137ވަނަ ޤަވާޢިދު (ޖުމްލަ 189): دَلَالَةُ الاِلْتِزَامِ حُجَّةٌ
މި ޤަވާޢިދުގެ ތަރުޖަމާ: {دَلَالَـةُ الاِلْـتِـزَام އަކީ ޙުއްޖަތެއް}
މި ޤަވާޢިދުގެ މުރާދު: دَلَالَـةُ الاِلْـتِـزَام އަކީ، ޝަރުޢީ ޙުކުމް ލިބިގަތުމަށް އޮތް މަގެއްގެ ގޮތުގައި ކަނޑައެޅިއްޖެހިނދެއްގައި، ޙުކުމްތައް ލިބިގަނެވޭނޭ، އަދި ޙުކުމްތައް އޭގެ މައްޗަށް ބިނާކުރެވޭނޭ މަގެކެވެ.
ދެން ފަހެ، دَلَالَـةُ الاِلْـتِـزَام (އިލްތިޒާމުގެ ދަލާލަތު) އަކީ، ލަފްޒު އެ މާނައެއްގައި އުފަންކުރެވިފައިވާ، އަދި އެ މާނައެއް އެ ލަފްޒުން ސިކުނޑިއަށް އަންނަ މާނަ ނޫން، ޚާރިޖީ މާނައަކަށް ލަފްޒުން ދަލީލުކޮށްދިނުމެވެ. އެހެން ޢިބާރާތަކުންނަމަ، އެއީ، މަންޠޫޤާ އެކުއެކީގައިވާ ޚާރިޖީ މާނައަކަށް ލަފްޒުން ދަލީލުކޮށްދިނުމެވެ. އެއްވެސް ހާލަތެއްގައި އެ މާނަ، އެއާ ވަކިވެގެނެއް ނުދާ ގޮތުންނެވެ.
އަދި دَلَالَـةُ الاِلْـتِـزَام ގެ ތެރޭގައި، دَلَالَـةُ الاِقْتِضَاءِ އާއި دَلَالَـةُ الإِشَارَةِ އާއި دَلَالَـةُ الإِيْـمَاءِ އަދި دَلَالَـةُ الـمَفْهُومِ ހިމެނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا) (ސޫރަތުލްއަޙްޤާފް: 15 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސް މަސްދުވަހެވެ.] އަދި އަންނަނިވި ވަޙީބަސްފުޅެވެ. (وَفِصَالُهُ فِي عَامَيْنِ) (ސޫރަތު ލުޤްމާން: 14 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި އޭނާ ކިރު ތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ.] މި ދެ އާޔަތުން ލާޒިމު ކުރަނީ، ވިހެއުމުގެ އެންމެ ކުރު މުއްދަތަކީ، ހަ މަސްދުވަސް ކަމުގައި ވުމެވެ. އެއީ، އެ ދެ އާޔަތުގެ ލަފްޒުގައި، ވިހެއުމުގެ އެންމެ ކުރު މުއްދަތު ބަޔާންކުރުމުގެ ޤަޞްދު ނެތްކަމުގައި ވިޔަސް، އެ ދެ އާޔަތުގެ ޤަޞްދު ކުރެވިފައިވާ މާނައިން، އެ ގޮތް ލާޒިމު ކުރެއެވެ. ސަބަބަކީ، ތިރީސް މަސްދުވަހުން ދެ އަހަރު (ސައުވީސް މަސްދުވަސް) އުނިކުރުމުން، ބާކީ އޮންނާނީ ހަ މަސްދުވަސް ކަމަށް ވާތީއެވެ. އެހެންކަމުން، އެ ދެ އާޔަތުން އެ އިޝާރާތް ކުރަނީ، ވިހެއުމުގެ އެންމެ ކުރު މުއްދަތަކީ، ހަ މަސްދުވަސް ކަމުގައެވެ. މި ކަން މި އެނގުނީ، دَلَالَـةُ الاِلْـتِـزَام އިންނެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =