[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 121

127ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ الصِّفَةِ حُجَّةٌ

މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ الصِّفَة އަކީ ޙުއްޖަތެއް}

މި ޤަވާޢިދުގެ މުރާދު: مَفْهُومُ الصِّفَة (ސިފައިގެ މަފްހޫމް) އަކީ، އެއަށް ޢަމަލުކުރެވޭނޭ ޙުއްޖަތެކެވެ. އެ ގޮތުން، ސިފަތަކުން ކުރެ ސިފައަކަށް ޙުކުމް ޤައިދުކޮށް އެއާ ޙުކުމް ގުޅުވައިލާފައި ވާނަމަ، އެއިން ދަލީލުކޮށްދެނީ، އެ ނޫން އެހެން ސިފަތަކުގައި އެ ޙުކުމް ނަފީވެގެން ވާކަމުގައެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އޭގެ ތެރޭގައި، މާލިކާއި ޝާފިޢީއާއި އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.

މިއާ ޚިލާފަށް، އަބޫ ޙަނީފާއާއި އެ ބޭފުޅާގެ އެކުވެރިންނާއި، އިބްނު ސުރައިޖާއި އަލްޤައްފާލުއްޝާޝީއާއި އަލްޤާޟީ އަލްބާޤިއްލާނީއާއި އަލްޣަޒާލީފަދަ ބައެއް މާލިކީންނާއި ބައެއް ޝާފިޢީންނާއި، އަބުލްޙަސަން އައްތަމީމީފަދަ ބައެއް ޙަންބަލީންގެ އަރިހުގައި، مَفْهُومُ الصِّفَة އަކީ ޙުއްޖަތެއް ނޫނެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، ސިފަތަކުން ކުރެ ސިފައަކަށް ޙުކުމް ޤައިދުކޮށް އެއާ ޙުކުމް ގުޅުވައިލާފައި ވުމަކުން، އެ ނޫން އެހެން ސިފަތަކުގައި އެ ޙުކުމް ނަފީވެގެން ވާކަމަށް ދަލީލެއް ނުކޮށްދެއެވެ.

އަދި މި ނޫން ވެސް ރައުޔުތައް މި މައްސަލައިގައި ވެއެވެ.

ދެން ފަހެ، مَفْهُومُ الصِّفَة އަކީ، ސިފަތަކުން ކުރެ ސިފައަކުން ޙުކުމެއް ޒާތަކާ ގުޅުވައިލުމެވެ. އަދި مَفْهُومُ الصِّفَة އާ ގުޅޭ ގޮތުން ރައުޔުތަފާތުވުން އުފެދިފައި ވަނީ، އެ ސިފައެއް ޚާއްޞަކޮށް ބަޔާންކުރެއްވުމުގައި، އެހެން ސިފަތަކުން ޙުކުމް ނަފީ ކުރުން ފިޔަވައި އެހެން ފައިދާއެއް ފާޅުވާން ނެތް ހާލަތުގައެވެ. މިއާ ޚިލާފަށް، އެއިން އެހެން ފައިދާއިން ފާޅުވާނަމަ، ނަފީއަކަށް ދަލީލެއް ނުކޮށްދޭނެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا) (ސޫރަތުލްޙުޖަރާތު: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އޭގެ ތެދުދޮގު ބަލާހުށިކަމެވެ!] މި އާޔަތުގެ މަންޠޫޤުން ދަލީލުކޮށްދެނީ، ފާސިޤުން ގެންނަ ޚަބަރުތަކުގެ ތެދުދޮގު ބަލައި އޮޅުންފިލުވުން ވާޖިބުކަމެވެ. އަދި އޭގެ މަފްހޫމުން ދަލީލުކޮށްދެނީ، ޢަދުލުވެރިޔާ ގެންނަ ޚަބަރުތަކުގެ ތެދުދޮގު ބަލައި އޮޅުންފިލުވުން ވާޖިބު ނޫން ކަމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =