[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 129

135ވަނަ ޤަވާޢިދު (ޖުމްލަ 189): الـحُكْمُ بِالـمُسْتَنْبَطِ مِنَ الـمُنَزَّلِ حُكْمٌ بِالـمُنَزَّلِ

މި ޤަވާޢިދުގެ ތަރުޖަމާ: {ބާވައިލެއްވުނު އެތިން އިސްތިންބާޠު ކުރެވިފައިވާ އެތިން ނެގިފައިވާ ޙުކުމަކީ، ބާވައިލެއްވުނު އެތިން ނެގިފައިވާ ޙުކުމެއް}

މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގެ ނައްޞަކުން އިސްތިންބާޠު ކުރެވިފައިވާ މާނަތަކުން ނެގިފައިވާ ޙުކުމަކީ، ޤުރުއާނާއި ސުންނަތުން ނެގިފައިވާ ޙުކުމެއްގެ ގޮތުގައި ބެލެވޭނެތެވެ.

ދެން ފަހެ، [އިސްތިންބާޠު ކުރެވިފައިވާ މާނަތަކޭ] ބުނެ އިޝާރާތްކުރެވިފައި އެ ވަނީ، ޝަރުޢީ ދަލީލުތަކުގެ ތެރެއިން އެ ދަލީލުތަކެއްގެ ޙުއްޖިއްޔަތާ މެދު ޚިލާފު އުފެދިފައިވާ ދަލީލުތަކަށެވެ. އެހެން ޢިބާރާތަކުންނަމަ، އިސްތިދުލާލަށެވެ.

136ވަނަ ޤަވާޢިދު (ޖުމްލަ 189):الأَصْلُ فِي الأَدِلَّةِ الإِعْمَالُ لَا الإِهْمَالُ

މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލުތަކުގައި އަޞްލަކީ، ޢަމަލުކުރުން، އިހުމާލުކުރުމެއް ނޫން}

މި ޤަވާޢިދުގެ މުރާދު: މި ތަނުގައި ޢަމަލުކުރުމުގެ މުރާދަކީ، ލަފްޒެއް އެ ލަފްޒުން ކުރިން އެނގެން ނެތް މާނައެއްގައި ނުވަތަ ފައިދާއެއްގައި ނެގުމެވެ. އަދި އިހުމާލުކުރުމުގެ މުރާދަކީ، ދޫކޮށްލުމާއި ބާޠިލުކުރުމެވެ.

ޝަރުޢުކުރެއްވުމާ ގުޅޭ ތަނެއްގައި ވާރިދުވެފައިވާ ލަފްޒަކުން ދޭއް ނުވަތަ އެއަށްވުރެ ގިނަ މާނައަށް އިޙްތިމާލު އުފައްދައިދޭނަމަ، އަދި އެ ތަނުން ވަކި މާނައެއްގައި ހިފުމީ، ޢަމަލީ ނަތީޖާއާއި ޝަރުޢީ ޙުކުމް ތަރުތީބުވުމަށް ބަލާއިރު، އެ ޝަރުޢީ ދަލީލަށް ޢަމަލުކުރުން ކަމުގައި ބެލެވޭނަމަ، އަދި އެ ތަނުން އެހެން މާނައެއްގައި ހިފުމީ، އެ ޝަރުޢީ ދަލީލު ބާޠިިލުކުރުން ކަމުގައި ބެލެވޭނަމަ، އަޞްލަކީ އެ ޝަރުޢީ ދަލީލު އެ މާނައެއްގައި ނެގުން ލާޒިމު މާނައިގައި ނެގުމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ފަރާތްޕުޅުން އެ ކަމަނާ ވިދާޅުވިކަމަށް ރިވާވެފައިވާ އަންނަނިވި ރިވާޔަތެވެ. ((دَخَلَ عَلَىَّ النَّبِىُّ -صلى الله عليه وسلم- ذَاتَ يَوْمٍ فَقَالَ: هَلْ عِنْدَكُمْ شَىْءٌ، فَقُلْنَا: لاَ، قَالَ: فَإِنِّى إِذًا صَائِمٌ)) މާނައީ: [އެއް ދުވަހަކު އަޅުގަނޑުގެ ގާތަށް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަދެވަޑައިގެންނެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: ކަމަނާމެން އަތްޕުޅުގައި (ފަރީއްކުޅުއްވާނޭ) އެއްޗެއް އެބައޮތްތޯއެވެ؟ އަޅުގަނޑުމެން ދެންނެވީމެވެ: ނޫނެކެވެ. ޙަދީޘްކުރެއްވިއެވެ: އެހެންވިއްޔާ، އަހުރެން މިހުރީ ރޯދައަށެވެ.] މި ޙަދީޘުގައިވާ [إِنِّى إِذًا صَائِمٌ] (އެހެންވިއްޔާ، އަހުރެން މިހުރީ ރޯދައަށޭ) ގައި [ރޯދަ] ބޭނުންކުރެވިފައި އެ ވަނީ، އޭގެ ޝަރުޢީ ޙަޤީޤަތުގެ ގޮތުގައިތޯ ނުވަތަ އޭގެ ބަހަވީ ޙަޤީޤަތުގެ ގޮތުގައިތޯ ކަނޑައެޅުއްވުމުގައި ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައި ވެއެވެ. އެ އެވަނީ، ޝަރުޢީ ޙަޤީޤަތުގެ ގޮތުގައޭ ވިދާޅުވާ ބޭފުޅުންގެ ރައުޔު ރާޖިޙު ކުރެވޭ ސަބަބުތަކުގެ ތެރޭގައި، [صَائِمٌ] ލަފްޒު އޭގެ ޝަރުޢީ މާނައިގައި ނެގުމުން، ދަލީލަށް ޢަމަލުކުރެވުން ހިމެނެއެވެ. ސަބަބަކީ، އެއިން ޝަރުޢީ އައު ޙުކުމެއް އުުފަންކޮށްދެއެވެ. އެ ޙުކުމަކީ، ދުވާލު ނިޔަތްގަތުމުން ވެސް (ސުންނަތް) ރޯދަ ޞައްޙަވުމެވެ. މިއާ ޚިލާފަށް، އެ ލަފްޒު އޭގެ ބަހަވީ މާނައިގައި ނެގުމުން، އެއިން މި ފައިދާއެއް ޙާޞިލެއް ނުވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =