[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 90

94ވަނަ ޤަވާޢިދު (ޖުމްލަ 189): كُلُّ مَا جَازَ بِهِ تَـخْصِيْصُ العَامِّ جَازَ بِهِ تَقْيِيْدُ الـمُطْلَقِ

މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމު ތަޚްޞީޞު ކުރުން ހުއްދަ ކޮންމެ އެއްޗަކުން، މުޠުލަޤު ތަޤްޔީދު ކުރުން ހުއްދަ}

މި ޤަވާޢިދުގެ މުރާދު: މުޠުލަޤު ޢާއްމުއާ އެއްގޮތެވެ. އަދި މުޤައްޔަދު ޚާއްޞައާ އެއްގޮތެވެ. އެހެންކަމުން، ޢާއްމުގެ މުޚައްޞިޞަކަށް ވުން އެކަށީގެން ވާ ކޮންމެ ދަލީލަކީ، މުޠުލަޤުގެ މުޤައްޔިދަކަށް ވުމަށް ވެސް އެކަށީގެން ވާ ދަލީލެކެވެ.

މިއަށް ބިނާކޮށް، ޝަރުޠުންނާއި އިސްތިޘްނާއިންނާއި ޞިފައިންނާއި ޣާޔަތުންނާއި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުންނާއި އެކަލޭގެފާނުގެ އިޤުރާރުވުމުންނާއި މަފްހޫމުލްމުވާފަޤާއިންނާއި މަފްހޫމުލްމުޚާލަފާއިންނާއި ޤިޔާސުންނާއި އާދަކާދައިންނާއި ހާލުގެ ޤަރީނާތަކުން މުޠުލަޤު ތަޤްޔީދު ކުރެވިދާނެ އެވެ. އަދި ހަމައެހެންމެ، ޤުރުއާނާއި ސުންނަތުން ޤުރުއާން ވެސް އަދި ސުންނަތް ވެސް ތަޤްޔީދު ކުރެވިދާނެ އެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((صَلاَةُ الـجَمَاعَةِ أَفْضَلُ مِنْ صَلاَةِ الفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً)) މާނައީ: [ޖަމާޢަތުގައި ކުރާ ނަމާދު، އެކަހެރިކޮށް ކުރާ ނަމާދަށްވުރެ، ހަތާވީސް ދަރަޖަ މާތްވެގެން ވެއެވެ.] މި ޙަދީޘްފުޅުގައި އެކަހެރިކޮށް ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ މަތިވެރިކަން ބަޔާންކުރައްވާފައި އެ ވަނީއެވެ. އެކަހެރިކޮށް ކުރާ ނަމާދަށްވުރެ ދަރަޖަ މަތިވެރި ޖަމާޢަތުގައި ކުރާ ނަމާދަކީ މިސްކިތުގައި ޖަމާޢަތުގައި ކުރާ ނަމާދު ކަމަކަށް ނުވަތަ އެހެން ތަނެއްގައި ޖަމާޢަތުގައި ކުރާ ނަމާދު ކަމަކަށް އެ ޙަދީޘްފުޅުގައި ޤައިދުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ބައެއް ޢިލްމުވެރިންގެ ނަޒަރުގައި މި މާތްކަން ލިބުން ޤައިދުކުރެވިފައި ވަނީ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރާނަމައެވެ. އެއީ، އެ ޙަދީޘުގެ އަންނަނިވި ރިވާޔަތަށް ބިނާކުރައްވައެވެ. ((صَلَاةُ الرَّجُلِ فِي الـجَمَاعَةِ تُضَعَّفُ عَلَى صَلَاتِهِ فِي بَيْتِهِ وَفِي سُوقِهِ خَمْسًا وَعِشْرِينَ ضِعْفًا، وَذَلِكَ أَنَّهُ إِذَا تَوَضَّأَ فَأَحْسَنَ الْوُضُوءَ، ثُمَّ خَرَجَ إِلَى الْمَسْجِدِ لَا يُخْرِجُهُ إِلَّا الصَّلَاةُ، لَمْ يَخْطُ خَطْوَةً إِلَّا رُفِعَتْ لَهُ بِهَا دَرَجَةٌ وَحُطَّ عَنْهُ بِهَا خَطِيئَةٌ…)) މާނައީ: [މީހާ ޖަމާޢަތުގައި ކުރާ ނަމާދު، އޭނާ އޭނާގެ ގޭގައްޔާއި އޭނާގެ ބާޒާރުގައި ކުރާ ނަމާދަށްވުރެ ފަންސަވީސް ގުނަ އިތުރުވެގެން ވެއެވެ. އެއީ، އޭނާ ވުޟޫ ކުރާހިނދު، ވުޟޫ ރިވެތިކޮށް ފުރިހަމަކޮށް، އެއަށްފަހު މިސްކިތަށް ދާން ނުކުންނަ ހިނދު، ހަމައެކަނި ނަމާދަށްޓަކައި މެނުވީ ނުނުކުންނަ ކަމުގައި ވާއިރު، އޭނާ އަޅާ ކޮންމެ ފިޔަވަޅަކުން އޭނާ ދަރަޖައަކަށް އުފުއްލެވިގެންވާ ހާލު އަދި އޭނާގެ ފާފައެއް ފުއްސެވިގެންވާ ހާލު މެނުވީ އޭނާ ފިޔަވަޅެއް ނާޅާނެތީއެވެ.] މި ޙަދީޘުގައި ބަޔާންވެފައި އެ ވާ ޢިއްލަތުން، ޖަމާޢަތުގެ ނަމާދުގެ މަތިވެރިކަން މިސްކިތަށް ޤައިދުކުރެއެވެ. އަދި ސުންނަތުން ސުންނަތް ތަޤްޔީދު ކުރުން ހުއްދައެވެ. އެއިން ޢާއްމުކަން ޚާއްޞަ ކުރެވޭފަދައިންނެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =