138ވަނަ ޤަވާޢިދު (ޖުމްލަ 189): اِخْتِلَافُ الأَسَامِي دَلِيْلُ اخْتِلَافِ الـمَعَانِـي
މި ޤަވާޢިދުގެ ތަރުޖަމާ: {ނަންތައް ތަފާތުވުމީ، މާނަތައް ތަފާތުވުމުގެ ދަލީލު}
މި ޤަވާޢިދުގެ މުރާދު: އެއްޗެހިތައް އޭގެ ނަންތަކުން ތަފާތުވުމީ، އެ އެއްޗެހީގެ މާނަތަކާއި ޙަޤީޤަތްތައް ތަފާތު ވާނޭކަން ދޭހަކޮށްދޭ އަލާމާތެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އެއީ، އެ އެއްޗިހާ ގުޅިފައިވާ ޝަރުޢީ ޙުކުމްތަކުގައި ވެސް ތަފާތު ވާނޭކަން ދޭހަކޮށްދޭ އަލާމާތެކެވެ.
ދެން ފަހެ، ޝަރުޢީ ޙުކުމްތައް ގުޅިފައި ވަނީ، އެއްޗެހީގެ މާނަތަކާއި ޢިއްލަތްތަކާއި އެ އެއްޗެހީގެ މައްޗަށް ތަރުތީބުވާ މަޞްލަޙަތުތަކާއެވެ. އެއްޗެހީގެ ނަންތަކަކާއެއް ނޫނެވެ.
އަދި ހަމައެހެންމެ، ނަންތައް ތަފާތުވާ ހުރިހާ ހާލަތެއްގައި، ޙުކުމްތައް ތަފާތުވުމީ ޟަރޫރީ ކަމެއް ނޫނެވެ. އެހެނީ، ނަންތައް ތަފާތުވިޔަސް، ދޭތީގައި ވެސް ޝަރުޢީ ޙުކުމް އެއަށް ބިނާވާ ސިފަ އޮވެދާނެއެވެ. އެ ހާލަތުގައި އެ ދޭއްޗަށް ވެސް ހިނގާނީ އެއް ޙުކުމްތަކެކެވެ.
މި ޤަވާޢިދުގެ މިސާލަކީ، އިސްތިޞްނާޢުގެ ޢަޤްދުގެ ޙަޤީޤަތެވެ. އިސްތިޞްނާޢުގެ ޢަޤްދަކީ، މަސައްކަތެއް ކުރުމަށް ޝަރުޠުކުރެވިގެން، ޒިންމާގައިވާ ވިއްކާ އެއްޗެއްގެ މައްޗަށް ވެވޭ ޢަޤްދެކެވެ. އެއީ ހަމައެކަނި، ޒިންމާގައިވާ ވިއްކާ އެއްޗެއްގެ މައްޗަށް ވެވޭ ޢަަޤްދެއް ނޫނެވެ. ޒިންމާގައިވާ ވިއްކާ އެއްޗެއްގެ މައްޗަށް ވެވޭ ޢަޤްދަކީ ސަލަމެވެ. އެހެންނަމަވެސް، މި ވައްތަރުގެ ޢަޤްދަށް ދެވެނީ އިސްތިޞްނާޢުގެ ނަމެވެ. ނަންތައް ތަފާތުވުމީ، އަޞްލުގައި މާނަތައް ތަފާތު ވާނޭކަމުގެ ދަލީލެވެ.
139ވަނަ ޤަވާޢިދު (ޖުމްލަ 189): التَّأْسِيْسُ أَوْلَى مِنَ التَّأْكِيْدِ
މި ޤަވާޢިދުގެ ތަރުޖަމާ: {ތައުކީދު ކުރުމަށް ވުރެ، ތައުސީސް ކުރުން އައުލާކަން ބޮޑު}
މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގައިވާ ޝަރުޢުކުރައްވާ ފަރާތުގެ އެންގެވުމެއްގެ އެއްބައިން، ކުރިން ލިބިގަނެވިފައި ނުވާ އައު މާނައެއް ލިއްބައިދޭ ކަމާ މެދު (އެބަހީ، ތައުސީސް ކުރެވިފައި ވުމާ މެދު)، ނުވަތަ ކުރިން ލިބިގަނެވިފައިވާ މާނައަކަށް ހަމައެކަނި އެއިން އިޤުރާރުވާ ކަމާ މެދު (އެބަހީ، ތައުކީދު ކުރެވިފައި ވުމާ މެދު) އިޙްތިމާލު އުފެދިއްޖެނަމަ، ކުރީގެ މާނައަށް ތައުކީދު ކުރާ އެއްޗެއްގެ ގޮތުގައި އެ އެންގެވުން ނެގުމަށް ވުރެ، އެ އެންގެވުމުން އައު މާނައެއް ލިއްބައިދޭ ގޮތަށް ނެގުން އައުލާކަން ބޮޑެވެ. އެއިން ލިއްބައިދެނީ ތައުކީދު ކުރުން ކަމަށް ބެލެވޭނީ އިތުރު ދަލީލެއް ލިބިގެންނެވެ.
ދެން ފަހެ، ތައުސީސް ކުރުމަކީ، ލަފްޒުން ކުރިން ލިބިގަނެވިފައި ނުވާ، މުޅިން އައު މާނައެއް ލިބިގަތުމެވެ. އަދި ތައުކީދު ކުރުމަކީ، ފުރަތަމަ ލަފްޒުން ފަހުމްވި ކަންތަކަށް، ދެވަނަ ލަފްޒަކުން ބާރުދިނުމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((البَسُوا البَيَاضَ فَإِنَّـهَا أَطْهَرُ وَأَطْيَبُ)) މާނައީ: [ތިޔަބައިމީހުން ހުދުހެދުން ލާށެވެ! އެހެނީ، އެއީ ޠާހިރުކަން ބޮޑު، އަދި ހެޔޮކަން ބޮޑު އެއްޗެކެވެ.] މި ޙަދީޘުގައި އެ ވާ [أَطْيَبُ] (ހެޔޮކަން ބޮޑު) އިން ދެ މާނައެއްގެ އިޙްތިމާލު އުފައްދައިދެއެވެ. އެއް މާނައަކީ، އެއީ އޭގެ ކުރިން އޮތް ވާހަކަ ތައުކީދު ކުރާ އެއްޗަކަށް ވުމެވެ. އެބަހީ، ހުދުހެދުމުގެ ޠާހިރުކަން ބޮޑުވާތީ، ހެޔޮކަން ބޮޑުވެގެން ވެއެވެ. އަނެއް މާނައަކީ، އެއީ މުޅިން އައު މާނައެއް ތައުސީސް ކުރާ އެއްޗަކަށް ވުމެވެ. އެބަހީ، ހުދުހެދުމުގެ ހެޔޮކަން ބޮޑުވަނީ، ޠަބީޢީ ގޮތުންނެވެ. ނުވަތަ ޝަރުޢީ ގޮތުންނެވެ. ނުވަތަ އެއިން ތަވާޟުޢުވެރިކަމަށް، ނުވަތަ ކިބުރުވެރި ނޫންކަމަށް، ނުވަތަ އެހެނިހެން ވެސް ރިވެތި އަޚްލާޤަށް ދަލީލުކޮށްދޭތީއެވެ. އަދި މި ތަނުން ދެވަނަ މާނައިގައި އެ ލަފްޒު ނެގުން އައުލާކަން ބޮޑުވެގެން ވެއެވެ. ސަބަބަކީ، ތައުކީދު ކުރުމަށް ވުރެ، ތައުސީސް ކުރުން އައުލާކަން ބޮޑުވެގެން ވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =