[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 92

96ވަނަ ޤަވާޢިދު (ޖުމްލަ 189): نَفْيُ الـمُطْلَقِ يَسْتَلْزِمُ نَفْيَ الـمُقَيَّدِ

މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ނަފީ ކުރުމުން، މުޤައްޔަދު ނަފީވުން ލާޒިމު ކުރޭ}

މި ޤަވާޢިދުގެ މުރާދު: ޤައިދުތަކުންކުރެ ޤައިދެއް ކުރެވިފައިވާ މުޠުލަޤެއް ނަފީ ކޮށް އެ މުޠުލަޤުގެ ޙުކުމް އުވާލައިފިނަމަ، އެ ނަފީއަކީ އެ މުޤައްޔަދަށް ވެސް އޮތް ނަފީއެކެވެ. އެހެނީ، މުޤައްޔަދަކީ މުޠުލަޤުގެ ތެރެއިންވާ ބަޔެކެވެ. އަދި މުޅި އެތި އުވައިލުމީ، އޭގެ ބައިކުޅަބައި ވެސް އުވައިލުމެވެ.

އެގޮތުން، މީހަކު [ތިމަން ﷲ އަށާއި އާޚިރަތްދުވަހަށާއި މަލާއިކަތުންނަށާއި ފޮތްތަކަށާއި ރަސޫލުންނަށް އީމާން ވަމޭ] ބުނެ ދަޢުވާ ކުރުމުން، އަނެކާ [ތިބާއީ މުއުމިނެއް ނޫނޭ] ބުނެ ރައްދު ދީފިނަމަ، އީމާން ވާކަމަށް ދަޢުވާ ކުރި މީހާގެ އީމާންކަން އޭނާ ނަފީ ކުރި ކުރުމަކީ، އީމާންކަމުގެ ހުރިހާ ޤައިދުތަކާއި އަފުރާދުން ވެސް ނަފީ ކުރުން ކަމުގައި ބެލެވޭނެއެވެ. އޭގެ ތެރޭގައި، ﷲ އަށް އީމާންވުމާއި އާޚިރަތްދުވަހަށް އީމާންވުމާއި މަލާއިކަތުންނަށް އީމާންވުމާއި ބާވައިލެއްވުނު ފޮތްތަކަށް އީމާންވުމާއި ރަސޫލުންނަށް އީމާންވުން ހިމެނެއެވެ. ސަބަބަކީ، މިއީ ހައްތަހާ ވެސް އީމާންކަމުގެ ޤައިދުތަކާއި އަފުރާދުން ކަމުގައި ވާތީއެވެ. އެހެންކަމުން، އީމާންކަން ނަފީ ކުރުމުން، މި ކަންކަން ވެސް ނަފީ ކުރީ ކަމުގައި ބެލެވޭނެއެވެ.

މިއާ ޚިލާފަށް، މުޤައްޔަދު ނަފީ ކުރުމުން، މުޠުލަޤު ނަފީވުން ލާޒިމެއް ނުކުރެއެވެ. ސަބަބަކީ، އެ ނަފީ ރުޖޫޢަވަނީ ޤައިދަށް ކަމުގައި ވާތީއެވެ. އެ މުޠުލަޤުގެ ޒާތަށް ކަމުގައި ނުވާތީއެވެ. އެގޮތުން، މީހަކު [ކާފިރު އަޅަކު މިނިވަން ނުކުރާށޭ] ބުނެފިނަމަ، ކާފިރުކަމަށް ޤައިދު ކުރެވިފައިވާ އަޅުމީހާ ނަފީކޮށް އެ އުވައިލުމުން، އޭގެ ޒާތުކަމުގައިވާ އަޅަކު މިނިވަން ކުރުން ނެތިގެނެއް ނުދެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ) (ސޫރަތުލްބަޤަރާ: 8) މާނައީ: [އަދި އީމާންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވެއްޖައީމު އޭ ބުނާ ބަޔަކު، މީސްތަކުންގެ ތެރެއިން ވެއެވެ.] މި އާޔަތުގައި އެ ދަޢުވާ ކުރާ މީހުންގެ ދަޢުވާ ﷲ ތަޢާލާ އެ ވަނީ މުޠުލަޤުކޮށް ނަފީ ކުރައްވާފައެވެ. އެ މީހުންގެ އީމާންކަން މުޠުލަޤުކޮށް ނަފީ ކުރުމުން، އޭގެ ތެރެއަށް ވަންނަ އެންމެހާ އަފުރާދުންނެއް ވެސް ނަފީވެގެން ދާނެއެވެ. އޭގެ ތެރޭގައި، އެ މީހުން ﷲ އަށް އީމާން ވާކަމާއި އާޚިރަތްދުވަހަށް އީމާން ވާކަން ނަފީ ކުރުން ހިމެނެއެވެ. ސަބަބަކީ، މުޠުލަޤު ނަފީ ކުރުމުން، މުޤައްޔަދު ނަފީވުން ލާޒިމު ކުރާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =