95ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُطْلَقُ إِذَا قُيِّدَ بِقَيْدَيْنِ مُتَنَافِيَيْنِ طُرِحَا وَبَقِيَ العَمَلُ بِالإِطْلَاقِ
މި ޤަވާޢިދުގެ ތަރުޖަމާ: {ނަފީކުރާ ދެ ޤައިދަކުން މުޠުލަޤު ޤައިދު ކުރެވިއްޖެނަމަ، އެ ދޭތި ދޫކޮށްލެވޭނެ. އަދި މުޠުލަޤުކަމަށް ޢަމަލު ކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞުތަކުގެ ތެރެއިން ތަނެއްގައި މުޠުލަޤު ލަފްޒެއް އައިސްފައި، އެހެން ދެ ތަނެއްގައި އެ މުޠުލަޤު ދެ ގޮތަކަށް ޤައިދުކުރެވިފައި ވާނަމަ، އަދި އެ ދެ ޤައިދަކީ އެކަތި އަނެކަތި ނަފީ ކުރާ ދެ ޤައިދުކަމުގައި ވާނަމަ، އެ ދެ ޤައިދަށް ޢަމަލުކުރުމެއް ނެތި ދޫކޮށްލެވޭނެއެވެ. އަދި އެ މުޠުލަޤުގައިވާ މުޠުލަޤުކަމަށް ޢަމަލު ކުރުން އެ ގޮތުގައި ދެމިއޮންނާނެއެވެ.
މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި އެ ދެ ޤައިދުންކުރެ މުޠުލަޤާ ވައްތަރުކަން ބޮޑު ޤައިދު ބަލައިގަނެވޭނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إِذَا وَلَغَ الكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعَ مَرَّاتٍ إِحْدَاهُنَّ بِالتُّرَابِ)) މާނައީ: [ތިޔަބައިމީހުންކުރެ މީހެއްގެ ކަންވާރަކަށް ކުއްތާ ދޫލައިފިނަމަ (ދަންނާށެވެ!) ފަހެ، ހަތް ފަހަރު އެ ދޮންނަހުށިކަމެވެ! އެ ތަނުން އެއް ފަހަރު ވެލީންނެވެ.] މި ޙަދީޘްފުޅުގައި ވެލިން ދޮންނަންވީ ކޮން ފަހަރެއްގައިކަން، ފުރަތަމަ ފަހަރުގައިކަން ނުވަތަ ފަހު ފަހަރުގައިކަން ޤައިދުކުރުމެއް ނެތި މުޠުލަޤުކޮށް އެ ކަން އެ އޮތީ ދޫކޮށްލައްވާފައެވެ. އެހެންނަމަވެސް، އެއްބައި ރިވާޔަތްތަކުގައި ފުރަތަމަ ފަހަރު ވެލިން ދޮންނަން ޤައިދުކުރެވިފައި ވެއެވެ. އަދި އެހެން ބައެއް ރިވާޔަތްތަކުގައި އެންމެ ފަހު ފަހަރު ވެލިން ދޮންނަން ޤައިދުކުރެވިފައި ވެއެވެ. މި ދެ ޤައިދަކީ އެކަތި އަނެކައްޗާ ފުށުއަރާ ދޭއްޗެވެ. ދެ ޤައިދު އެކަތި އަނެކަތި ނަފީ ކުރާނަމަ، އެ ދެ ޤައިދަށް ވެސް ޢަމަލެއް ނުކުރެވޭނެއެވެ. އަދި އޭރުން މުޠުލަޤު އޭގެ މުޠުލަޤުކަންމަތީ ދެމި އޮންނާނެއެވެ. މި ތަނުގައިނަމަ، ކޮންމެވެސް އެއް ފަހަރު ވެލިން ދޮތުން އޭގެ މުޠުލަޤުކަންމަތީ ދެމި އޮންނާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =