124ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُقْتَضَى لَا عُمُومَ لَهُ
މި ޤަވާޢިދުގެ ތަރުޖަމާ: {مُقْتَضَى އަށް ޢާއްމުކަން ލިބިގެނެއް ނުވޭ}
މި ޤަވާޢިދުގެ މުރާދު: مُقْتَضَى އަކީ، ވާހަކަ ތެދުކުރުމަށްޓަކައި ނުވަތަ ޞައްޙަކުރުމަށްޓަކައި އެ މާނައެއް ހަމަޖައްސާ މާނައެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ވާހަކައިން އެތަކެއް މާނައެއް اِقْتِضَاءُ (ލާޒިމު) ކުރާނަމަ، އަދި އެ ތަނުން ކޮންމެ މާނައަކީ ވެސް މާނަ ހަމަޖެއްސުމުގެ ގޮތުން ބޭނުންކުރުމަށް އެކަށީގެންވާ މާނައެއް ކަމުގައި ވާނަމަ، އެ ވާހަކަ އެ ހުރިހާ މާނައެއްގައި އެއް ފަހަރާ ނެގުން ހުއްދަވެގެން ނުވެއެވެ. އަދި ކިޔެއްތަ! މި ހާލަތުގައި مُقْتَضَى ގެ ޢާއްމުކަން ނަފީ ވާނެއެވެ. އެހެންކަމުން، ޚާރިޖީ ޤަރީނާތަކުން ރާޖިޙު ކުރާ މާނައިގައި އެ ވާހަކަ ނެގުން ވާޖިބު ވާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މީގެ ތެރޭގައި، ޙަނަފީންނާއި ގިނަ މުތަކައްލިމުން ހިމެނިވަޑައިގަންނަވައެވެ.
މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، مُقْتَضَى އަށް ޢާއްމުކަން ލިބިގެނެއް ނުވެއެވެ. އަދި މި ރައުޔު، އައްޝާފިޢީއަށާއި އަޙްމަދަށް ނިސްބަތްކުރެވިފައި ވެއެވެ.
ދެން ފަހެ، މި މައްސަލައިގައި ރައުޔުތަފާތުވުން އުފެދިފައި ވަނީ، އިޙްތިމާލު އުފެދޭ ހުރިހާ މާނައަކީ ވެސް، މާނަ ހަމަޖެއްސުމުގައި ބޭނުންކުރަން އެކަށީގެންވާ މާނަތަކެއް ކަމުގައި ވާނަމައެވެ.
އަދި އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ އަރިހުން، އެ ބޭފުޅުން މުޖުމަލުގެ ތެރޭގައި مُقْتَضَى ހިމަނުއްވާކަމަށް އައިސްފައިވުމާ މެދު ދަންނަވަން އޮތީ، މި ޤަވާޢިދުގައި ބަޔާންވެފައިވާ ގޮތާ އެ ތަޢާރުޟު ނުވާ ކަމުގައެވެ. އެ ގޮތަކީ، مُقْتَضَى އަށް ޢާއްމުކަން ލިބިގެން ނުވިކަމުގައި ވިޔަސް، ދަލީލެއް ލިބިއްޖެނަމަ، އެއިން ކޮންމެވެސް އެއް މާނައެއް ޢައްޔަނު ކުރެވޭނެއެވެ. އެފަދަ ދަލީލެއް ނުލިބިއްޖެނަމަ، އެ ވާހުށީ މުޖުމަލަކަށެވެ.
އަދި ޢާއްމު ނުވުމުގައި مُقْتَضَى ގެ ތެރެއަށް الـمَحْذُوفُ ނުވަތަ الـمُضْمَرُ ވެސް ލެވޭނެއެވެ. الـمَحْذُوفُ ނުވަތަ الـمُضْمَرُ އަކީ، ވާހަކަ ކުރުކޮށް ބުނުމުގެ ގޮތުން، ވާހަކައިން ވައްޓައިލާ ލަފްޒެވެ. އެ ލަފްޒު ވައްޓާލާފައި ވާކަން، ވާހަކައިގެ ބާކީ ބައިން އެނގޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުން، مُقْتَضَى އާއި الـمَحْذُوفُ ތަފާތު ކުރައްވައި، مُقْتَضَى އާ ޚިލާފަށް الـمَحْذُوفُ ނުވަތަ الـمُضْمَرُ ގައި ޢާއްމުކަން ސާބިތު ކުރައްވަތެވެ. އަދި މިއީ، އައްސަރަޚްސީއާއި އައްނަސަފީފަދަ ފަހުގެ ޙަނަފީންގެ ރައުޔު ވެސް މެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ވުޟޫ ކުރުމުގައި ބިސްމި ކިޔުމީ ޙަނަފީންގެ އަރިހުގައި ސުންނަތަކަށް ވުމެވެ. އެއީ، ވާޖިބަކަށް ނުވުމެވެ. އެ ބޭފުޅުން ދަލީލު ނަންގަވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘުންނެވެ. ((لاَ وُضُوءَ لِمَنْ لَمْ يَذْكُرِ اسْمَ اللَّهِ عَلَيْهِ)) މާނައީ: [އޭގެ މައްޗަށް ﷲ ގެ އިސްމުފުޅު ޛިކުރު ނުކުރާ މީހާގެ ވުޟޫއެއް ނުވެއެވެ.] މި ޙަދީޘުގައިވާ ވުޟޫގެ ނަފީން ދެ އިޙްތިމާލެއް اِقْتَضَى (ލާޒިމު) ކުރެއެވެ. އެއީ، ޞައްޙަކަން ނަފީ ކުރުމާއި، ފުރިހަމަކަން ނުވަތަ މާތްކަން ނަފީ ކުރުމެވެ. އެހެންނަމަވެސް، އެ ބޭފުޅުންގެ އަރިހުގައި، مُقْتَضَى އިން އިޙްތިމާލު އުފައްދައިދޭ ހުރިހާ މާނައަކަށް އެ ޢާއްމުވެގެން ނުވާތީ، އެއިން ކޮންމެވެސް އެއް މާނައެއް މި ތަނުގައި ނަގަންޖެހެނެއެވެ. އެހެންކަމުން، އެ ބޭފުޅުން ނެންގެވީ، ފުރިހަމަކަން ނަފީ ކުރުމުގެ މާނައެވެ. އެބަހީ، އެފަދަ މީހާގެ ވުޟޫ ފުރިހަމަ ނުވުމުގެ މާނައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =