[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 115

121ވަނަ ޤަވާޢިދު (ޖުމްލަ 189): دَلَالَةُ النَّصِّ بِـمَنْزِلَةِ النَّصِّ

މި ޤަވާޢިދުގެ ތަރުޖަމާ: { دَلَالَـةُ الـنَّـصِّ އޮންނަހުށީ ނައްޞުގެ ދަރަޖައިގައި}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުގެ ނައްޞުތަކުގައި މަންޠޫޤު ޙުކުމެއް އައިސްފައި، ވާހަކައިގެ ލަފްޒުންނާއި ސިޔާޤުން އެ ޙުކުމުގައި ބަޔާންވެފައިވާ ކަންތަކާ ހަމަހަމަ ނުވަތަ އެއަށްވުރެ އައުލާކަން ބޮޑު މާނައަކަށް ދަލީލުކޮށްދޭނަމަ، އެ ދަލާލަތަކީ އެއަށް ޢަމަލު ކުރެވޭނޭ ޙުއްޖަތެކެވެ. އަދި ސުކޫތުގައިވާ މާނަ، ނައްޞުގައި ބަޔާންވެފައިވާ ޙުކުމް ނަގާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި އިއްތިފާޤުވެވިފައިވާ މައްސަލައެކެވެ. ޡާހިރީން ފިޔަވައެވެ. އެހެންނަމަވެސް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުން، ބަޔާންވެފައި ނުވާ ކަންތަކަށް އެ ޙުކުމުގެ އައުލާކަން ބޮޑުވުމަށް دَلَالَـةُ الـنَّـصِّ ހަނިކުރައްވަތެވެ. އެހެންނަމަވެސް، ގިނަ ޢިލްމުވެރިން މީގެ ތެރޭގައި ދެ ވައްތަރު ވެސް، އައުލާކަން ބޮޑުވުމާއި (الأَوْلَى) ހަމަހަމަވުން (الـمُسَاوِي) ވެސް ހިމަނުއްވައެވެ.

ދެން ފަހެ، دَلَالَـةُ الـنَّـصِّ (ނައްޞުގެ ދަލާލަތު) އަކީ، الـحُكْـمُ الـمَسْكُوتُ عَنْهُ (ސުކޫތުކޮށް އޮތް ޙުކުމް) އަށް، الـحُكْـمُ الـمَنْطُوقُ بِهِ (މަންޠޫޤު ޙުކުމް) ސާބިތުވެގެންވާކަން ލަފްޒުން ދަލާލަތުކޮށްދިނުމެވެ. އެ ދޭތީގައި، އެ މާނައަކީ ޙުކުމުގެ މަނާޠުކަން ޢަރަބިބަސް ދަންނަ ކޮންމެ މީހަކަށް ވެސް އިތުރު ނަޒަރުހިންގުމަކަށް އަދި އިޖުތިހާދަކަށް ބޭނުންވުމެއް ނެތި އެނގޭނޭ މާނައެއް އެކުލެވިފައި ވާތީއެވެ.

ކޮންމެއަކަސް، دَلَالَـةُ الـنَّـصِّ އަށް دَلَالَـةُ الـنَّـصِّ ގެ ނަން ބޭނުންކުރައްވަނީ ޙަނަފީންނެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުން މިއަށް فَحْوَى الـخِطَابِ ގެ ނަން ވެސް، އަދި لَحْنُ الـخِطَابِ ގެ ނަން ވެސް، އަދި تَنْبِيْهُ الـخِطَابِ ގެ ނަން ވެސް ދެއްވައެވެ. ގިނަ ޢިލްމުވެރިން މިއަށް ދެއްވާފައިވަނީ مَفْهُومُ الـمُوَافَقَةِ ގެ ނަމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَلَا تَقُلْ لَهُمَا أُفٍّ) (ސޫރަތުލްއިސްރާ: 23 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، އެ ދެ މީހުންނަށް އުއްފޭ ވެސް ތިބާ ނުބުނާހުށިކަމެވެ!] މި އާޔަތުގައި އެ ވަނީ މައިންބަފައިންނާ ދިމާއަށް ނުރުހުމުގެ ގޮތުން [އުއްފު] އޭ ބުނުން ޙަރާމް ކުރައްވާފައެވެ. މި އާޔަތުގައި މައިންބަފައިންގެ ގައިގައި ޖެހުމާއި އެބައިމީހުންނަށް އެއްޗެހިކިޔުމުގެ ވާހަކައެއް ނެތެވެ. އެހެންނަމަވެސް، މައިންބަފައިންނާ ދިމާއަށް [އުއްފު] އޭ ބުނުން ޙަރާމް ކުރެއްވުނީ، އެ ކަމުގެ ސަބަބުން އެބައިމީހުން ދެރަވެ ހިތުގައި ޖެހޭނެތީކަން އެނގޭއިރު، މައިންބަފައިންގެ ގައިގައި ޖެހުމާއި އެއްޗެހިކިޔުން ޙަރާމްވުން މާ އައުލާކަން ބޮޑުކަން އެއިން އެނގިގެންދެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =