[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 98

102ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُشْتَرَكُ الـمُجَرَّدُ عَن القَرَائِنِ يَعُمُّ مَعَانِيْهِ مَا لَـمْ تَتَضَادّ

މި ޤަވާޢިދުގެ ތަރުޖަމާ: {ޤަރީނާއެއް ނެތް މުޝްތަރަކު، އޭގެ މާނަތައް ފުށުނާރާނަމަ އެ މާނަތަކަށް ޢާއްމުވެގެން ވޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއްގައި ނުވަތަ މުކައްލަފުންގެ ވާހަކައިގައި މުޝްތަރަކު ލަފްޒެއް، އެއިން މުރާދުވެވެނީ ކޮން މާނައެއްކަން ކަނޑައަޅާނޭ ޤަރީނާއެއް ނެތި އައިސްފައި ވާނަމަ، އެ ލަފްޒުގެ ހުރިހާ މާނައެއްގައި އެ ލަފްޒު ނެގުން ވާޖިބުވެގެން ވެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ޖަމާޢަތެއްގެ ބޭފުޅުންގެ ރައުޔެވެ. އޭގެ ތެރޭގައި، އައްޝާފިޢީއާއި އެ ބޭފުޅާގެ އެކުވެރިންކުރެ ޖަމާޢަތަކާއި، އަލްޤާޟީ އަލްބާޤިއްލާނީ އަދި އަބޫ އިސްޙާޤު އައްޝީރާޒީ ހިމެނިވަޑައިގަންނަވައެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި އެ ލަފްޒުގެ ހުރިހާ މާނައެއްގައި އެ ލަފްޒު ނެގުން ހުއްދަވެގެން ވެއެވެ. ވާޖިބުވެގެނެއް ނުވެއެވެ. އަދި މިއީ، އައްޒަރުކަޝީއާއި އަލްއިސްނަވީ އިޚްތިޔާރު ކުރެއްވި ރައުޔެވެ.

އަދި މިއާ ޚިލާފަށް، އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި އެ ލަފްޒުގެ ހުރިހާ މާނައެއްގައި އެ ލަފްޒު ނެގުން މަނާވެގެން ވެއެވެ. އަދި މިއީ، އަލްޣަޒާލީއާއި އައްރާޒީ އިޚްތިޔާރު ކުރެއްވި ރައުޔެވެ.

އަދި މިއާ ޚިލާފަށް، އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރުގައި، ނަފީ ކުރުމުގެ ހާލަތުގައި އެ ލަފްޒުގެ ހުރިހާ މާނައެއްގައި އެ ލަފްޒު ނެގޭނެއެވެ. އެހެންނަމަވެސް، ސާބިތު ކުރުމުގެ ހާލަތުގައެއް ނުނެގޭނެއެވެ. އަދި މިއީ، ޙަނަފީންކުރެ ބައެއް ބޭފުޅުންގެ ރައުޔެވެ.

އަދި މިއާ ޚިލާފަށް، ބުނެވޭ ގޮތުން، ޖަމްޢުގެ ލަފްޒަކުން އެ ލަފްޒު އޮތްނަމަ، އޭގެ ހުރިހާ މާނައެއްގައި އެ ލަފްޒު ނެގޭނެއެވެ.

އަދި މިއާ ޚިލާފަށް، ބުނެވޭ ގޮތުން، މި މައްސަލައިގައި ވަކި ކޮޅެއް ނުނަގައި ހުއްޓި ހުރުން ވާޖިބުވެގެން ވެއެވެ.

ދެން ފަހެ، މި ޤަވާޢިދު ޤައިދަކުން ޤައިދު ކުރެވިގެން ވެއެވެ. އެ ޤައިދަކީ، އެ މާނަތަކަކީ، އެއް މާނައިން އަނެއް މާނަ ނަފީ ކުރާ މާނައަކަށް ނުވުމެވެ. އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން، ނަފީ ކުރުން މާނަކުރައްވާފައި ވަނީ، އެ މާނަތައް ޖަމާކުރަން ނުކުޅެދުމުގެ މާނައިގައެވެ.

އަދި މި ޤަވާޢިދުގެ ބިނާވެގެން ވަނީ، މުޝްތަރަކު އޭގެ ހުރިހާ މާނައެއްގައި ބޭނުން ކުރުން ހުއްދަވެގެން ވުމުގެ މައްޗަށެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޝާފިޢީންގެ އަރިހުގައި ފިރިހެނަކު އަންހެނެއްގެ ގައިގައި ބީހުމަކީ ވުޟޫ ގެއްލޭނޭ ކަމެކެވެ. އެއީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުން ދަލީލުނަންގަވައެވެ. (أَوْ لَامَسْتُمُ النِّسَاءَ) (ސޫރަތުއްނިސާ: 43 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ނުވަތަ އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ…] މި އާޔަތުގައި އެވާ اللَّمْسُ (ބީހުން) އަކީ، މުޝްތަރަކު ލަފްޒެކެވެ. އެ ލަފްޒު، އަތުން ބީހުމަށް ވެސް އަދި ޖިމާޢުވުމަށް ވެސް ބޭނުން ކުރެވެއެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، އެ ލަފްޒު އެ ދެ މާނައިގައި ވެސް ނެގޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =