104ވަނަ ޤަވާޢިދު (ޖުމްލަ 189): البَيَانُ لَا يَجِبُ أَنْ يَكُونَ أَقْوَى مِنَ الـمُبَيَّنِ
މި ޤަވާޢިދުގެ ތަރުޖަމާ: {މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަވުން ވާޖިބެއް ނޫން}
މި ޤަވާޢިދުގެ މުރާދު: ބަޔާނަށް ބޭނުންވެފައިވާ އެންގެވުމަށް ވުރެ، ބަޔާން ކުރުމަށް ބޭނުން ކުރެވޭ ދަލީލު ވަރުގަދަވުން އެއީ ވާޖިބުކަމެއް ނޫނެވެ.
މި ތަނުގައި މިވާ ބަޔާނުގައި ދެ ވައްތަރެއްގެ ބަޔާން އެކުލެވެއެވެ. އެއީ، ތަފްސީރު ބަޔާން ކުރުން (މުޖުމަލު ބަޔާން ކުރުން) އާއި ތަޣައްޔަރުވުން ބަޔާން ކުރުން (ޢާއްމު ޚާއްޞަ ކުރުމާއި، މުޠުލަޤު ތަޤްޔީދު ކުރުން) އެވެ.
ދެން ފަހެ، މި މައްސަލައިގެ ތަފްސީލަކަށް ނަޒަރުހިންގައިލާއިރު، މި މައްސަލައިގައި ހަތަރު ސޫރައެއް ވެއެވެ. ފުރަތަމަ ސޫރައަކީ، ސާބިތުވުމުގެ ނަޒަރުން ބަލާއިރު، ތަފްސީރު ބަޔާން ކުރުމުގައި، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަ ވުމެވެ. މި ހާލަތުގައި، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަ ވުން ވާޖިބެއް ނޫނެވެ. އަދި ކިއެއްތަ! ޤަޠުޢީ މުޖުމަލެއް ޡައްނީ އާޙާދު ޚަބަރަކުން ބަޔާން ކުރުން ހުއްދައެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި އެ ބޭފުޅުން އިއްތިފާޤުވެވަޑައިގެންފައި ވާ ކަމަށް ވެސް ބުނެވިފައި ވެއެވެ.
އަދި ދެވަނަ ސޫރައަކީ، ދަލީލުކޮށްދިނުމުގެ ނަޒަރުން ބަލާއިރު، ތަފްސީރު ބަޔާން ކުރުމުގައި، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަ ވުމެވެ. މި ހާލަތުގައި، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަ ވުމީ ޝަރުޠެއް ނޫނެވެ. އެހެނެއްކަމަކު، ދަލީލުކޮށްދިނުމުގެ ނަޒަރުން މުބައްޔަނަށް ވުރެ ބާރުގެ ގޮތުން ދެރަ އެތިން ވެސް ބަޔާން ކުރުން ޞައްޙަވެގެން ވެއެވެ.
އަދި ތިންވަނަ ސޫރައަކީ، ސާބިތުވުމުގެ ނަޒަރުން ބަލާއިރު، ތަޣައްޔަރުވުން ބަޔާން ކުރުމުގައި، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަ ވުމެވެ. މި ހާލަތުގައި، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަވާން ޖެހޭނެތޯ ކަނޑައެޅުމުގައި އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައި ވެއެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންގެ ނަޒަރުގައި، ސާބިތުވުމުގެ ނަޒަރުން، މުބައްޔަނާއި މުބައްޔިން (ބަޔާން) ދަރަޖައިގެ ގޮތުން ހަމަހަމަވުން އެއީ ޝަރުޠެއް ނޫނެވެ. އެހެންކަމުން، ޚަބަރުލްވާޙިދަކުން ޤުރުއާނުގެ ޢާއްމުކަން ޚާއްޞަ ކުރުން އެ ބޭފުޅުން ހުއްދަކުރައްވަތެވެ. ސަބަބަކީ، ޢާއްމު (މި މިސާލުގައި) އެއީ ސާބިތުވުމުގެ ގޮތުން ބަލާއިރު ޤަޠުޢީކޮށް ސާބިތުވެފައި ވާ އެއްޗެކެވެ. އަދި ޚާއްޞަ (އެއީ ޚަބަރުލްވާޙިދު) އެއީ ސާބިތުވުމުގެ ގޮތުން ބަލާއިރު ޡައްނީކޮށް ސާބިތުވެފައި ވާ އެއްޗެކެެވެ. މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، ސާބިތުވުމުގެ ނަޒަރުން، ތަޣައްޔަރުވުން ބަަޔާން ކުރުމުގައި، މުބައްޔަނާއި މުބައްޔިން ދަރަޖައިގެ ގޮތުން ހަމަހަމަވުން އެއީ ޝަރުޠެކެވެ.
އަދި ހަތަރުވަނަ ސޫރައަކީ، ދަލީލުކޮށްދިނުމުގެ ނަޒަރުން ބަލާއިރު، ތަޣައްޔަރުވުން ބަޔާން ކުރުމުގައި، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަ ވުމެވެ. އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، މި ހާލަތުގައި މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަވުން ވާޖިބުވެގެން ވެއެވެ.
ޚުލާޞާއަކީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަވުން އެއީ ޝަރުޠެއް ނޫނެވެ. ތަޣައްޔަރުވުން ބަޔާން ކުރުމުގެ ހާލަތުގައި ފިޔަވައެވެ. އެ ހާލަތުގެ ދަށުން، ދަލާލަތުގެ ގޮތުން ނުވަތަ ދަލީލުކޮށްދޭ ގޮތުގެ ނަޒަރުން، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަވުން އެ ބޭފުޅުން ޝަރުޠުކުރައްވަތެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا) (ސޫރަތުލްބަޤަރާ: 275 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ﷲ ގަނެވިއްކުން ހުއްދަ ކުރެއްވިއެވެ. އަދި ރިބާ ޙަރާމް ކުރެއްވިއެވެ.] މި އާޔަތުގައި އެވާ البَيْع ލަފްޒުގައި އެވާ މުޖުމަލުކަން އެތަކެއް ޙަދީޘަކުން ބަޔާން ކުރައްވާފައި ވެއެވެ. އެ ގޮތުން، ގަނެވިއްކުން ހުއްދަ އެއްޗިއްސާއި ހުއްދަ ނޫން އެއްޗެހި ތަފްސީލުކޮށް ބަޔާން ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅު ހިމެނެއެވެ. ((لَا تَبِعْ مَا لَيْسَ عِنْدَكَ)) މާނައީ: [ތިބާގެ އަތުގައި ނުވާ އެއްޗެއް ނުވިއްކާށެވެ!] މިއީ، ސަނަދުގެ ގޮތުން ޤަޠުޢީ އެއްޗެއް، ސަނަދުގެ ގޮތުން ޡައްނީ އެއްޗަކުން ބަޔާން ކުރެވިފައިވާ ބަޔާން ކުރެވުމެކެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =