140ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُقَدَّمُ فِي الذِّكْرِ مُقَدَّمٌ فِي الرُّتْبَةِ
މި ޤަވާޢިދުގެ ތަރުޖަމާ: {ބަޔާންކުރުމުގައި އިސްކުރެވުނު އެތި، ދަރަޖައިގައި އިސްކުރެވިގެން ވޭ}
މި ޤަވާޢިދުގެ މުރާދު: ވާހަކައިގެ ތެރޭގައި އެއްޗެހިތަކެއް ބަޔާންކުރުމުގައި އެ ތަނުން އިސްކުރެވުނު އެތި، އެއާ ޖެހިގެން ބަޔާންކުރެވުނު ތަކެއްޗަށް ވުރެ، ތަރުތީބުކުރުމުގައްޔާއި ދަރަޖަކުރުމުގައި އިސްކުރެވިގެން ވާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ޙުކުމުގައި ވެސް އެ އިސްކުރެވޭނެތެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ތަނުން އެކަތި އިސްކުރެވުމީ، ދަރަޖައިގެ ގޮތުން އެ އެތި އިސްކުރެވިގެން ވުން ލާޒިމު ކުރާ ކަމެއް ނޫނެވެ. އެހެންކަމުން، ޙުކުމުގައި އެ އިސްކުރުމެއް ނުވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((بُـنِـيَ الإِسْلَامُ عَلَى خَمْسٍ شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ…)) މާނައީ: [އިސްލާމްދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. (އެއީ) ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ކަމަށް ހެކިވުމާއި، އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި…] މި ޙަދީޘުގެ މައްޗަށް ބިނާކޮށް، ޝާފިޢީންގެ އަރިހުގައި ޞައްޙަ އަދި މަޝްހޫރު ރައުޔަކީ، ރޯދައާއި އެހެނިހެން އަޅުކަންތަކަށް ވުރެ ނަމާދުގެ މާތްކަން ބޮޑުވެގެން ވާކަމަށް އޮންނަ ރައުޔުކަމަށް އައްނަވަވީ ވިދާޅުވެފައި ވެއެވެ. އެހެނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެ ވަނީ، ނަމާދާއި ރޯދަ ބަޔާންކުރެއްވުމުގައި، ރޯދައަށް ވުރެ ނަމާދު އިސްކުރައްވާފައެވެ. ބަޔާންކުރުމުގައި އިސްކުރެވިފައި ވުމީ، ދަރަޖައިގެ ގޮތުން ވެސް އިސްކުރެވިގެން ވުމެވެ.
141ވަނަ ޤަވާޢިދު (ޖުމްލަ 189): الضَّمِيْرُ يَرْجِعُ لِأَقْرَبِ مَذْكُوْرٍ إِلَّا لِدَلِيْلٍ صَارِفٍ
މި ޤަވާޢިދުގެ ތަރުޖަމާ: {ޟަމީރު ރުޖޫޢަވާހުށީ އެންމެ ކައިރީގައި ބަޔާންވެފައި އޮތް އެއްޗަށް، އެހެން ގޮތަކަށް އަނބުރައިލާނޭ ދަލީލެއް ނުވާނަމަ}
މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއްގައި ނުވަތަ މުކައްލަފުންގެ ވާހަކައެއްގައި ޟަމީރެއް (އެބަހީ، އަހުރެންފަދަ އޭނާފަދަ ބަދަލުނަމެއް) ބޭނުންކުރެވިފައި ވާނަމަ، ޢަރަބިބަހުގައި ލާޒިމު ކުރަނީ، އެ ޟަމީރު އޭގެ ކުރިން ބަޔާންވެފައި އޮތް އެއްޗަށް ރުޖޫޢަވުމެވެ. (އެބަހީ، އެ ޟަމީރަކީ، އެ އެތީގެ ބަދަލުނަމެއް ކަމުގައި ވުމެވެ.) އެތަކެއް އެއްޗެއް އޭގެ ކުރިން ބަޔާންވެފައި ވާނަމަ، އެ ޟަމީރު ރުޖޫޢަވާނީ އެއާ އެންމެ ގާތުގައިވާ އެ ރުޖޫޢަވުން ޞައްޙަ އެއްޗަށެވެ. ޤަރީނާއަކުން އެ ނޫން ގޮތަކަށް ދަލީލުކޮށް ނުދޭނަމައެވެ.
ދެން ފަހެ، މި ޤަވާޢިދު ވަނީ އަންނަނިވި ޝަރުޠުތަކުން ޤައިދު ކުރެވިފައެވެ.
- އެންމެ ގާތުގައި ބަޔާންވެފައިވާ އެއްޗަކީ އެ ޟަމީރު އެއަށް ރުޖޫޢަވުމަށް އެކަށީގެންވާ އެއްޗަކަށް ވުމެވެ. އެހެން އެ ކަން ނުވާނަމަ، އެއަށް އެ ޟަމީރު ރުޖޫޢައެއް ނުވާނެއެވެ.
- ޟަމީރުގެ ކުރިން އޮތީ މުޟާފުވެފައި އޮތް އެއްޗެއް ކަމުގައި ނުވުމެވެ. އެހެން އެ ކަން ނުވާނަމަ، އެ ޟަމީރު ރުޖޫޢަ ވާނީ، الـمُضَافُ އަށެވެ. الـمُضَافُ إِلَيْهِ އަކަށް ނޫނެވެ. އެހެންނަމަވެސް، މުޟާފަކަށް އޮތީ [كُلُّ] ނުވަތަ [جَمِيْعُ] ނަމަ، ގިނަ ފަހަރަށް އެ މުޟާފު ރުޖޫޢަ ވާނީ، الـمُضَافُ إِلَيْهِ އަށެވެ.
- އެންމެ ގާތުގައިވާ އެތި ނޫން އެހެން އެއްޗަކަށް ރުޖޫޢަ ވާކަން ދަލީލުކޮށްދޭ ޤަރީނާއެއް ނެތުމެވެ. އެފަދަ ޤަރީނާއެއް އޮތްނަމަ، ވާޖިބުވެގެން ވަނީ، އެ ޤަރީނާއިން ދަލީލުކޮށްދޭ އެއްޗަށް އެ ޟަމީރު ރުޖޫޢަ ކުރުމެވެ.
އަދި ފަހަރުގައި ޟަމީރެއް އޭގެ ކުރިން ބަޔާންވެފައިވާ އެއްވެސް އެއްޗަކަށް ރުޖޫޢަ ނުވާ ގޮތަށް ވެސް އޮވެދާނެކަން ދަންނަންޖެހޭނެއެވެ. އަދި އެފަދަ މިސާލުތައް ކީރިތި ޤުރުއާނާއި ޢަރަބި ޅެންތަކުގައި ނުހަނު ގިނައިން ވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأُمَّهَاتُ نِسَآئِكُمْ وَرَبَائِبُكُمُ اللاَّتِي فِي حُجُورِكُم مِّن نِّسَآئِكُمُ اللاَّتِي دَخَلْتُم بِهِنَّ) (ސޫރަތުއްނިސާ: 23 ވަނަ އާޔަތުގެ އެއްބައި) މާނައީ: […ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި، ތިޔަބައިމީހުން އެ ކަނބަލުންގެ ގާތަށް ރޭކުރަން ވަދެފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ، (އެބަހީ: ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި، (މި މީސްމީހުންނާ) ކައިވެނިކުރުން ޙަރާމް ކުރެއްވިއެވެ.] މި އާޔަތުގައިވާ (مِّن نِّسَآئِكُمُ اللاَّتِي) ގައި އެވާ ޟަމީރު (އެބަހީ، ތިޔަބައިމީހުންގެ) ރުޖޫޢަވަނީ، އެންމެ ގާތުގައި ބަޔާންވެފައިވާ އެއްޗަށެވެ. އެއީ، [الرَّبَائِبُ] (ދޮންދަރިން) އެވެ. މިއިން އެނގޭ އެއްޗަކީ، ރޭކުރަން ވަނުމުގެ ޝަރުޠު ރުޖޫޢަވަނީ، ދޮންދަރިއަށް ކަމެވެ. ދޮންދަރިންނަށާއި އަނބިންގެ މަންމައިންނާ ދެބައިމީހުންނަށް ނޫންކަމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =