[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 123

129ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ الـحَصْرِ حُجَّةٌ

މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ الـحَصْر އަކީ ޙުއްޖަތެއް}

މި ޤަވާޢިދުގެ މުރާދު: مَفْهُومُ الـحَصْر (ޙަޞްރުގެ މަފްހޫމް) އަކީ، އެއަށް ޢަމަލު ކުރެވޭނޭ ޙުއްޖަތެކެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، ޙަނަފީންނާއި ޡާހިރީންގެ ނަޒަރުގައި مَفْهُومُ الـحَصْر އަކީ، ޙުއްޖަތެއް ނޫނެވެ. އެހެންނަމަވެސް، ޙަނަފީން ވެސް، ޙަޤީޤަތުގައި دَلَالَةُ الـحَصْرِ (ޙަޞްރުގެ ދަލާލަތު) ސާބިތު ކުރައްވަތެވެ. مَفْهُومُ الـمُخَالَفَة ގެ ބާބުގެ ދަށުންނެއް ނޫނެވެ. އެހެނެއްކަމަކު، މަންޠޫޤުގެ ބާބުގެ ދަށުންނެވެ. އެ ގޮތަށް ދިމާވީ، އެ ބޭފުޅުން ޝަރުޢީ ނައްޞުތަކުގައި مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް ނޫންކަމަށް ދެކިވަޑައިގަންނަވާތީއެވެ.

ދެން ފަހެ، ބަހަވީ ގޮތުން، ޖަމާކުރުމާއި މަނާކުރުމާއި ޝާމިލުވުމާއި ހިފެހެއްޓުމާއި ދަތިކޮށްލުމުގެ މާނައިގައި الـحَصْر ބޭނުންކުރެވެއެވެ. އަދި مَفْهُومُ الـحَصْر އަކީ، حَصْرކުރުމުގެ ޢިބާރަތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްގެން، ސުކޫތުގައިވާ ޙުކުމަށް، މަންޠޫޤުގެ ޙުކުމުގެ އިދިކޮޅު ސާބިތުކުރުމެވެ.

އަދި حَصْر ގެ ތަފާތު އެކިއެކި ވައްތަރުތައް ވެއެވެ. އޭގެ އެކިއެކި ޢިބާރާތްތަކާއި ލަފްޒުތައް ވެއެވެ. އޭގެ އަދަދު ކަނޑައެޅުއްވުމުގައި އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައި ވެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ވައްތަރުތަކުގެ ތެރޭގައި، އިސްތިޘްނާ ހިމެނެއެވެ.

އެ ގޮތުން، އިސްތިޘްނާގެ ގޮތުގައިވާ حَصْر ގެ މިސާލަކީ، [حَضَرَ الطُّلَّابُ إِلَّا مُحَمَّدًا] (ދަރިވަރުން ޙާޟިރުވެއްޖޭ، މުޙައްމަދު ފިޔަވައި) މިފަދައިން ބުނުމެވެ. މި ތަނުގައި މިވާ [حَضَرَ الطُّلَّابُ] އެއީ މަންޠޫޤެވެ. އެއިން އެނގެނީ، ދަރިވަރުން ޙާޟިރުވެއްޖެކަމެވެ. އަދި ދެން އެވާ [إِلَّا مُحَمَّدًا] އެއީ حَصْر އެވެ. އެއިން އެނގެނީ، އެ މަންޠޫޤުން މުޙައްމަދު އިސްތިޘްނާވެގެން ވާކަމެވެ. އެބަހީ، މުޙައްމަދު ޙާޟިރު ނުވާކަމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَكِيم) (ސޫރަތުއްތައުބާ: 60) މާނައީ: [ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި (ހާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.] މި އާޔަތުގެ މަންޠޫޤުން ދަލީލުކޮށްދެނީ، މި އާޔަތުގައި ބަޔާންވެފައިވާ ފަރާތްތަކަށް އެކަނި ޒަކާތު މުދާ ލިބުން حَصْر (ހަނި) ވެފައި ވާކަމެވެ. އަދި މި އާޔަތުގެ މަފްހޫމުން، إِنَّمَا ގެ ޒަރީއާއިން مَفْهُومُ الـحَصْر ގެ މަގުން، ދަލީލުކޮށްދެނީ، އެ އަށް ބައި ނޫން އެހެން ބަޔަކަށް އެ ޒަކާތް ޙައްޤުވުން ނަފީވެގެން ވާކަމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =