105ވަނަ ޤަވާޢިދު (ޖުމްލަ 189): تَأْخِيْرُ البَيَانِ عَنْ وَقْتِ الـخِطَابِ إِلَى وَقْتِ الـحَاجَةِ جَائِزٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ޚިޠާބުގެ ވަގުތުން ޙާޖަތުގެ ވަގުތަށް ބަޔާން ކުރުން ފަސްކުރުން ހުއްދަ}
މި ޤަވާޢިދުގެ މުރާދު: ޝަރުޢީ އެންގެވުމެއް ބަޔާނަކަށް ބޭނުންވާނަމަ، އެއް ގޮތަކީ، އެ އެންގެވުމާ އެކު ވަގުތުން އޭގެ ބަޔާން އައުމެވެ. އަނެއް ގޮތަކީ، އެ އެންގެވުމަށް ވުރެ ފަހުން އޭގެ ބަޔާން އައުމެވެ. އެ އެންގެވުމުގެ ފަހުން އޭގެ ބަޔާން އަންނަނަމަ، އެ އެންގެވުމާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ވަގުތު އައުމަށް ދާންދެން އޭގެ ބަޔާން ފަސްކުރުން ހުއްދަވެގެން ވެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، މުޢުތަޒިލާއިންނާއި ޡާހިރީންނާއި، ޙަނަފީންނާއި މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީންގެ ތެރެއިން ބައެއް ފިޤުހުވެރިންގެ ނަޒަރުގައި، އެންގެވުމުގެ ވަގުތުން ޙާޖަތުގެ ވަގުތަށް ބަޔާން ކުރުން ފަސްކުރުން މުޠުލަޤުކޮށް (އެއްވެސް ހާލަތެއްގައި) ހުއްދަވެގެން ނުވެއެވެ.
އަދި މިއާ ޚިލާފަށް، އަބުލްޙުސައިން އަލްބަޞަރީގެ ނަޒަރުގައި، މުޖުމަލަށް މުޝްތަރަކު ފަދަ ޡާހިރެއް ލިބިގެން ނުވާނަމަ، އޭގެ ބަޔާން ޢަމަލު ކުރަންޖެހޭ ވަގުތަށް ފަސްކޮށްލުން ހުއްދަވެގެން ވެއެވެ. މިއާ ޚިލާފަށް، އެފަދަ ޡާހިރެއް ލިބިފައި، ޢާއްމާއި މުޠުލަޤާއި މަންސޫޚާއި ނަކިރާ ފަދަ އެ ޡާހިރު ގޮތް ނޫން އެހެން ގޮތަކަށް ބޭނުންކުރެވިފައި ވާނަމަ، ޢަމަލު ކުރަންޖެހޭ ވަގުތަށް އޭގެ ތަފްސީލީ ބަޔާން ފަސްކޮށްލުން ހުއްދަވެގެން ވެއެވެ. އެހެންނަމަވެސް، މި ހާލަތުގައި އޭގެ އިޖުމާލީ ބަޔާން ފަސްކޮށްލުން ހުއްދަވެގެން ނުވެއެވެ. މިސާލަކަށް، އެންގެވުމުގެ ވަގުތުގައި، [މި ޢާއްމުކަން ވަނީ ޚާއްޞަ ކުރެވިފައޭ] ނުވަތަ [މި މުޠުލަޤު ވަނީ މުޤައްޔަދު ކުރެވިފައޭ] ނުވަތަ [މި ޙުކުމް ނަސްޚު ކުރެވޭނެއޭ] ނުވަތަ [މި ނަކިރާގެ މުރާދަކީ ކަނޑައެޅިގެންވާ ވަކި ފަރުދެކޭ] މިފަދަ ގޮތަކަށް ޖުމްލަ ގޮތެއްގައި ބަޔާން ކުުރުން އައުމެވެ. އަދި ޢަމަލު ކުރަންޖެހޭ ވަގުތުގައި، [މި ޢާއްމު ވަނީ މިވެނި ކަމަކުން ޚާއްޞަ ކުރެވިފައޭ] ނުވަތަ [މި މުޠުލަޤު ވަނީ މިވެނި ގޮތަކަށް މުޤައްޔަދު ކުރެވިފައޭ] ނުވަތަ [މި ޙުކުމް ވަނީ މިވެނި ގޮތަކަށް މަންސޫޚު ކުރެވިފައޭ] ނުވަތަ [މި ނަކިރާގެ މުރާދަކީ މިވެނި ފަރުދެކޭ] މިފަދަ ގޮތަކަށް ތަފްސީލީ ގޮތެއްގައި ބަޔާން ކުުރުން އައުމެވެ.
އަދި މި މައްސަލައިގައި މި ނޫން ވެސް އެތަކެއް ރައުޔެއް ޢިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ. އެހެންނަމަވެސް، ބަޔާން މި ކުރެވުނު ތިން ރައުޔަކީ މި މައްސަލައިގައި އޮންނަ އެންމެ މަޝްހޫރު އަދި އެންމެ ވަރުގަދަ ތިން ރައުޔުކަމަށް ވުމުން، ބައެއް ޢިލްމުވެރިން ހަމައެކަނި މި ތިން ރައުޔަށް ކުރުކޮށްލާފައި ހުރެތެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ) (ސޫރަތު އާލު ޢިމްރާން: 97 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ﷲ އަށްޓަކައި ގެފުޅަށް ގޮސް ޙައްޖުވުން މީސްތަކުންގެ މައްޗަށް ފަރުޟު ކުރެވިއްޖެއެވެ.] މި އާޔަތް މި އޮތީ މުޖުމަލުކޮށެވެ. މި އާޔަތުގެ ބަޔާން (ޙައްޖު ކުރަންވީ ގޮތުގެ ތަފްސީލީ ބަޔާން) އައިސްފައި ވަނީ މި އާޔަތް ބާވައިލެއްވުމުގެ މާ ފަހުން، ޙައްޖު މޫސުމުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުންނާއި ބަސްފުޅުންނެވެ. އެ ގޮތުން، ޙައްޖު ކުރަންވީ ގޮތް ބަޔާންކޮށްދެއްވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((خُذُوا عَنِّـي مَنَاسِكَـكُمْ)) މާނައީ: [ތިޔަބައިމީހުން ތިޔަބައިމީހުންގެ (ޙައްޖުގެ) މަނާސިކުތައް އަހުރެންގެ ފުށުން ލިބިގަންނާށެވެ!]
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =