101ވަނަ ޤަވާޢިދު (ޖުމްލަ 189): الاِشْتِرَاكُ خِلَافُ الأَصْلِ
މި ޤަވާޢިދުގެ ތަރުޖަމާ: {އިޝްތިރާކު ކުރުން، އަޞްލާ ޚިލާފު}
މި ޤަވާޢިދުގެ މުރާދު: ލަފްޒީ ގޮތުން އިޝްތިރާކު ވުމަކީ، ބުއްދީގެ ގޮތުން ވުން އެކަށީގެންވާ އަދި ބަހަވީ ގޮތުން ވާ ކަމެއް ކަމުގައި ވިޔަސް، އެއީ އަޞްލާ ޚިލާފު ކަމެކެވެ. މާނައަކީ، އެއީ އެފަދަ ލަފްޒެއް އަޑުއަހާ މީހާގެ ގާތުގައި މަރުޖޫޙު އެއްޗެކެވެ. ރާޖިޙު އެއްޗެއް ނޫނެވެ. އެހެނީ، ލަފްޒެއް އެއީ އެންމެ މާނައެއް އެކުލެވޭ ލަފްޒެއްތޯ ނުވަތަ އެތަކެއް މާނައެއް އެކުލެވޭ (އިޝްތިރާކު ވާ، މުޝްތަރަކު) ލަފްޒެއްތޯ ބަލާއިރު، އެންމެ މާނައެއް އެކުލެވޭ ކަމަށް އަދި އިޝްތިރާކު ނުވާ ކަމަށް ބެލުމީ ގިނަ ފަހަރަށް ބަލާ ގޮތެވެ. އަދި އެއީ އަޞްލު ގޮތެވެ. އެ ދެ އިޙްތިމާލު އުފެދޭނަމަ، ރާޖިޙު ގޮތް ވެސް މެއެވެ. އަދި އިޝްތިރާކު ވާކަމުގެ އިޙްތިމާލު ވާހުށީ މަރުޖޫޙު ކަމަކަށެވެ. ވީމާ، އިޝްތިރާކު ވުމަކީ މަރުޖޫޙު ކަމަކަށް ވުމުން، އެ ވާހުށީ އަޞްލާ ޚިލާފު ކަމަކަށެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلا تَنْكِحُوا مَا نَكَحَ آبَاؤُكُمْ مِنَ النِّسَاءِ) (ސޫރަތުއްނިސާ: 22 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުން ތިޔަބައިމީހުންގެ ބަފައިން ކައިވެނިކޮށްފައިވާ އަންހެނުންނާ ކައިވެނި ނުކުރާހުށިކަމެވެ!] އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން، މި އާޔަތުގައިވާ النِّكَاحُ (ކައިވެނި) ލަފްޒު الضَّمُّ (އެއްކޮށްލުން ނުވަތަ ޖަމާކުރުން ނުވަތަ ގުޅުވައިލުން) ގެ މާނައިގައި ނަންގަވަތެވެ. އެބަހީ، އެ ބޭފުޅުންގެ ނަޒަރުގައި، މި ތަނުގައި النِّكَاحُ އަކީ އެ ލަފްޒުގެ ޙަޤީޤީ ގޮތުން އެންމެ މާނައެއްގައި ބޭނުންކުރެވިފައިވާ ލަފްޒެކެވެ. އެ މާނައިގެ ތެރެއަށް، ޢަޤްދާއި ވަޠުއު ވެސް ވަދެއެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، މި ލަފްޒު މުޝްތަރަކު ލަފްޒެއް ގޮތަށް ނެގުމުގެ މައްޗަށް، އެ ގޮތް އިސްކުރެވޭނެއެވެ. އެ ގޮތުން، އެއީ ޢަޤްދަށާއި ވަޠުއުއަށާއި ދޭއްޗަށް ޙަޤީޤީ ގޮތުން ބޭނުން ކުރެވޭ ލަފްޒެކޭ ބުނެވޭނެއެވެ. ސަބަބަކީ، އިޝްތިރާކު ކުރުން، އަޞްލާ ޚިލާފު ވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =