144ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُفَاعَلَةُ تَـجْرِي بَيْـنَ اثْنَيْـنِ غَالِبًا
މި ޤަވާޢިދުގެ ތަރުޖަމާ: {الـمُفَاعَلَةُ ގިނަ ފަހަރަށް ހިނގާނީ ދެ މީހެއްގެ މެދުގައި}
މި ޤަވާޢިދުގެ މުރާދު: صِيْغَةُ الـمُفَاعَلَةِ (مُفَاعَلَة ގެ ޞީޣާ) އަކީ، އެއް ކަމެއް ދެ މީހެއްގެ ނުވަތަ އެއަށްވުރެ ގިނަ ބަޔެއްގެ ފުށުން، އެ ކަމުގައި އެ އެންމެން ބައިވެރިވާހެން ހިނގުމަށް ދަލީލުކޮށްދޭ ޞީޣާއެވެ. އެފަދަ ޞީޣާއެއް އޮވެއްޖެނަމަ، އެއިން ލާޒިމު ކުރަނީ، އެ ކަމުގައި ދެ މީހަކު ނުވަތަ އެއަށްވުރެ naގިނަ ބަޔަކު ބައިވެރިވުމެވެ. މިސާލަކަށް، تَقَاتَلَا (ދެ މީހުން އެކަކު އަނެކަކާ ތަޅާފޮޅައިފި) އާއި تَشَاجَرَا (ދެ މީހުން އެކަކު އަނެކަކާ ދެބަސްވެ އަރައިރުންވެއްޖެ) އެވެ.
ދެން ފަހެ، މިއީ ޢާއްމު އުޞޫލުކަމުގައި ވިޔަސް، ބައެއް ފަހަރު އެކަކުގެ ފުށުން ވެސް އިތުރު މީހަކު ބައިވެރިވުމެއް ނެތި مُفَاعَلَة އެއް އޮވެދާނެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَوَاعَدْنَا مُوسَى ثَلاَثِينَ لَيْلَةً وَأَتْمَمْنَاهَا بِعَشْرٍ) (ސޫރަތުލްއަޢުރާފް: 142 ވަނަ އާޔަތުގެ އެއްބައި) މާނައީ: [(ބަސް ވަޙީ ކުރެއްވުމަށާއި، ތައުރާތު ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ މޫސާގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ.] މި އާޔަތުގައި އެވާ مُفَاعَلَة ކަމުގައިވާ [وَاعَدْنَا] (ވަޢުދުކުރެއްވީމޭ، ކަނޑައެޅުއްވީމޭ) އަކީ، ދެ މީހެއްގެ ފުށުން، އެ ދެ މީހުން ބައިވެރިވާ ގޮތަށް ހިނގާފައިވާ ކަމެއް ނޫނެވެ.
މި ޤަވާޢިދުގެ މިސާލަކީ، ޚުލްޢުއަކީ ޙަޤީޤަތުގައި އަންހެނާއާއި ފިރިހެނާއާއި ދެ މީހުންގެ ފުށުން އަންނަ ކަމެކެވެ. ސަބަބަކީ، خَالَـعَ (ޚުލްޢުކޮށްފި) އަކީ مُفَاعَلَة ގެ ބާބުގެ ދަށުން އަންނަ ކަމެކެވެ. އެހެންކަމުން، އޭގައި ދެ ފަރާތުގެ ބައިވެރިވުން ހިމެނޭނެއެވެ. އެއީ، ހަމައެކަނި ފިރިހެނާގެ ފުށުން އޮންނަ ކަމެއްނަމަ، އެ ވާހުށީ ވަރިޔަކަށެވެ. އޭގެ ސަބަބުން ފިރިހެނާއަށް ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެން ވެއެވެ. އަދި އެއީ ފަސްޚެއް ކަމުގައެއް ނުވާނެއެވެ. އެހެންނަމަވެސް، ބޭރުފުށުން ފެންނަ ފެނުމުގައި، އޭގައި އަނބިމީހާއާ ނުވަތަ އޭނާގެ މަޤާމުގައި ހުރި މީހަކާ އެ ކަމާ ގުޅޭ ގޮތުން ކޮންމެހެން ވެސް ސުއާލުކުރެވެން ޖެހޭނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =