﴿يَسْأَلُونَكَ عَنِ الْأَهِلَّةِ …﴾ [سورة البقرة ١٨٩]
މާނައީ: “ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ..”.
މިއާޔަތާ ގުޅޭގޮތުން ޝައިޚު އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.
“އުންމަތްތަކަށް ކަނޑައެޅިގެންވާ ވަގުތުތަކަކީ އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާ ކަނޑައެޅުއްވި ވަގުތުތަކެވެ. – އެއީ ހުޅެވިހަނދެވެ. – ފަހެ، އެއީ މުޅި ޢާލަމަށްވާ ވަގުތުތަކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.
﴿ …مَوَاقِيتُ لِلنَّاسِ…﴾ [سورة البقرة ١٨٩]
މާނައީ: “އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި”…
ފަހުން މިއައި ކަންކަމުގެ ތެރެއިން ފަރަންޖީންގެ ކަލަންޑަރާމެދު ދަންނައެވެ. ފަހެ، އޭގާއި އެކަށީގެންވާ އަޞްލެއް ނެތެވެ. އަދި އެއީ ހަމަޖެހޭ އެއްޗެއް ނޫނެވެ. އަދި އެއީ ޝަރުޢުވެގެންވާ އެއްޗެއްވެސް ނޫނެވެ. އަދި ހަމައެހެންމެ، ބައެއް މަސްތަކުގައި 28 ދުވަސް، ބައެއް މަސްތަކުގައި 30 ދުވަސް އަދި ބައެއް މަސްތަކުގައި 31 ދުވަސް ވާތީ ފެންނާނެއެވެ. އެހެނެއްކަމަކު މިފަރަޤު އައުމަށް އެކަށީގެންވާ ސަބަބެއް ފެންނާކަށް ނެތެވެ. އަދި ހަމައެއާއެކު މިމަސްތައް ދެނެގަނެ ވަގުތު ކަނޑައެޅުމަށް މީސްތަކުން ރުޖޫޢަވާނެ ޙިއްސީ ޢަލާމާތެއް ނުވެއެވެ. އެއާ ޚިލާފަށް ހަނދު މަހުގައި ކޮންމެ މީހަކަށްވެސް އެނގޭނެ ޙިއްސީ ޢަލާމާތެއް ވެއެވެ.” – ޝައިޚުގެ ބަސްކޮޅު ނިމުނީއެވެ. –
[تفسير البقرة ( 2 / 371 )]
﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ…﴾ [سورة التوبة ٣٦]
މާނައީ: “ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲ ގެ ޙަޟްރަތުގައި ބާރަ މަހެވެ…”
މިއާޔަތް ތަފްސީރު ކުރައްވަވަމުން އަލްޤުރުޠުބީ رحمه الله ވިދާޅުވެފައިވެއެވެ.
“މިއާޔަތުން ދަލީލުކޮށްދެނީ ހަމަކަށަވަރުން އަޅުކަންތަކާއި ގުޅޭ ޙުކުމްތަކާއި އެހެނިހެން ކަންކަމުގައި ތަބަޢަވުން ވާޖިބުވެގެންވަނީ ޢަރަބިން ތަބަޢަވަމުން އައި މަސްތަކާއި އަހަރުތަކަށްކަމެވެ. ޢަޖަމީންނާއި، ރޫމީން އަދި ޤިބްޠުން ތަބަޢަވީ މަސްތަކަކަށް ނޫނެވެ. އަދި މަސްތަކުގެ ޢަދަދު 12 އަށްވުރެ އިތުރުވެގެންވެސް ނުވާނެއެވެ. އެހެނީ (އެބައިމީހުން ތަބަޢަވީ މަސްތަކުގައި) ޢަދަދުތައް ތަފާތުވެގެންވެއެވެ. އޭގެތެރޭގައި ބައެއް މަސްތަކުގައި 30 ދުވަހަށްވުރެ އިތުރުވެއެވެ. އަދި މަސްތަކުގައި އެއަށްވުރެ މަދުވެއެވެ. ނަމަވެސް ޢަރަބިންގެ މަސްތަކުގައި 30 ދުވަހަށްވުރެ އިތުރެއް ނުވެއެވެ. ބައެއް މަސްތަކުގައި ބައެއްފަހަރު މަދު ވެއެވެ. އެއީ ވެސް ވަކި ޚާއްޞަ މަސްތަކެއް ނޫނެވެ. މަސް ފުރިހަމަވުމާއި މަދުވުން ބިނާވަނީ ހަނދުގެ ދައުރުވުމަށެވެ.”
[تفسير القرطبي ( 8 / 133 ) ]
والله أعلم
=ނިމުނީ=
_______________________________________
މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން