔާސުންތޯ ކަނޑައެޅުއްވުމުގައި އެ ބޭފުޅުންގެ ތެރޭގައި ރައުޔުތަފާތުވުން އޮތަސް މެއެވެ. މިއާ ޚިލާފަށް، ޙަނަފީންނާއި ބައެއް މާލިކީންނާއި ޙަންބަލީންކުރެ އިބްނު ޝާޤިލާގެ ނަޒަރުގައި، މި ހާލަތުގައި މުޠުލަޤު އޭގެ މުޠުލަޤުކަންމަތީ، އަދި މުޤައްޔަދު އޭގެ މުޤައްޔަދުކަންމަތީ ދެމިއޮންނާނެއެވެ. އެގޮތުން، މި ތަނުގައި މުޤައްޔަދަށް ޢަމަލުކުރެވޭނީ ޤަތުލުގެ ކައްފާރާގައި އެކަންޏެވެ. އަދި މުޠުލަޤު އޭގެ މުޠުލަޤުކަން މަތީ އެހެން ކައްފާރާތަކުގައި އޮންނާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =