[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 134

143ވަނަ ޤަވާޢިދު (ޖުމްލަ 189): الفِعْلُ الـمُضَارِعُ عِنْدَ تَـجَرُّدِهِ عَنِ القَرَائِنِ يَكُونُ لِلْحَالِ

މި ޤަވާޢިދުގެ ތަރުޖަމާ: {ޤަރީނާއެއް ނެތް ހިނދުގައި، الفِعْلُ الـمُضَارِعُ އޮންނަހުށީ އެ ވަގުތަށް}

މި ޤަވާޢިދުގެ މުރާދު: މާޒީއަށް ނުވަތަ މުސްތަޤުބަލަށް އަނބުރައިލާނޭ ޤަރީނާއެއް ނެތް ފިޢުލު މުޟާރިޢު (ވާކަން) އާ މެދު ބެލެވޭނީ، އެއީ ޙަޤީޤީ ގޮތުން އެ ވަގުތަށް އަމާޒު ކުރެވިފައިވާ، މަޖާޒީ ގޮތުން މުސްތަޤުބަލަށް އަދި ދެމިގެންވާ ގޮތަށް އަމާޒު ކުރެވިފައިވާ އެއްޗެއްގެ ގޮތުގައެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ހާލަތުގައި، ފިޢުލު މުޟާރިޢު އާމެދު ބެލެވޭނީ، އެއީ ޙަޤީޤީ ގޮތުން މުސްތަޤުބަލަށް އަމާޒު ކުރެވިފައިވާ، މަޖާޒީ ގޮތުން އެ ވަގުތަށް އަމާޒު ކުރެވިފައިވާ އެއްޗެއްގެ ގޮތުގައެވެ. މިއީ، މި ޤަވާޢިދުގައި އިޚްތިޔާރު ކުރެވިފައިވާ ރައުޔުގެ އިދިކޮޅެވެ.

އަދި މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ހާލަތުގައި، ފިޢުލު މުޟާރިޢު އާމެދު ބެލެވޭނީ، އެއީ ޙަޤީޤީ ގޮތުން އެ ވަގުތަށް އަމާޒު ކުރެވިފައިވާ، މަޖާޒީ ގޮތުން މުސްތަޤުބަލަށް އަމާޒު ކުރެވިފައިވާ އެއްޗެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ގަނެވިއްކުންތަކުގައި ފިޔަވައެވެ.

އަދި މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ހާލަތުގައި، ފިޢުލު މުޟާރިޢު އާމެދު ބެލެވޭނީ، އެއީ ޙަޤީޤީ ގޮތުން އެ ވަގުތަށް އަމާޒު ކުރެވިފައިވާ އެއްޗެއްގެ ގޮތުގައެވެ. އަދި މުސްތަޤުބަލަށް އަމާޒު ކުރެވިފައިވާ އެއްޗެއްގެ ގޮތުގައި ޙަޤީޤީ ގޮތުން ވެސް އަދި މަޖާޒީ ގޮތުން ވެސް ފިޢުލު މުޟާރިޢު ބޭނުމެއް ނުކުރެވޭނެއެވެ.

އަދި މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ހާލަތުގައި، ފިޢުލު މުޟާރިޢު އާމެދު ބެލެވޭނީ، އެއީ ޙަޤީޤީ ގޮތުން މުސްތަޤުބަލަށް އަމާޒު ކުރެވިފައިވާ އެއްޗެއްގެ ގޮތުގައެވެ. އަދި އެއީ ޙަޤީޤީ ގޮތުން ވެސް އަދި މަޖާޒީ ގޮތުން ވެސް އެ ވަގުތަށް އަމާޒު ކުރެވިފައިވާ އެއްޗެއްގެ ގޮތުގައެއް ނުވާނެއެވެ.

އަދި މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ހާލަތުގައި، ފިޢުލު މުޟާރިޢު އާމެދު ބެލެވޭނީ، އެއީ އެ ވަގުތަށާއި މުސްތަޤުބަލަށާއި ދެ ޒަމާން ބައިވެރިވާނޭހެން ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ. މިއީ، ބަހުގެ ޢިލްމުވެރިންގެ އަރިހުގައި މަޝްހޫރުވެފައިވާ ރައުޔެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ) (ސޫރަތުލްއަންޢާމް: 145 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމްކުރައްވާފައިވާ އެއްޗެއް، ތިމަން ކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ.] މި އާޔަތުގައި އެވާ [لَّا أَجِدُ] (ތިމަން ކަލޭގެފާނަށް ފެނިވަޑައެއް ނުގަންނަވާ) އަކީ ފިޢުލު މުޟާރިޢުއެކެވެ. އެއިން ނެގޭނެ މާނައަކީ، [ޙަރާމްކުރެވިފައި ވާތީ، މި ވަގުތު ތިމަން ކަލޭގެފާނަށް ފެނިވަޑައެއް ނުގަންނަވާ] ކަމުގެ މާނައެވެ. އެހެންކަމުން، ކެއުން ޙަރާމް ކުރެވިގެންވާ ތަކެތީގެ ލިސްޓަށް މި އާޔަތުގައިވާ ތަކެތީގެ އިތުރުން ވެސް އެހެނިހެން ތަކެތި އިތުރުވުން އެކަށީގެންވާކަން މި އާޔަތުން އެނގެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =