145ވަނަ ޤަވާޢިދު (ޖުމްލަ 189): لَفْظَةُ “كَانَ” لَا يُلْزَمُ مِنْهَا الدَّوَامُ وَلَا التَّكْرَارُ
މި ޤަވާޢިދުގެ ތަރުޖަމާ: {كَانَ ލަފްޒުން ދާއިމީކަމާއި ތަކުރާރުވުން ލާޒިމެއް ނުކުރޭ}
މި ޤަވާޢިދުގެ މުރާދު: كَانَ (ވާ ކަމުގައި ވިޔޭ) ލަފްޒުން ކަމެއް ތަކުރާރުކޮށް ހިނގާ ކަމަކަށް އަދި ދާއިމީކޮށް ހިނގާ ކަމަކަށް ދަލީލެއް ނުކޮށްދެއެވެ. އެހެންނަމަވެސް، ޚާރިޖީ ދަލީލަކުން އެ ކަންތައް ތަކުރާރުކޮށް ހިނގާ ކަމަށް ދަލީލުކޮށްދޭނަމަ، އެ ޚާރިޖީ ދަލީލަށް ޢަމަލުކުރެވޭނެތެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ މުޙައްޤިޤުންގެ ރައުޔެވެ.
މިއާ ޚިލާފަށް، އަލްޤާޟީ އަބޫ ބަކުރު އަލްބާޤިއްލާނީއާއި އަބުއްޠަބީބާއި އިބްނުއްނައްޖާރާއި އަލްއާމިދީއާއި އައްޝައުކާނީ އަދި އެހެން ބައެއް ބޭފުޅުން އިޚްތިޔާރު ކުރެއްވި ރައުޔެއްގައި ވަނީ، كَانَ ލަފްޒުން ދާއިމީކަމާއި ތަކުރާރުވުމުގެ މާނަ ލިއްބައިދޭ ކަމުގައެވެ.
އަދި މިއާ ޚިލާފަށް، މުޙައްދިޘުން ކުރެ ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި، كَانَ ލަފްޒު ބޭނުންކުރެވޭ ޢުރުފުގައި އެއިން ތަކުރާރުވުމުގެ މާނަ ލިއްބައިދެއެވެ. ބަހަވީ ގޮތުން އެ ލަފްޒު އުފަންކުރެވިފައިވާ މާނައަކުން ނޫނެވެ.
އަދި މިއާ ޚިލާފަށް، އަމީރު ބާދުޝާހު ގެންނަވާފައިވާ ރައުޔެއްގައި ވަނީ، ފިޢުލު މުޟާރިޢު އާއެކު كَانَ ލަފްޒު އޮތްނަމަ، އެއިން ދާއިމީކަމާއި ތަކުރާރުވުމުގެ މާނަ ލިއްބައިދޭ ކަމުގައެވެ.
ދެން ފަހެ، ﷲ ތަޢާލާ ކުރައްވާ ކަމަކާ ގުޅޭ ގޮތުން، ނުވަތަ އެ ކަލާނގެ ސިފަފުޅަކާ ގުޅޭ ގޮތުން كَانَ ލަފްޒު އަތުވެއްޖެނަމަ، އެއިން ދާއިމީކަމުގެ މާނަ ލިއްބައިދެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَكَانَ اللَّهُ عَلَى كُلِّ شَيْءٍ مُّقِيتًا) (ސޫރަތުއްނިސާ: 85 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.] މި އާޔަތުގައި كَانَ ބޭނުންކުރެވިފައި އެ ވަނީ، ދާއިމީކޮށް އަދި ތަކުރާރުކޮށް ކުޅަދުންވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވުމުގެ މާނައިގައެވެ. މި ކަމާ މެދު ހުރިހާ ޢިލްމުވެރިން ވެސް އިއްތިފާޤުވެވަޑައިގަންނަވަތެވެ. އަދި ހަމައެހެންމެ، كَانَ ލަފްޒުން ތަކުރާރުވުމުގެ މާނައަށް ނުވަތަ ތަކުރާރު ނުވުމުގެ މާނައަށް ޤަރީނާއަކުން ދަލީލުކޮށްދީފިނަމަ، އެ މާނައިގައި އެ ނެގޭނެތެވެ. މި ކަމާ މެދުގައި ވެސް އިއްތިފާޤުވެވިފައި ވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ފަރާތްޕުޅުން ރިވާވެފައިވާ އަންނަނިވި ރިވާޔަތެވެ. ((أَنَّ النَّبِىَّ -صلى الله عليه وسلم- كَانَ يَغْتَسِلُ بِالصَّاعِ وَيَتَوَضَّأُ بِالـمُدِّ)) މާނައީ: [ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޞާޢަކުން (އެބަހީ، ޞާޢެއްގެ ފެނުން) ހިނައިގަންނަވާ ކަމުގައި، އަދި މުއްދަކުން (އެބަހީ، މުއްދެއްގެ ފެނުން) ވުޟޫ ކުރައްވާ ކަމުގައި ވިއެވެ.] މި ޤަވާޢިދުގައި އިޚްތިޔާރު ކުރެވިފައިވާ ރައުޔުގެ މައްޗަށް ބިނާކޮށް މި ޙަދީޘާ ގުޅޭ ގޮތުން ދެންނެވޭނީ، ޞާޢަކުން ހިނައިގެންނެވުމާއި މުއްދަކުން ވުޟޫ ކުރެއްވުމީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އާދައެއް (ދާއިމީކޮށް ތަކުރާރުކޮށް ކުރެއްވި ކަމެއް) ކަމުގައެއް މި ޙަދީޘަކުން ނުނިންމޭނެއެވެ. އަދި މިއާ ޚިލާފަށް، ފަހަރުގައި، އެ ކަލޭގެފާނު އެ ގޮތަށް ޢަމަލުކުރެއްވީ ބައެއް ފަހަރު ކަމުގައި، ފެނަށް ދަތިވެއްޖެ ހާލަތްތައްފަދަ ހާލަތްތަކުގައި ކަމަށް ވެސް ވެދާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =