[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 99

103ވަނަ ޤަވާޢިދު (ޖުމްލަ 189): البَيَانُ يَصِحُّ بِكُلِّ مَا يُزِيْلُ الإِشْكَالَ

މި ޤަވާޢިދުގެ ތަރުޖަމާ: {އެއްގޮތްވުން ފިލުވައިލާ ކޮންމެ އެއްޗަކުން ބަޔާން ކުރުން ޞައްޙަ}

މި ޤަވާޢިދުގެ މުރާދު: މުޖުމަލު ބަޔާން ކުރުމަށް އަދި އޭގެ އިޝްކާލު (އެބަހީ، އެއް މާނައާއި އަނެއް މާނަ އެއްގޮތްވެ ނުވަތަ ވައްތަރުވެ، އޭގައި ބޭނުންކުރެވިފައިވާ މާނަ ވަކި ކުރަން އުނދަގޫވުން) ފިލުވައިލުމަށް ގިނަ އަދަދެއްގެ މަގުތަކަކާއި ތަފާތު އެކިއެކި އުސްލޫބުތައް އެއަށް ލިބިގެން ވެއެވެ. އެ ހުރިހާ ކަމެއް ވެސް އެއް ޟާބިޠެއް (މިންގަނޑެއް) ގައި ޖަމާ ކުރެވެއެވެ. އެ މިންގަނޑަކީ، ލަފްޒުން އިޖުމާލު ފިލުވައިލާ، އޭގައި ވަންހަނާވެފައިވާ ކަންކަން ފާޅުކޮށްދޭ، އޭގައިވާ އިޝްކާލުން ނެރެ ތަޖައްލީއަށް (އެބަހީ، އެއްގޮތްވާ ނުވަތަ ވައްތަރުވާ މާނަތަކުގެ ތެރެއިން ވަކި މާނައެއް ކުރިއަށް ނެރުމަށް) ފޯރުކޮށްދޭ ކޮންމެ އުސްލޫބަކުން ވެސް ބަޔާން ކުރެވިދާނެ އެވެ. އެ ގޮތުން، ޝަރުޢުކުރައްވާ ފަރާތުގެ ކަލާމްފުޅުންނާއި ޢަމަލުފުޅުންނާއި ހަނުހުންނެވުމުންނާއި، އުފާވެރިކަމުގެ ޚަބަރުންނާއި މިފަދަ ހުރިހާ އެއްޗަކުން ލިއްބައިދޭ ފައިދާހުރި ކޮންމެ ކަމަކީ ވެސް ބަޔާނެއް ކަމުގައި ބެލެވޭނެތެވެ.

މީގެ ތެރެއިން، ބަސްފުޅުން ބަޔާން ކުރެވިދާނެ ކަމާ މެދު އުޞޫލީ ޢިލްމުވެރިންގެ މެދުގައި އިއްތިފާޤުވެވިފައި ވެއެވެ. އަދި މިއީ ބަޔާނުގެ ވައްތަރުތަކުގެ ތެރެއިން އެންމެ ބާރުގަދަ ވައްތަރެވެ.

އަދި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުން ވެސް ބަޔާން ކުރެވިދާނެކަމަށް އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން ވިދާޅުވެއެވެ.

އަދި ލިޔެގެން ވެސް، އިޝާރާތުން ވެސް، އިޤުރާރުން ވެސް، ޝާހިދުލްޙާލުން (އެބަހީ، މުޖުމަލުގައިވާ ވަކި އިޙްތިމާލަކަށް ތަރުޖީޙުދެވޭ ހާލުގެ ޤަރީނާއަކުން) ވެސް އަދި އިޖުމާޢުން ވެސް ބަޔާން ކުރެވިދާނެ އެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ ذَلِكُمْ فِسْق) (ސޫރަތުލްމާއިދާ: 3) މާނައީ: [މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައި ވެއެވެ. (މި ތަކެތީގެ ތެރެއިން ފުރާނަހުއްޓައި އެ އެއްޗެއް އަތުޖެހި ޝަރުޢީ ހަމައިގެ މަތިން) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީއެވެ. އަދި ބުދުތަކުގެ ނަންމައްޗަށް ކަތިލާ ތަކެއްޗާއި، އަޒުލާމު މެދުވެރިކޮށްގެން ތިޔަބައިމީހުންގެ ނަސީބު ހުރި ގޮތާއި، ކަންތަކުގެ ރަނގަޅު ގޮތް ބަލައިހެދުން ވެސް، ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައި ވެއެވެ. ފަހެ، އެ ކަންތައްތަކަކީ، ފާސިޤު ކަންތައްތަކެކެވެ.] މި އާޔަތް ބާވައިލެއްވުނީ ﷲ ތަޢާލާގެ އަންނަނިވި އާޔަތުގައިވާ މުޖުމަލު އިސްތިޘްނާގެ ތަފްސީލީ ބަޔާނެއްގެ ގޮތުންނެވެ. (أُحِلَّتْ لَكُمْ بَهِيمَةُ الْأَنْعَامِ إِلَّا مَا يُتْلَى عَلَيْكُمْ) (ސޫރަތުލްމާއިދާ: 1 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުންނަށް (އެ ތަކެއްޗާ މެދު ޙުކުމް އޮތް ގޮތް) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، ނަޢަމްސޫފިތައް ތިޔަބައިމީހުންނަށް ޙަލާލު ކުރައްވާފައި ވެއެވެ.] މި އާޔަތުގައިވާ އިސްތިޘްނާ (إِلَّا مَا يُتْلَى عَلَيْكُمْ) ގެ މިންވަރު ވަނީ ނޭނގުމެއްގެ ތެރޭގައެވެ. އޭގެ ސަބަބުން އެއީ މުޖުމަލު ކަލާމަކަށް ވެފައި ވެއެވެ. އެހެންނަމަވެސް، ފުރަތަމަ ބަޔާންކުރެވުނު އާޔަތުގައި އެ ވަނީ އޭގެ މުޖުމަލުކަން ތަފްސީލުކޮށް ބަޔާންކޮށް ދެއްވާފައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =