100ވަނަ ޤަވާޢިދު (ޖުމްލަ 189): حَمْلُ الـمُجْمَلِ عَلَى أَحَدِ مَعْنَيَيْهِ الـمُتَسَاوِيَيْنِ دُوْنَ دَلِيْلٍ غَيْرُ جَائِزٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލެއް ނެތި، މުޖުމަލުގެ ހަމަހަމަ ދެ މާނައިގެ ތެރެއިން އެއް މާނައެއްގެ މައްޗަށް މުޖުމަލު ނެގުން ހުއްދައެއް ނޫން}
މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުގެ ނައްޞުތަކުގައި އެތަކެއް މާނައެއް އެކުލެވޭ މުޖުމަލު ލަފްޒުތަކެއް (އަދި އޭގެ ތެރެއަށް މުޝްތަރަކު ވެސް ވަދޭ) އައިސްފައި، އޭގެ މުޖުމަލުކަން ފިލުވައިލާނޭ ބަޔާނެއް އައިސްފައި ނުވާނަމަ، އެ މުޖުމަލުން އިޙްތިމާލު އުފައްދައިދޭ މާނަތަކުގެ ތެރެއިން މާނައެއްގައި އެ މުޖުމަލު ނެގުން ހުއްދަވެގެން ނުވެއެވެ. އެއީ، ދަލީލުކޮށްދިނުމުގައި އެ ހުރިހާ މާނައެއް ވެސް ދަރަޖައިގެ ގޮތުން ހަމަހަމަވާތީއެވެ. އެ ހާލަތުގައި އެއިން ވަކި މާނައެއްގައި އެ މުޖުމަލު ނަގައިފި މީހާ، ދަލީލުނެގުމުގައި ހައްދުތަކުން ބޭރުވެ، ތަރުޖީޙު ދޭނޭ އެއްޗެއް ނެތި ތަރުޖީޙު ދީފި އެވެ. މިއީ، ބާޠިލު ކަމެކެވެ. ދަލީލުނެގުމުގައި މި ގޮތް ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި ޞައްޙަވެގެން ނުވެއެވެ. އެހެނެއްކަމަކު، އެ ހާލަތުގައި އޭނާގެ މައްޗަށް އޮތީ، އެއިން މާނައަކަށް ތަރުޖީޙު ދޭނޭ ކަމެއް ފެނޭތޯ އެހެން ދަލީލުތަކަށް ނަޒަރުހިންގުމެވެ. އެހެން ދަލީލެއް ފެނިއްޖެނަމަ، އެ ގޮތަކަށް ޢަމަލު ކުރާނީއެވެ. ނޫންނަމަ، ވަކި ކޮޅެއް އިޚްތިޔާރު ނުކޮށް ހުއްޓި ހުންނާނީއެވެ.
ދެން ފަހެ، ޝަރުޢުކުރައްވާ ފަރާތުން ބައެއް ފަހަރު މުރާދު ސާފުކޮށް ބަޔާންވެފައިވާ ލަފްޒުތައް ބޭނުންކުރައްވަތެވެ. އަދި ބައެއް ފަހަރު މުރާދު ފޮރުވިފައިހުންނަ ޖުމްލަކޮށް ހުންނަ ލަފްޒުތައް ބޭނުންކުރައްވަތެވެ. އެއިން ކޮންމެ ހާލަތެއްގައި ވެސް ޙިކުމަތެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޙިކުމަތަކީ، މުކައްލަފުން އިމްތިޙާނު ކުރެއްވުމެވެ.
ކޮންމެއަކަސް، ޝަރުޢުކުރައްވާ ފަރާތުގެ ނައްޞުތަކުގައި އެތަކެއް މާނައެއް އެކުލެވޭ މުޖުމަލު ލަފްޒުތަކެއް (އަދި އޭގެ ތެރެއަށް މުޝްތަރަކު ވެސް ވަދޭ) އައިސްފައި ވާނަމަ، އޭގައި ދެ ހާލަތެއް ވެއެވެ. ފުރަތަމަ ހާލަތަކީ، އޭގެ މުޖުމަލުކަން ފިލުވައިލާނޭ އަދި އޭގެ މާނަ ސާފުކޮށްދޭނޭ ބަޔާނެއް އައިސްފައި ވުމެވެ. މި ހާލަތުގައި، އެ މުބައްޔަނުގައިވާ މާނައިގައި އެ މުޖުމަލު ނެގޭނެއެވެ. އިސްވެދިޔަ ޤަވާޢިދުގައި މި ވާހަކަ ވާނީ ބަޔާންވެފައެވެ. ދެވަނަ ހާލަތަކީ، މި ޤަވާޢިދުގައި ވާހަކަ މި ދެކެވޭ ހާލަތެވެ.
މި ޤަވާޢިދުގެ މިސާލަކީ، ޖާބިރު ބްނު ޢަބްދިﷲ ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވާ އަންނަނިވި ބަސްފުޅެވެ. ((كَانَ مُعَاذٌ يُصَلِّي مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ يَأْتِي قَوْمَهُ فَيُصَلِّي بِهِمْ)) މާނައީ: [މުޢާޛު، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ނަމާދު ކުރައްވާ ކަމުގައި ވިއެވެ. ދެން އެއަށްފަހު، އެ ބޭފުޅާގެ ޤައުމުގެ މީސްތަކުންގެ ގާތަށް ވަޑައިގެން އެބައިމީހުންނާ އެކު އިމާމުވެ ނަމާދު ކުރައްވާ ކަމުގައި ވިއެވެ.] އައްޠަޙާވީ ވިދާޅުވެފައި ވެއެވެ: ބައެއް ބޭފުޅުންގެ ނަޒަރުގައި ސުންނަތް ނަމާދެއް ކުރާ މީހަކަށް، ފަރުޟު ނަމާދު ކުރާ މީހެއްގެ އިމާމަކަށް ވެވިދާނެ އެވެ. އަދި އެ ބޭފުޅުން މި އަޘަރުން ޙުއްޖަތް ނަންގަވަތެވެ. އަދި އެ ބޭފުޅުންނާ އެހެން ބޭފުޅުން ޚިލާފުވެވަޑައިގެން، ސުންނަތް ނަމާދެއް ކުރާ މީހެއްގެ ފަހަތުން ފަރުޟު ނަމާދެއް ކުރުން ހުއްދަވެގެން ނުވާ ކަމަށް ވިދާޅުވެތެވެ. އެ ބޭފުޅުން ވިދާޅުވަނީ، ފަހަރުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި މުޢާޛު ބްނު ޖަބަލު ކުރެއްވީ ސުންނަތް ނަމާދެއް ކަމުގައި ވެސް ވެދާނެ ނޫން ހެއްޔެވެ. ދެން އެއަށްފަހު، އެ ބޭފުޅާ އެ ބޭފުޅާގެ ޤައުމުގެ މީސްތަކުންގެ ގާތަށް ވަޑައިގެން ފަރުޟު ނަމާދު ކުރެއްވެވީ ކަމަށް ވެސް ވެދާނެ ނޫން ހެއްޔެވެ. އެހެން ވެފައި ވާނަމަ، ތިޔަ ބޭފުޅުންނަކަށް މި ޙަދީޘަކުން ޙުއްޖަތެއް ނުނެގޭނެއެވެ. އަދި ފަހަރުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި މުޢާޛު ބްނު ޖަބަލު ފަރުޟު ނަމާދެއް ކުރައްވާފައި، ދެން އެއަށްފަހު، އެ ބޭފުޅާގެ ޤައުމުގެ މީސްތަކުންގެ ގާތަށް ވަޑައިގެން (ތިޔަ ބޭފުޅުން ވިދާޅުވާހެން) އެބައިމީހުންނާ އެކު ސުންނަތް ނަމާދެއް ކުރެއްވީ ކަމަށް ވެސް ވެދާނެއެވެ. މި ދެ ގޮތަަށް ވެސް އިޙްތިމާލު އުފެދެއެވެ. މި ޙަދީޘުން ނުވަތަ އަޘަރުން މި ދެ އިޙްތިމާލު އުފެދޭއިރު، މިއިން ވަކި އިޙްތިމާލެއް އަނެއް އިޙްތިމާލުގެ މައްޗަށް އިސްކުރާނޭ ކަމެއް ފެންނާކަށެއް ނެތެވެ. އެހެންކަމުން، ވަކި އިޙްތިމާލެއް އިސްކުރާނޭ ދަލީލެއް ނެތި ވަކި އިޙްތިމާލެއް ނެގުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =