[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 94

98ވަނަ ޤަވާޢިދު (ޖުމްލަ 189): ظَوَاهِرُ النُّصُوصِ تُقَيَّدُ بِمَا يُعْقَلُ مَعْنَاهُ وَتَشْهَدُ لَهُ قَوَاعِدُ الشَّرْعِ

މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞުތަކުގެ ޡާހިރުތައް ބުއްދިއަށް މާނަ ކުރެވޭ ގޮތްތަކުން ޤައިދު ކުރެވޭނެ، އަދި އެއަށް ޝަރުޢުގެ ޤަވާޢިދުތައް ހެކިވޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއް އައިސްފައިވާއިރު، އެ ނައްޞު ވިސްނައިގަތުމުގައި، އޭގައިވާ ލަފްޒުން އިޙްތިމާލު އުފައްދައިދޭ ގޮތްތަކުންކުރެ ވަކި ގޮތަކަށް އެ ނައްޞުގެ ޡާހިރުން މަގުދައްކައިދިނުމަށް ބުއްދީގެ ދަލީލުން ޤަޠުޢީކޮށް ނިޔާކަނޑައަޅާނަމަ، ބުއްދިން ދައްކައިދިން މަގަކީ އެ ނައްޞުން ދޭހަކޮށްދޭ މާނަތަކުންކުރެ މާނައެއްގައި އެ ނައްޞު ނެގުމުގައި ބަރޯސާވެވޭނެ އެއްޗެކެވެ.

މި ޤަވާޢިދަށް ޢަމަލު ކުރުމުގައި ބުއްދީގެ ދަލީލުތަކުގެ ތެރެއިން ބޭނުންކުރެވޭނީ ބުއްދީގެ ދަލީލުތަކުންކުރެ ޤަޠުޢީ ދަލީލުތަކެވެ. މިއާ ޚިލާފަށް، ބުއްދީގެ ދަލީލުތަކުގެ ތެރެއިން ޡައްނީ ދަލީލުތަކަކީ، ނައްޞުތަކުގެ މަގުދައްކައިދީ އެ ތަފްސީރު ކުރުމުގައި ބަރޯސާވެވޭނޭ އެއްޗެއް ނޫނެވެ. އަދި ހަމައެފަދައިން، މި ޤަވާޢިދަށް ޢަމަލު ކުރެވޭނީ، ދަލީލުތަކުގެ ތެރެއިން ޡައްނީ ދަލީލުތަކުގައެވެ. ސަބަބަކީ، ބުއްދީގެ ޤަޠުޢީ ދަލީލަކީ ޙަޤީޤީ ގޮތުން ޝަރުޢީ ޤަޠުޢީ ދަލީލަކާ ފުށުއަރާނޭ އެއްޗެއް ކަމުގައި ނުވާނެތީއެވެ. އެހެނީ، ތަޢާރުޟުވުން ނުވަތަ ފުށުއެރުމީ ދެ ޤަޠުޢީ ދަލީލުގެ މެދުގައި ހިނގާނޭ ކަމެއް ނޫނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ބުއްދީގެ ދަލީލުން ނައްޞުގެ ޢާއްމުކަން ޚާއްޞަ ކުރުމާ ގުޅޭ މިސާލުުތަކުގެ ތެރެއިން، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ) (ސޫރަތުއްނިސާ: 1 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބަށް ތަޤުވާވެރިވާށެވެ!] އަޅުގަނޑުމެންގެ ބުއްދިން ވިސްނެނީ، މޮޔައިންނަށާއި ކުޑަކުދިންނަށް ﷲ ތަޢާލާގެ އެންގެވުން އަމާޒު ކުރުން ޞައްޙަވެގެން ނުވާކަމެވެ. އެހެންކަމުން، މި އެންގެވުމީ މޮޔައިންނާއި ކުޑަކުދިންނަށް އަމާޒު ކުރެވިފައި އެންގެވުމެއް ނޫން ކަމެވެ. ވީއިރު، މި އާޔަތުގެ ޢާއްމުކަން ބުއްދިން ޚާއްޞަ ކުރެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =