120ވަނަ ޤަވާޢިދު (ޖުމްލަ 189): الثَّابِتُ بِإِشَارَةِ النَّصِّ كَالثَّابِتِ بِعِبَارَتِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞުގެ އިޝާރަތުން ސާބިތުވެފައިވާ އެތި، އޭގެ ޢިބާރަތުން ސާބިތުވެފައިވާ އެތިފަދަ}
މި ޤަވާޢިދުގެ މުރާދު: އިޝާރަތުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމީ (دَلَالَةُ الإِشَارَةِ އަކީ)، ޢިބާރަތުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުންފަދަ ކަމެކެވެ. ޙުކުމްތައް އިސްތިންބާޠު ކުރުމުގައި އެފަދަ މުޢުތަބަރު ޙުއްޖަތެކެވެ. އެއީ، އިޝާރަތުން އިސްތިންބާޠު ކުރެވުނު މާނައާއި އެ ނައްޞާ ދެމެދު ލާޒިމު ކުރާ ގުޅުމެއް އޮވެފައި، އިސްތިންބާޠު ކުރެވުނު މާނައަކީ ނައްޞުގައިވާ ވާހަކަ ބާޠިލު ކުރާ އެއްޗަކަށް ނުވާނަމަ، ނުވަތަ ނައްޞުން އިޙްތިމާލު އުފައްދައި ނުދޭ މާނަތަކެއްގެ އިޙްތިމާލު އެއިން އުފައްދައިދޭ އެއްޗަކަށް ނުވާނަމައެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އަދި ޙަނަފީން ކުރެ ޢަބްދުލްޢަޒީޒު އަލްބުޚާރީފަދަ ބައެއް ބޭފުޅުން މި މައްސަލައިގައި ރައުޔުތަފާތުވުމެއް ނެތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް، ޡާހިރީންގެ މަންހަޖަށް ނަޒަރުހިންގުމުން، އެ ބޭފުޅުން دَلَالَةُ الإِشَارَةِ އަކީ ޙުއްޖަތެއް ކަމުގައި ދެކިވަޑައި ނުގަންނަވާނެކަން އެނގެއެވެ.
ދެން ފަހެ، މި ތަނުގައި ނައްޞުގެ މުރާދަކީ ޤުރުއާނާއި ސުންނަތުގެ ނައްޞުތަކެވެ.
އަދި ދަންނަންވީ ނުކުތާއަކީ، ދެކެވޭ ވާހަކައިގެ ތެރޭގައި دَلَالَةُ الإِشَارَةِ އަށް އަޞްލީކޮށް ވެސް ތަބަޢީކޮށް ވެސް ޤަޞްދުވެވިފައި ނޯންނާނެ ކަމެވެ. އަދި ނައްޞުގައި ދެކެވިފައިވާ ވާހަކަ ޞައްޙަވުމަށްޓަކައި އެއަށް ބޭނުންޖެހިފައެއް ވެސް ނޯންނާނެ ކަމެވެ. އަދި މިއީ، ޙުކުމްތަކަށް ލަފްޒުތަކުން ދަލާލަތުކޮށްދޭ ގޮތްތަކުގެ ތެރެއިން ގޮތެކެވެ. ގިނަ ޢިލްމުވެރިން މިއަށް ބޭނުންކުރައްވަނީ [دَلَالَةُ الإِشَارَةِ] ގެ ނަން ކަމުގައި ވިޔަސް، ޙަނަފީން މިއަށް ބޭނުންކުރައްވަނީ [إِشَارَةُ النَّصِّ] ގެ ނަމެވެ.
ހަމައެހެންމެ، دَلَالَةُ الإِشَارَةِ ގެ ބޭނުން ހިފައި، އެއިން އިސްތިދުލާލު ކުރުމުގައި ސަމާލުވެ ރައްކާތެރިވާން ވާނެއެވެ. އެ ގޮތުން، އެއިން ނަގަން ވާނީ ކޮންމެހެން ވެސް ލާޒިމު ކުރާ މާނައެވެ. ލާޒިމު ނުކުރާ، ދުރު މާނަތައް އޭގެ ބޭނުންކޮށްގެން ނަގައިގެން ނުވާނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (لَا جُنَاحَ عَلَيْكُمْ إِنْ طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً) (ސޫރަތުލްބަޤަރާ: 236 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުން އަނބިންނާއެކު ރޭކުރުމެއް ނެތިި، ނުވަތަ އެ ކަނބަލުންނަށް ރަނެއް ކަނޑަނާޅައި، އެ ކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ.] މި އާޔަތް ޢިބާރާތްކުރެވިފައި އެ ވަނީ، ރޭކުރުމަށް ވަނުމުގެ ކުރިން، އަދި ރަނުގެ މިންވަރު ކަނޑައެޅުމުގެ ކުރިން ވަރިކުރުމީ ޝަރުޢުވެގެންވާ ކަމެއްކަން ބަޔާންކުރެއްވުމަށެވެ. މި ކަމަށް ބިނާކޮށް، ދަލާލަތުލްއިޝާރަތުން އިސްތިންބާޠު ކުރެވެނީ، ޙަޤީޤަތުގައި ރަނުގެ ވާހަކަ ގެނައުމެއް ނެތި ވެސް ކައިވެނީގެ ޢަޤްދު ޞައްޙަ ވާނެ ކަމަށެވެ. އެ ގޮތަކީ، ވަރިކުރުން ޞައްޙަ ވުމަށްޓަކައި، ޞައްޙަ ކައިވެންޏެއްގެ މަތީގައި ތިބުމީ ލާޒިމު ކަމެކެވެ. އެހެނީ، ވަރިކުރެވޭނީ ކައިވެނިކޮށްގެން ތިބިނަމައެވެ. މި އާޔަތުގައި ﷲ ތަޢާލާ އެ ވަނީ، ރަން ނުކިޔާ ތިބިނަމަ ވެސް ވަރިކުރުން ހުއްދަކުރައްވާފައެވެ. އެހެންކަމުން، އެއިން އިޝާރަތްކުރަނީ، ރަން ކިޔުމާއި ނުކިޔުމަކީ ކައިވެނީގެ ޢަޤްދުގެ ޞައްޙަކަމަށް ބުރޫއަރާ ކަމެއް ނޫން ކަމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =