ފޮތުގެ މުހިއްމުކަން
- ހަދީސްތަކުގައި ބަޔާންވެފައިވަނީ އިސްލާމީ އަޤީދާ އަދި ފިޤްހުގެ މުހިންމު ޤަވާއިދުތައް
- ހަދީސްތަކުގެ އުސްލޫބަކީ ޖަވާމިޢުލް ކަލިމް (ކުރު ޢިބާރާތްތަކަކުން މާނަފުން، ބޭނުންތެރި ފިލާވަޅުތަކެއް ދިނުން)
- ފޮތެއްގެ މުހިންމުކަން އެނގޭ އެއްގޮތަކީ އެފޮތް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައި އޮތުމުންނެވެ. މިފޮތް ވަރަށް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު އަދި އެންމެ ފައިދާބޮޑު ޝަރަޙައަކީ އިމާމް އިބްނި ރަޖަބުގެ ޖާމިޢުލް ޢުލޫމުލް ޙިކަމްއެވެ.
الحديث الأول:
عن أَمِيرِ الْمُؤْمِنِينَ، أَبِي حَفْصٍ – عُمَرَ بْنِ الْخَطَّابِ – رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: ((إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ، فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا، أَو امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ((.
[رواه إماما المحدّثين: أبو عبدالله محمـد بن إسماعيل بن إبراهيم بن المغيرة بن بردزبه البخاري الجعفي، وأبو الحسين مسلم بن الحجاج بن مسلم القشيري النيسابوري في صحيحيهما اللذين هما أصح الكتب المصنفة]
ހަދީސްގެ މާނަ:
މާނައީ: އަމީރުލް މުއުމިނީން، އަބޫ ޙަފްޞު، ޢުމަރު ބުން އަލްޚައްޠާބު رضي اللّه عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ޢަމަލުތައް (ބިނާ) ވަނީ، ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވާހުށީ އެމީހަކު އެ ނިޔަތްގަތް ކަމެކެވެ. ފަހެ ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައި ހިޖުރަކޮށްފިމީހާގެ ހިޖުރަވާހުށީ، ﷲއާއި އެއިލާހުގެ ރަސޫލާއަށްޓަކައި ކުރެވުނު ހިޖުރައެއްގެ ގޮތުގައެވެ. އަދި ދުނިޔަވީ ކަމަކަށްޓަކައި ނުވަތަ މީހަކާ ކައިވެނިކުރުމަށްޓަކައި ހިޖުރަކުރިމީހާގެ ހިޖުރަވާހުށީ، އޭނާ އެ ހިޖުރަކުރި ކަމަކަށެވެ.”
ފަހެ މިޙަދީޘް ރިވާކުރައްވާފައިވަނީ ޙަދީޘް ޢިލްމުވެރިންގެ ދެއިމާމުން ކަމުގައިވާ އަބޫ ޢަބްދުﷲ މުޙައްމަދު ބުން އިސްމާޢީލު ބުން އިބްރާހިމު ބުން އަލްމުޣީރާ ބުން ބަރްދިޒްބަހް އަލްބުޚާރީ އަދި އަބުލް ޙުސައިނު މުސްލިމު ބުން އަލްޙައްޖާޖު ބުން މުސްލިމު އަލްޤުޝައިރިއްޔު އައްނައިސާބޫރިއްޔު رضي اللّه عنهما އެދެބޭކަލުންގެ ޞަޙީޙައިނިގައެވެ. އެދެފޮތަކީ ޙަދީޘް ޢިލްމުގައި ލިޔެފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ޞައްޙަ ދެފޮތެވެ.
ހަދީސްގެ މުހިންމުކަން:
- މިހަދީސަކީ އިސްލާމްދީނުގެ ތިންބައިކުޅަ އެއްބައިކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
- ފޮތެއް ފަށާނަމަ، އޭގެ ފެށުމަކަށް ވަރަށް ގިނަ ޢިލްމުވެރިން މިހަދީސް ހިމަނުއްވައެވެ.
- އަޅަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ހުރިހާ ކަމެއްގައިވެސް އޭނަގެ ނިޔަތް ތެދުވުމެވެ.
- ފިޤްހު ޢިލްމުގެ މައި ޤަވާއިދުތަކުގެ ތެރެއިން އެއް ޤަވާއިދު ބިނާވެފައިވަނީ މި ހަދީސްގެ މައްޗަށެވެ.
އެއީ: الأُمُوْرُ بِمَقَاصِدِهَا (ކަންކަމުގައި ޙުކުމް ކަނޑައެޅެނީ އޭގެ މަޤްޞަދަށް ބިނާކޮށެވެ.)
ހަދީސް އެކުލެވިފައިވާގޮތް:
މި ހަދީސްގައިވަނީ ދެ ޖުމްލައާއި އަދި ދެމިސާލެވެ.
ދެ ޖުމްލައިގައިވަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެފައިވާ ޤަވާޢިދުތަކެވެ. ދެމިސާލުގައިވަނީ ދެޖުމްލައިގެ ޝަރަޙައެވެ.
ދެ ޖުމްލައަކީ:
إنَّمَا الْأَعْمَالُ بِالنِّيَّاتِ
وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
ދެ މިސާލަކީ
فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ، فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ
وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا، أَو امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ
إنما ދަލީލުކޮށްދެނީ ޙަޞްރުކުރުމަށެވެ.
الأعمال ޢަމަލުތަކުގެ ތެރޭގައި ހިތުގެ ޢަމަލުތަކާއި، ދުލުގެ ޢަމަލުތަކާއި، ގުނަވަންތަކުގެ ޢަމަލުތައް ހިމެނެއެވެ.
بالنيات: ނިޔަތުގެ މާނައަކީ ކަމަކަށް ޤަސްދުކުރުމެވެ.
هجرة: އެއްރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ހިޖުރަކުރުމެވެ. އަދި ގޯސް ޙާލަތަކުން ރަނގަޅު ޙާލަތަކަށް ބަދަލުވުމަކީވެސް ހިޖުރަކުރުމެވެ. މިސާލަކަށް ބޮޑެތި ފާފަތައް ކުރަމުންއައި މީހަކު ފާފަކުރުން ދޫކޮށްލާ، ރަނގަޅު ޞާލިޙް މީހަކަށްވުމަކީވެސް ހިޖުރަކުރުމެކެވެ.
އަދި އެއީ ޝަރުޢީ އިޞްތިލާޙުގައި ކާފިރުންގެ ރަށް ދޫކޮށް މުސްލިމުންގެ ރަށަށް ބަދަލުވުމެވެ.
ހަދީސާއި ގުޅުންހުރި އެހެން ބައެއް ނައްޞުތަކާއި އާޘާރުތައް
﴿وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا﴾ [ފުރުޤާން 23]
މާނައީ: ”އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.”
އާދެ މިއާޔަތުގައި މިވަނީ ދެއްކުންތެރިކަމާއެކު ދުނިޔެމަތީގައި ޢަމަލުތައް ކޮށްއުޅުނު މީހުންގެ ވާހަކައެވެ.
مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ [ހޫދު 15، 6]
މާނައީ: “ދުނިޔޭގެ ދިރިއުޅުމާއި އެދުނިޔޭގެ ޒީނަތްތެރި ކަމަށް އެދޭމީހާ ދަންނާށެވެ. އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާންގެ އެއުރެންނަށް އެތާންގައި ހަމައަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާންގައި އުނި ނުކުރެއްވޭހުއްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުނެވެ. އަދި އެއުރެންކުޅަ ޢަމަލުތައް، އެތާންގައި ބޭކާރު ވެގެންވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލުވެގެން ވެއެވެ.”
ހެޔޮ ކަމެއްކުރުމުގެ ނިޔަތް އޮވެ، ދިމާވި ކަމެއްގެ ސަބަބުން އެކަންކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް އެމީހަކަށް އެހެޔޮ ޢަމަލުކުރުމުގެ އަޖުރު ލިބޭނެއެވެ. އަންނަނިވި ހަދީސުން އެކަން ދަލީލްކޮށްދެއެވެ.
«إِذَا مَرِضَ العَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا» [صحيح البخاري]
މާނައީ: ”(ﷲގެ) އަޅާ ރަށުގައި ޤާއިމުވެ، ހެޔޮ ޙާލުގައިހުރެ (ޤަވާޢިދުން) ކުރާ ޢަމަލުތައް، އޭނާ ބަލިވެގެން ނުވަތަ ދަތުރުމަތީގައިވުމުގެ ސަބަބުން ނުކުރެވުނުކަމުގައިވިޔަސް އެ ޢަމަލުތަކުގެ އަޖުރު އޭނައަށް ލިޔުއްވޭނެއެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞައްޙަ ޙަދީޘެއްގައިވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.
إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ. قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ ثُمَّ أُلْقِيَ فِي النَّارِ. [رواه مسلم]
މާނައީ: “ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ޝަހީދުވި މީހެއްގެ އެވެ. އޭނަ ގެނެވޭނެއެވެ. ދެން(ޝަހީދެއްގެ ދަރަޖަ ހާސިލްކުރުމަށްޓަކައި) އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ ޝަހީދުވަންދެން އިބަ އިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ. އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ ކަލޭތީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. (ދުނިޔެމަތީގައި) މީސްތަކުން ކަލޭތީ ބަޠަލެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެވަނަމީހަކީ ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭން އުޅުނު މީހެކެވެ. އަދި ޤުރުޢާން ކިޔަވައިދޭން އުޅުނު ޤާރީއެކެވެ. އޭނާ ގެނެވޭނެއެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ އިލްމު އުނގެނި އެޢިލްމު އުނގަންނައިދިނީ އެވެ. އަދި އިބަ އިލާހައްޓަކައި ޤުރުއާން ކިޔެވީމެވެ. އެއަށްފަހު އޭނައަށް ބުނެވޭނެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ޢިލްމު އުނގެނުނީ މީސްތަކުން ކަލޭތީ ޢާލިމެކޭ ބުނޭތޯއެވެ. އަދި ކަލޭ ޤުރުއާން ކިޔަވާ އުޅުނީ ކަލޭތީ ޤާރީ އެކޭ ބުނެއުޅުމަށްޓަކައެވެ. ދެން ބުނެވޭނެއެވެ. ދުނިޔެމަތީގައި މީސްތަކުން ކަލޭ އެދުނު ގޮތަށް ޤާރީއެކޭ ، ޢާލިމެކޭ ބުނެއުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ތިންވަނަ މީހަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވި މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ. ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ.”
ޢަބްދުﷲ ބުން މުބާރަކް ވިދާޅުވިއެވެ.
“ނިޔަތުގެ ސަބަބުން ކުޑަ ޢަމަލެއްވެސް މަތިވެރިވެގެންދެއެވެ. އަދި ނިޔަތުގެ ސަބަބުން ބޮޑު ޢަމަލެއްވެސް ކުޑަކަމަކަށްވެގެންދެއެވެ.”
_________________________
އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް