[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 133

142ވަނަ ޤަވާޢިދު (ޖުމްލަ 189): صِيْغَةُ “أَفْعَلِ التَّفْضِيلِ” تَقْتَضِي الـمُشَارَكَةَ فِي أَصْلِ الـمَعْنَى

މި ޤަވާޢިދުގެ ތަރުޖަމާ: {أَفْعَلُ التَّفْضِيْلِ ގެ ޞީޣާއިން ލާޒިމު ކުރަނީ، މާނައިގެ އަޞްލުގައި ބައިވެރިވުން}

މި ޤަވާޢިދުގެ މުރާދު: أَفْعَلُ التَّفْضِيْلِ (މާތްކުރުމުގެ ގޮތުން ބޭނުންކުރެވޭ أَفْعَلُ ވަޒަން) ނުވަތަ اِسْمُ التَّفْضِيْلِ (މާތްކުރުމުގެ ގޮތުން ބޭނުންކުރެވޭ ނަން) އަކީ، އެހެން އެއްޗިއްސަށް ވުރެ އޭގައި ސިފައެއް އިތުރަށް ހިމެނޭކަމަށް ދަލީލުކޮށްދިނުމަށްޓަކައި، أَفْعَلُ ގެ ވަޒަނަށް، ފިޢުލުގެ ކަލިމައިގެ އަޞްލުން ނެގިފައި އޮންނަ ސިފައެވެ. އެފަދަ ސިފައަކުން ވަކި އެއްޗެއް ސިފަކުރެވިފައި ވުމުން، ލާޒިމު ކުރަނީ، އެއާ އަޅައިބެލިފައިވާ އެހެން އެއްޗެހީގައި ވެސް އެ ސިފައިގެ ޢާއްމުކަން ހުރުމެވެ. މިސާލަކަށް، [عَـائِدٌ أَجْمَلُ مِنْ أُمِّهِ] (ޢާއިދު، އޭނާގެ މަންމައަށް ވުރެ މާ ރީއްޗޭ)  ބުނުމެވެ. މި ހާލަތުގައި، ޢާއިދު މާ ރީއްޗޭ ބުނި ބުނުމުން ލާޒިމު ކުރަނީ، އޭނާގެ މަންމަގެ ގައިގައި ވެސް ރީތިކަމުގެ ސިފަ ހުރުމެވެ.

ދެން ފަހެ، މި ޤަވާޢިދުގައި އެވާ [التَّفْضِيْل] (މާތްކުރުން) ގެ މުރާދަކީ، މުޠުލަޤުކޮށް (ހުރިހާ ހާލަތެއްގައި ވެސް) އިތުރުވުުމެވެ. އެއީ، މާތްކަމުގެ ގޮތުން އިިތުރުވުން ކަމުގައި ވިޔަސް، ނުވަތަ އުނިކަމުގެ ގޮޮތުން އިތުރުވުން ކަމުގައި ވިޔަސް މެއެވެ. މިސާލަކަށް، أَحْسَنُ (އެންމެ ރިވެތި) އާއި أَقْبَحُ (އެންމެ ހުތުރު) އާއި أَعْلَمُ (އެންމެ ޢިލްމުވެރި) އާއި أَجْـهَلُ (އެންމެ ޖާހިލު) އާއި أَكْثَـرُ (އެންމެ ގިނަ) އާއި أَقَلُّ (އެންމެ މަދު) އެވެ.

އަދި މަތީގައި އިޝާރާތްކުރެވިފައިވާ ފަދައިން، މާތްކުރުމުގެ ޖުމްލައިގައި މާތްކުރާ އެއްޗާއި އެ އެއްޗެއްގެ މައްޗަށް މާތްކުރެވޭ އެއްޗާ ދެމެދު އެއްގޮތް (ނުވަތަ ބައިވެރިވާ) މާނައެއް އޮންނަންވާނެއެވެ. އެހެންނަމަވެސް، ޚާއްޞަ ޤަރީނާއަކުން ދަލީލު ލިބިފައިވާ ބައެއް ހާލަތްތަކުގައި މިފަދައިން ކަންތައް ނޯވެދާނެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (أَفَمَنْ يَهْدِي إِلَى الْحَقِّ أَحَقُّ أَنْ يُتَّبَعَ أَمْ مَنْ لا يَهِدِّي) (ސޫރަތު ޔޫނުސް: 35 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، ތަބާވުން ޙައްޤުކަން ބޮޑީ، ޙައްޤަށް މަގުދައްކާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ ތެދުމަގު ލިބިނުގަނެވޭ މީހަކާ ހެއްޔެވެ؟] މި އާޔަތުގައި أَحَقُّ (ޙައްޤުކަން ބޮޑު) ބޭނުންކުރެވިފައި ވިޔަސް، ބުދުތަކަކީ އެއަށް ތަބާވުމުގެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިގެންވާ އެއްޗިހިތަކަކަށް ނުވުމުން، ޙައްޤުކަމުގެ އެއްވެސް މިންވަރެއް ހިމެނޭ އެއްޗަކަށް ނުވުމުން، ﷲ ތަޢާލާގެ ޒާތުފުޅުގައި ތަބާވުމުގެ ޙައްޤުކަން ބޮޑުކަމުގެ ސިފަ އެކުލެވުނުކަމުގައި ވިޔަސް، ބުދުތަކުގައި އެ އެއްޗިއްސަށް ތަބާވުން ޙައްޤުކަމުގެ ޢާއްމު ސިފަ އެކުލެވޭ ކަމަކަށެއް ނުބެލެވޭނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((صَلاَةُ الـجَمَاعَةِ أَفْضَلُ مِنْ صَلاَةِ الفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً)) މާނައީ: [ޖަމާޢަތުގައި ކުރާ ނަމާދު، އެކަހެރިކޮށް ހުރެ ކުރާ ނަމާދަށް ވުރެ، ހަތާވީސް ދަރަޖަ މާތްވެގެން ވެއެވެ.] މި ޙަދީޘުގައި ބޭނުންކުރެވިފައިވާ أَفْضَلُ (މާތްކަން ބޮޑު) ލަފްޒުން އެނގެނީ، ޖަމާޢަތުގައި ކުރާ ނަމާދުގެ މާތްކަން މާ ބޮޑުވި ކަމުގައި ވިޔަސް، އެކަހެރިކޮށް ހުރެ ކުރާ ނަމާދުގައި ވެސް މާތްކަމުގެ ސިފަ އެކުލެވިގެން ވާކަމެވެ. އެހެންކަމުން، ގިނަ ޢިލްމުވެރިންގެ އަރިހުގައި، އެއިން ލާޒިމު ކުރަނީ، އެކަހެރިކޮށް ހުރެ ކުރާ ނަމާދު ވެސް ޞައްޙަވުމެވެ. އެހެނީ، ޞައްޙަ ނޫން ކަމެއްގައި މާތްކަމެއް އެކުލެވިގެނެއް ނުވާނެއެވެ. އަދި ހަމައެހެންމެ، ފަރުޟު ފަސްނަމާދު ޖަމާޢަތުގައި ކުރުމީ ފަރުޟު ޢައިނެއް ނޫންކަމަށް ވިދާޅުވާ ބޭފުޅުން ވެސް މިއިން ދަލީލުނަންގަވައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =