[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 124

130ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ العَدَدِ حُجَّةٌ

މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ العَدَد އަކީ ޙުއްޖަތެއް}

މި ޤަވާޢިދުގެ މުރާދު: ވަކި ޚާއްޞަ އަދަދަކަށް ޙުކުމް ޤައިދުކޮށް، އެ އަދަދާ ޙުކުމް ގުޅުވައިލާފައި ވުމުން ދަލީލުކޮށްދެނީ، އެ ނޫން އަދަދުތަކުގައި ޙުކުމް ނަފީ ވާނެ ކަމެވެ. އެ ނޫން އަދަދަކީ، އެ އަދަދަށްވުރެ މަތީ އަދަދެއް ކަމުގައި ވިޔަސް، ނުވަތަ އެ އަދަދަށް ވުރެ ދަށް އަދަދެއް ކަމުގައި ވިޔަސް މެއެވެ. މިއީ، އައްޝާފިޢީއާއި، އަޙްމަދާއި އެ ބޭފުޅާގެ ގިނަ އެކުވެރިންނާއި، މާލިކާއި، ދާވޫދުއްޡާހިރީގެ ފަރާތްޕުޅުން އައިސްފައިވާ ރައުޔެކެވެ. އަދި މި ރައުޔުގައި، އަބޫ ޙާމިދު އަލްއިސްފަރާޔީނީއާއި އިބްނުއްސަމްޢާނީފަދަ ބައެއް ޝާފިޢީން ވެސް ހިއްޕަވަތެވެ.

މިއާ ޚިލާފަށް، އަލްބާޤިއްލާނީއާއި އިމާމުލްޙަރަމައިނިއާއި އަލްބައިޟާވީއާއި ޙަނަފީންނާއި މުޢުތަޒިލާއިންނާއި އަޝްޢަރީންގެ ނަޒަރުގައި، مَفْهُومُ العَدَد އަކީ ޙުއްޖަތެއް ނޫނެވެ. އެ ގޮތުން، ޙުކުމެއް ވަކި އަދަދަކުން ޚާއްޞަ ކުރެވިފައި ވުމަކުން، އެ ނޫން އަދަދުތަކުގައި އެ ޙުކުމް ނަފީ ވާނެ ކަމަކަށް އެއިން ދަލީލެއް ނުކޮށްދެއެވެ.

އަދި މިއާ ޚިލާފަށް، އަލްފަޚްރުއްރާޒީ އިޚްތިޔާރު ކުރެއްވި ރައުޔެއްގައި ވަނީ، ޙުކުމް ވަކި އަދަދަކުން ޚާއްޞަ ކުރެވިފައި ވުމީ، އޭގެ ޒާތަށް ބަލާއިރު، އެ ނޫން އަދަދެއް އޮވެއްޖެނަމަ އެ ޙުކުމް ނަފީ ވުން ދަލީލުކޮށްދޭ ކަމެއް ނޫނެވެ. އެހެންނަމަވެސް، ޚާރިޖީ ޤަރީނާތަކަށް ބެލުމުން އެ ގޮތަށް ދަލީލުކޮށްދީފާނެއެވެ.

ދެން ފަހެ، مَفْهُومُ العَدَد (އަދަދުގެ މަފްހޫމް) އަކީ، ޙުކުމް ވަކި ޚާއްޞަ އަދަދަކާ ގުޅުވައިލުމެވެ. އޭގެ ސަބަބުން، އެ އަދަދު ނޫން އެހެން އަދަދެއްނަމަ، ޙުކުމް ނަފީ ވާނެކަމަށް ދަލީލުކޮށްދިނުމެވެ.

އަދި މި މައްސަލައިގައި ރައުޔުތަފާތުވުން އުފެދިފައި އެ ވަނީ، التَّكْثِيْرُ ގެ (ގިނަކަން ބަޔާން ކުރުމުގެ) ޤަޞްދު ނެތް އަދަދުތަކާ ގުޅޭ ގޮތުންނެވެ. ޢަރަބިބަހުގައި މުބާލަޣާ ކުރުމުގެ ގޮތުން، ގިނަކަން ބަޔާންކޮށްދިނުމަށް ބޭނުން ކުރެވޭ އަދަދުތަކުގެ ތެރޭގައި [އެއް ހާސް] އާއި [ހަތްދިހަ] ހިމެނެއެވެ. އަދި ބައެއް ބޭފުޅުންގެ ނަޒަރުގައި، މި މައްސަލައިގައި ރައުޔުތަފާތުވުން އުފެދިފައި އެ ވަނީ، ދޭކާއި ތިނެއްފަދަ އަދަދުތަކުގެ ޒާތާ ގުޅޭ ގޮތުންނެވެ. އަދަދު ކުރެވޭ ކަންތަކާ ގުޅޭ ގޮތަކުން ނޫނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((أُحِلَّتْ لَنَا مَيْتَتَانِ وَدَمَانِ)) މާނައީ: [އަހުރެމެންނަށް މުޅަތަކެތީގެ ދޭއްޗަކާއި ދެ ލެޔެއް ޙަލާލު ކުރެއްވުނެވެ.] مَفْهُومُ العَدَد އަށް ބިނާކޮށް މި ޙަދީޘުން އެނގެނީ، ޙަލާލު ކުރެއްވުނީ މުޅަތަކެތީގެ ތެރެއިން އެންމެ ވައްތަރެއް ނޫން ކަމެވެ. އަދި ތިންވަނަ ވައްތަރެއްގެ މުޅަތަކެއްޗެއް ޙަލާލު ކުރެވިފައި ނުވާނޭ ކަމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =