126ވަނަ ޤަވާޢިދު (ޖުމްލަ 189): مَفهُومُ الشَّرطِ حُجَّةٌ
މި ޤަވާޢިދުގެ ތަރުޖަމާ: {مَفهُومُ الشَّرط އަކީ ޙުއްޖަތެއް}
މި ޤަވާޢިދުގެ މުރާދު: مَفهُومُ الشَّرط (ޝަރުޠުގެ މަފްހޫމު) އަކީ، އެއަށް ޢަމަލުކުރުން ވާޖިބު ޙުއްޖަތެކެވެ. އަދި ޙުކުމެއް ޝަރުޠަކާ ގުޅުވައިލެވިފައިވުމުން އެނގެނީ، އެ ޝަރުޠު ނަފީ ވާ ހާލަތެއްގައި އެ ޙުކުމް ނަފީ ވާނެ ކަމެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޙަނަފީން ކުރެ ގިނަ ބޭފުޅުންނާއި ޡާހިރީންގެ ނަޒަރުގައި، مَفهُومُ الشَّرط އަކީ ޙުއްޖަތެއް ނޫނެވެ. އެ ބޭފުޅުންގެ އަރިހުގައި مَفْهُومُ الـمُخَالَفَة އަކީ ވެސް ޙުއްޖަތަކަށް ނުވާފަދައިންނެވެ. އެހެންނަމަވެސް، ޙަނަފީންގެ އަރިހުގައި مَفْهُومُ الـمُخَالَفَة ޙުއްޖަތެއްގެ ގޮތުގައި ބޭނުން ކުރެވޭ ހާލަތްތަކުގައި مَفهُومُ الشَّرط ވެސް ޙުއްޖަތެއްގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ. މި ވާހަކަ އިސްވެދިޔަ ޤަވާޢިދުގައި ބަޔާންވެހިނގައްޖެއެވެ.
ދެން ފަހެ، مَفهُومُ الشَّرط އަކީ، ޝަރުޠަކާ ގުޅުވައިލެވިފައިވާ ޙުކުމެއް ލިއްބައިދޭ ލަފްޒަކުން، އެ ޝަރުޠު ނެތްނަމަ ސުކޫތުގައިވާ ޙުކުމާ އިދިކޮޅަށް ސާބިތުވާކަން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމެވެ. އެހެންކަމުން، މިއީ، މަންޠޫޤުން ސާބިތުވާ ޙުކުމުގެ އިދިކޮޅެވެ. އޭގެ ނަފީއެކެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
އެހެންނަމަވެސް، ބައެއް ބޭފުޅުންގެ ނަޒަރުގައި، مَفهُومُ الشَّرط ގެ ވަޒީފާއަކީ، މަންޠޫޤުގައިވާ ޙުކުމް، ސުކޫތުގައިވާ ޙުކުމުން ނަފީ ކުރުން އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު، އޭގެ އިތުރުން، މަންޠޫޤުގެ ޙުކުމާ އިދިކޮޅު އައު ޙުކުމެއް ސުކޫތުގައިވާ ޙުކުމަށް ސާބިތުކުރުން ވެސް ހިމެނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((مَنْ أَدْرَكَ رَكْعَةً مِنَ الصَّلاَةِ فَقَدْ أَدْرَكَ الصَّلاَةَ)) މާނައީ: [ނަމާދުގެ ރަކުޢަތެއް ލިބިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް ނަމާދު ލިބިއްޖެއެވެ.] މި ޙަދީޘުން އިސްތިންބާޠުކޮށް، ޝާފިޢީން ވިދާޅުވަނީ، ނަމާދު އޭގެ ވަގުތު ނިމޭކޮޅަށް ފަސްކުރާ މީހާ، ވަގުތު ނިމުމުގެ ކުރިން އެއް ރަކުޢަތް ނުކުރެވޭހާ ފަސްކޮށްފިނަމަ، (ޝާފިޢީންގެ ތެރޭގައި އޮންނަ ޞައްޙަކަން ބޮޑު ރައުޔުގައި އޮންނަނީ) އޭނާގެ އެ ނަމާދު ވާހުށީ ޤަޟާއަށް ކުރާ ނަމާދެއް ކަމުގައެވެ. އެ ގޮތަކީ، [مَنْ أَدْرَكَ…] ގައިވާ ޝަރުޠުގެ މަފްހޫމުން (مَفهُومُ الشَّرط ން) ދަލީލުކޮށްދެނީ، ރަކުޢަތެއް ނުލިބިއްޖެ މީހާއަށް، އަދާއަށް ކުރާ ނަމާދު ނުލިބޭނެކަމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =