[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 95

99ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُجْمَلُ يُـحْمَلُ عَلَى الـمُبَيَّنِ

މި ޤަވާޢިދުގެ ތަރުޖަމާ: {މުބައްޔަނުގެ މައްޗަށް މުޖުމަލު ނެގޭނެ}

މި ޤަވާޢިދުގެ މުރާދު: މުޖުމަލުކޮށް ހުންނަ ނައްޞުތަކުގެ ބަޔާން ހޯދަން މަސައްކަތްކުރުން މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އެ ގޮތުން، މުޖުތަހިދު ޢިލްމުވެރިޔާއަށް ބަޔާން ހޯދިއްޖެނަމަ، އެ ބަޔާނުގެ އަލީގައި އެ މުޖުމަލުގައި ވާ އެއްޗެއް ދޭހަކޮށް އެ ތަފްސީރު ކުރުން އެ ބޭފުޅާއަށް ވާޖިބު ވާނެ އެވެ. ޚާއްޞަގެ މައްޗަށް ޢާއްމު ނެގުމުގައްޔާއި މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގުންފަދަ ނައްޞުތައް ތަފްސީރު ކުރުމާ ގުޅޭ އެހެނިހެން ޤަވާޢިދުތަކުގައި ވެސް ކަންތައް އޮންނަ ބީދައިންނެވެ.

ދެން ފަހެ، މުޖުމަލުގެ ބަޔާން ތަފްސީލުކޮށް، ފުރިހަމައަށް، ތައުވީލުގެ ހުރިހާ އިޙްތިމާލެއް ވެސް ފިލުވައި ދޭ ގޮތަށް އޮވެދާނެ އެވެ. އެ ހާލަތުގައި، އެ މުޖުމަލް ޤަޠުޢީކޮށް ދަލީލުކޮށްދޭ މުފައްސަރަކަށް ބަދަލުވެގެން ދާނެއެވެ. އަދި މުޖުމަލުގެ ބަޔާން ތަފްސީލުކޮށް، އެންމެ ފުރިހަމަ ނޫންކޮށް، އަދި ތައުވީލުގެ އިޙްތިމާލު ފިލުވައި ނުދޭ ގޮތަށް އޮވެދާނެ އެވެ. އެ ހާލަތުގައި، އިޖުމާލުން އިޝްކާލަށް ލަފްޒު ފުރޮޅިގެން ދާނެ އެވެ. އަދި އޭރުން، ލަފްޒު ވަށައިގެންވާ ޤަރީނާތަކާއި ޢަލާމާތްތައް ހޯދާބަލައި ވިސްނައި ފިކުރު ހިންގައިގެން، ދަލާލަތުއްސިޔާޤަށް ގޮތް ކަނޑައަޅައި، އެ އަޑިގުޑަން ފިލުވައިލުމުގެ ޙައްޤު މުޖުތަހިދު ޢިލްމުވެރިޔާއަށް ލިބިގެން ވެއެވެ. އަދި އެހާރުން، އެ މުޖުމަލު އިތުރަށް ބަޔާންކޮށްދިނުމަށްޓަކައި ޝަރުޢުކުރައްވާ ފަރާތުގެ އިތުރު ބަޔާނަކަށް ބޭނުންޖެހިގެނެއް ނުވެއެވެ. ޝަރުޢުކުރައްވާ ފަރާތުން ބަޔާނުގެ ދޮރު ހުޅުވައިލާފައި ވުމުން ފުދެއެވެ. މުޖުތަހިދު ޢިލްމުވެރިޔާއަށް އޮތީ އެ ކަމަށް އޮތް މަގު ފުރިހަމަކުރުމެވެ.

އަދި ޤުރުއާނުގައިވާ ތަކުލީފީ ޙުކުމްތަކާ ގުޅޭ ނައްޞުތަކުގައި މުޖުމަލެއް ވާނަމަ، އެ މުޖުމަލެއް ﷲ ތަޢާލާ ވަނީ ޤުރުއާނުގެ އެހެން ނައްޞެއްގެ ޒަރީއާއިން ނުވަތަ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ ޒަރީއާއިން ބަޔާންކޮށްދެއްވާފައި ކަމަށް ޢިލްމުވެރިން ކަނޑައަޅުއްވާފައި ވެއެވެ. އެހެންކަމުން، ޤުރުއާނުން އިސްތިންބާޠު ކުރަން އެދޭ މީހާގެ މައްޗަށް ލާޒިމުވެގެން ވަނީ، މުޖުމަލުތަކުގެ ބަޔާންތައް ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުން ހޯދުމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ) (ސޫރަތުލްބަޤަރާ: 43 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ!] އަދި މި ގޮތަށް ނަމާދު ޤާއިމު ކުރުމަށް ޖުމްލަ ގޮތެއްގައި އަމުރުވެވިގެންވާ އެހެނިހެން އާޔަތްތައް ވެސް މެއެވެ. މި އާޔަތުގައި އަދި މިފަދަ ޖުމްލަކޮށް ހުންނަ އާޔަތްތަކުގައި، ފަރުޟު ނަމާދުތަކުގެ އަދަދާއި އޭގެ ވަގުތުތަކާއި ކުރަންވީ ގޮތާއި އޭގެ ވާޖިބުތަކާއި ސުންނަތްތަކާއި އެ ފަސާދަ ކުރާ ކަންކަން ބަޔާންވެފައެއް ނުހުރެއެވެ. އެހެންނަމަވެސް، އެފަދަ ހުރިހާ ކަމެއްގެ ބަޔާން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވެއެވެ. އެހެންކަމުން، ނަމާދު ކުރުމަށް އޮތް މުޖުމަލު ނައްޞު، ނަމާދުގެ ބަޔާން އޮންނަ މުބައްޔަނު ނައްޞުތަކުގެ އަލީގައި މާނަކުރަން ވާނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =