97ވަނަ ޤަވާޢިދު (ޖުމްލަ 189): الكَلَامُ الـمُقَيَّدُ بِقَيْدٍ مُصَبُّ الإِثْبَاتِ وَالنَّفْيِ عَلَى ذَلِكَ القَيْدِ
މި ޤަވާޢިދުގެ ތަރުޖަމާ: {ޤައިދަކުން މުޤައްޔަދު ކުރެވިފައިވާ ވާހަކައިގައި، ސާބިތު ކުރުމާއި ނަފީ ކުރުން ބިނާކުރެވޭ ހުށީ އެ ޤައިދުގެ މައްޗަށް}
މި ޤަވާޢިދުގެ މުރާދު: ދައްކާ ވާހަކައިގައި ހަމައެކަނި ކަމެއް ސާބިތު ކުރުމާއި ނަފީ ކުރުމަށްވުރެ އިތުރު ޤައިދެއް އެކުލެވިފައި ވާނަމަ، އެ ޤައިދަކީ އެ ވާހަކައިގެ މަޤްޞަދެވެ. އަދި އެ ވާހަކައިން ފައިދާ ލިބިގަންނަންވީ ތަނެވެ. އަދި ގިނަ ފަހަަަރަށް، ސާބިތު ކުރުމާއި ނަފީ ކުރުން ބިނާވެފައި އޮންނަ ހުށީ އެ ޤައިދުގެ މައްޗަށެވެ. އެ ގޮތުން، [ތިމަން އައީ އެއްޗަކަށް އަރައިގެންނޭ] ބުނެފިނަމަ، އޭގެ މަޤްޞަދަކީ، އައުމުގައި އެއްޗަކަށް އަރައިގެން އައިކަމުގެ ޚަބަރު ދިނުމެވެ. އައިކަން ސާބިތު ކުރުމެއް ނޫނެވެ. ހަމައެގޮތަށް، [ތިމަން އެއްޗަކަށް އަރައިގެނެއް ނާންނަމޭ] ބުނެފިނަމަ، އޭގެ މަޤްޞަދަކީ ވެސް، އައުމުގައި އެއްޗަކަށް ނާރާކަމުގެ ޚަބަރު ދިނުމެވެ. އައިކަން ނަފީ ކުރުމެއް ނޫނެވެ.
ކޮންމެއަކަސް، މި ޤަވާޢިދުގައި މި ވަނީ ދައްކާ ވާހަކައިގައި ރާޖިޙު ކުރެވޭ އަދި ގިނަ ފަހަރަށް ބޭނުން ކުރެވޭ ގޮތެވެ. އެހެންނަމަވެސް، ބައެއް ލަފްޒުތަކާއި ޞީޣާތަކުގައި ސާބިތު ކުރުމާއި ނަފީ ކުރުން ކުރިމަތިކުރެވިފައި އޮންނަނީ މުޤައްޔަދަށް ނުވަތަ ޤައިދު ކުރެވިފައި އެއްޗަށެވެ. އެ ގޮތުން، މީހެއްގެ އެއްވެސް ދަރިޔަކު ނެތްނަމަ ނުވަތަ ދަރިޔަކު ހުރެމެ އޭނާއަށް އަޅައިނުލާނަމަ، [އެވެނި މީހަކަށް އަޅައިލާނޭ ދަރިޔަކު ނުވެޔޭ] ބުނެވިދާނެ އެވެ. ހަމައެހެންމެ، މުޙައްމަދަކީ ޢަލީ ނޫން އެހެން މީހެއްގެ އަޚެއް ކަމުގައި ވާނަމަ ނުވަތަ އެއްވެސް މީހެއްގެ އަޚަކަށް ނުވާނަމަ، [މުޙައްމަދަކީ ޢަލީގެ އަޚެއް ނޫނޭ] ބުނެވިދާނެ އެވެ.
އަދި ފަހަރުގައި، ޤައިދަށާއި މުޤައްޔަދަށް ވެސް ނަފީ ރުޖޫޢަވެދާނެ އެވެ. ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގައި ވާފަދައިންނެވެ. (مَا لِلظَّالِمِينَ مِنْ حَمِيمٍ وَلا شَفِيعٍ يُطَاعُ) (ސޫރަތު ޣާފިރު: 18 ވަނަ އާޔަތުގެ އެއްބައި) މާނައީ: [(އެ ދުވަހުން) އަނިޔާވެރިންނަކަށް ރަޙުމަތްތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ ޝަފާޢަތްތެރިޔަކު ވެސް ނުވެއެވެ.] އެބަހީ، އެ މީހުންނަށް ކިޔަމަންގަންނަ ޝަފާޢަތްތެރިޔަކު ނުވާ ފަދައިން، ޝަފާޢަތްތެރިޔަކު ވެސް ނުވެއެވެ. އެހެންކަމުން، ޝަފާޢަތެއް ވެސް ނުވެއެވެ. އަދި އެ ކިޔަމަންގަތުމެއް ވެސް ނުވެއެވެ. މި ތަނުގައި ޝަފާޢަތްތެރިޔާއަކީ މުޤައްޔަދެވެ. ކިޔަމަންގަންނައަކީ ޤައިދެވެ.
އަދި މި ތަނުގައި ފާހަގަކޮށްލުން މުހިއްމު އަނެއް ނުކުތާއަކީ، ޢަރަބިބަހުގެ ނަޙޫ ޢިލްމުވެރިންނާއި އަހުލުލްބަޔާނުން ވިދާޅުވާ ގޮތުން، އެ ޤައިދަކީ ކަމެއް ސާބިތު ކޮށްދިނުމަށް އެކަށީގެންވާ ޤައިދެއް ކަމުގައި ވެފައި، އެއަށްފަހު މެނުވީ އެއަށް ނަފީ ކުރުން ވަދެފައި ނުވާނަމަ، ނަފީ ކުރުމާއި ސާބިތު ކުރުން އެ ޤައިދަށް އަމާޒެއް ނުކުރެވޭނެ އެވެ. އަދި އެ ޤައިދަކީ ކަމެއް ސާބިތު ކޮށްދިނުމަށް އެކަށީގެންވާ ޤައިދެއް ކަމުގައި ނުވާނަމަ، ނަފީ ކުރުން އެއަށް އަމާޒެއް ނުކުރެވޭނެއެވެ. އަދި ކިއެއްތަ! އެ ހާލަތުގައި އެ ވާހުށީ ނަފީ ކުރެވޭ ކަންތަކަށް އޮތް ޤައިދެއް ކަމުގައެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَوَيْلٌ لِّلْمُصَلِّينَ (4) الَّذِينَ هُمْ عَن صَلاتِهِمْ سَاهُونَ (5) الَّذِينَ هُمْ يُرَاؤُونَ (6) وَيَمْنَعُونَ الْمَاعُونَ) (ސޫރަތުލްމާޢޫން: 4 ން 7 ށް) މާނައީ: [ފަހެ، ނަމާދު ކުރާ މީހުންނަށް ގެއްލުމާ ހަލާކު ހުށްޓެވެ. އެއުރެންނީ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބޭ މީހުންނެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ. އަދި الـمَاعُونَ މަނާކުރާ މީހުންނެވެ.] މި ތަނުގައި ސާބިތު ކުރައްވާފައި އެ ވާ ގެއްލުމާއި ހަލާކު، އަމާޒު ކުރެވިފައި ވަނީ، މުޤައްޔަދަކަށް ނުވަތަ ޤައިދު ކުރެވޭ ކަންތަކަށެއް ނޫނެވެ. އެއީ، މުޠުލަޤުކޮށް ނަމާދު ކުރާ މީހުންނެވެ. އެހެނެއްކަމަކު، އެ އަމާޒު ކުރެވިފައި ވަނީ، ކަނޑައެޅިގެންވާ ސާފު ޤައިދުތަކަކުން ޤައިދު ކުރެވިފައި ވާ ނަމާދު ކުރާ ވަކި ބަޔަކަށެވެ. އެ ޤައިދުތަކަކީ، ނަމާދު މަތިން ހަނދުމަނެތިކޮށް އުޅޭ މީހުންނާއި ކުޅިވަރެއް ކަމުގައި ހަދައިގެން ނަމާދު ކުރާ މީހުންނާއި، ނަމާދު ކުރާއިރު ދެއްކުންތެރިކަމާ އެކު ނަމާދު ކުރާ މީހުންނާއި، ޙައްޤުވެރިންނަށް އެ މީހުންގެ ޙައްޤުތައް އަދާ ނުކުރާ މީހުންނެވެ. (ނޯޓު: الـمَاعُونَ ގެ ތަފްސީރާ ގުޅޭ ގޮތުން ތަފްސީރު ޢިލްމުވެރިންގެ ތެރޭގައި ތަފާތު އެކި ރައުޔުތައް ވެއެވެ.) އެހެންކަމުން، އަޒާބު ސާބިތު ކުރެއްވުން އަމާޒުކުރެވިފައި އެ ވަނީ، އެ އާޔަތްތަކުގައި ވާރިދުވެފައި އެ ވާ ޤައިދުތަކަށެވެ. މުޤައްޔަދަށް އަމާޒު ކުރެވިފައެއް ނުވެއެވެ. މި ޤަވާޢިދުން ލާޒިމު ކުރަނީ އެ ގޮތެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =