[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 119

125ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ الـمُخَالَفَةِ حُجَّةٌ

މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް}

މި ޤަވާޢިދުގެ މުރާދު: مَفْهُومُ الـمُخَالَفَة އަކީ، الـحُكْـمُ الـمَسْكُوتُ عَنْهُ (ސުކޫތުކޮށް އޮތް ޙުކުމް) އަށް، الـحُكْـمُ الـمَنْطُوقُ بِهِ (މަންޠޫޤު ޙުކުމް) ގައިވާ ގޮތާ ޚިލާފަށް ސާބިތުވެގެންވާކަން ލަފްޒުން ދަލާލަތުކޮށްދިނުމެވެ. (އެހެން ޢިބާރަތަކުންނަމަ، ބަޔާންވެފައިވާ ގޮތާ އިދިކޮޅަށް ވިސްނުމެވެ.) މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، مَفْهُومُ الـمُخَالَفَة އަކީ (مَفْهُومُ اللَّقَبِ ފިޔަވައި) ޙުއްޖަތެއް ކަމުގައެވެ. އޭގެ މައްޗަށް ޝަރުޢީ ޙުކުމްތައް ބިނާކުރެވޭނެ ކަމުގައެވެ. މިއީ، ޖުމްލަ ގޮތެއްގައި އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، ޙަނަފީންނާއި ޡާހިރީންގެ ނަޒަރުގައި مَفْهُومُ الـمُخَالَفَة އަކީ ޝަރުޢީ ނައްޞުތަކުގައި ޙުއްޖަތެއް ނޫނެވެ. އެހެންނަމަވެސް، ޙަނަފީންގެ އަރިހުގައި، މީސްތަކުންގެ ވާހަކަތަކުގައި (ވަޤުފާއި ހުވާފަދަ)، مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެކެވެ.

مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް ކަމުގައި ވިދާޅުވާ ބޭފުޅުންގެ ތެރޭގައި، އެއިން ދަލާލަތުކޮށްދޭ ޠަބީޢަތާ ގުޅޭ ގޮތުން، އެއީ ބަހަވީ ދަލާލަތެއްތޯ ނުވަތަ ޝަރުޢީ ދަލާލަތެއްތޯ ނުވަތަ ބުއްދީގެ ދަލާލަތެއްތޯ ކަނޑައެޅުއްވުމުގައި ރައުޔުތަފާތުވުން އުފެދިފައި ވެއެވެ.

އަދި مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް ކަމުގައި ވިދާޅުވާ ބޭފުޅުން އެއަށް ޢަމަލުކުރުމަށްޓަކައި ޝަރުޠުތަކެއް ކަނޑައަޅުއްވާފައި ވެއެވެ.

ފުރަތަމަ ޝަރުޠަކީ، ސުކޫތުގައިވާ ޙުކުމުގެ އައުލާކަން މާ ބޮޑުކަމަށް ނުވަތަ މަންޠޫޤާ ހަމަހަމަކަމަށް ބޭރަށް ފާޅު ނުވުމެވެ.

ދެވަނަ ޝަރުޠަކީ، އެއަށްވުރެ ރާޖިޙުކަން ބޮޑު ނައްޞަކާ ނުވަތަ އިޖުމާޢުއަކާ ނުވަތަ މަންޠޫޤަކާ ނުވަތަ މަފްހޫމުލްމުވާފަޤާއަކާ ނުވަތަ އެހެން ވެސް އެއްޗަކާ ތަޢާރުޟު ނުވުމެވެ.

ތިންވަނަ ޝަރުޠަކީ، މަންޠޫޤުގެ ޙުކުމާ ގުޅުވައިލެވިފައިވާ ޤައިދަށް، އެ އެތި ޚާއްޞަ ކުރުން ލާޒިމު ކުރާނޭ ފައިދާއެއް ބޭރަށް ފާޅުވާން ނެތުމެވެ. ސުކޫތުގައިވާ ޙުކުމުން ޙުކުމް ނަފީކުރުން މެނުވީއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((لاَ زَكَاةَ فِي مَالٍ حَتَّى يَحُولَ عَلَيْهِ الـحَوْلُ)) މާނައީ: [އެއަށް އަހަރު ހަމަވެއްޖައުމަށް ދާންދެން، މުދަލަކުން ޒަކާތެއް ނުވެއެވެ.] މި ޙަދީޘުގެ مَفْهُومُ الـمُخَالَفَة އިން އެނގެނީ، މުދަލަށް އެއް އަހަރުވުމުން ޒަކާތް ނެރުން ވާޖިބު ވާނެ ކަމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =