5. ޒައިނަބު ބިންތު ޚުޒައިމާ رضي الله عنها:
ނަބިއްޔާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ ހިޖުރައިގެ 31 މަސް ފަހުން، ރަމަޟާން މަހުގައެވެ. [طبقات ابن سعد 8/115]
6. އުންމު ސަލަމާ ބިންތު އުމައްޔާ رضي الله عنها:
އުންމު ސަލަމާ ވިދާޅުވިކަމަށް އިމާމު މުސްލިމް ރިވާކުރައްވާފައިވެއެވެ.
سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: ((مَا مِنْ عَبْدٍ تُصِيبُهُ مُصِيبَةٌ، فَيَقُولُ: إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا، إِلَّا أَجَرَهُ اللهُ فِي مُصِيبَتِهِ، وَأَخْلَفَ لَهُ خَيْرًا مِنْهَا))،
قَالَتْ: فَلَمَّا تُوُفِّيَ أَبُو سَلَمَةَ، قُلْتُ كَمَا أَمَرَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَخْلَفَ اللهُ لِي خَيْرًا مِنْهُ، رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ. [مسلم 918]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު ތިމަންކަމަނާ އެއްސެވީމެވެ. “އަޅަކަށް މުޞީބާތެއް ޖެހުމުން ((إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا)) [މާނައީ: “ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ، އެއިލާހުގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކެވެ. އޭ ﷲ! މިއަޅާއަށް ދިމާވެފައިވާ މުޞީބާތުން ސަލާމަތް ކުރައްވައިފާންދޭވެ. އަދި އެއަށްވުރެ ހެޔޮ ރަގަނޅު ގޮތެއް މިއަޅާއަށް މެދުވެރި ކުރައްވާފާންދޭވެ.”] މިފަދައިން ކިޔައިފިމީހަކަށް އޭނާގެ މުޞީބާތުގައި، ﷲ އޭނާއަށް އަޖުރު ދެއްވާނެއެވެ. އަދި އެއަށްވުރެ ހެޔޮ ރަނގަޅު ގޮތެއް އޭނާއަށް މެދުވެރިކޮށް ދެއްވާނެއެވެ.”
އެކަމަނާ ވިދާޅުވިއެވެ. “އަބޫ ސަލަމާ އަވަހާރަވުމުން ރަސޫލުﷲ صلى الله عليه وسلم ތިމަންކަމަނާއަށް އަމުރުކުރެއްވި ފަދައިން ވިދާޅުވީމެވެ. ފަހެ، ﷲ ތަޢާލާ ތިމަންކަމަނާއަށް (އަބޫ ސަލަމާއަށްވުރެ) ހެޔޮ މީހަކު ދެއްވިއެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم އެވެ.”
އެހެން ރިވާޔަތެއްގައި ވެއެވެ.
فَلَمَّا تُوُفِّيَ أَبُو سَلَمَةَ، قُلْتُ: مَنْ خَيْرٌ مِنْ أَبِي سَلَمَةَ صَاحِبِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ… قَالَتْ: فَتَزَوَّجْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ.
މާނައީ: “ފަހެ އަބޫ ސަލަމާ އަވަހާރަވުމުން ތިމަންކަމަނާ ދެންނެވީމެވެ. “ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީ، އަބޫ ސަލަމާއަށްވުރެ ހެޔޮ މީހަކީ ކޮބާ ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “އެއަށްފަހު ރަސޫލުﷲ صلى الله عليه وسلم ތިމަންކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއެވެ.”
=ނުނިމޭ=
______________________________________________
މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް
މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން