[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 137

146ވަނަ ޤަވާޢިދު (ޖުމްލަ 189): العَطْفُ يَقْتَضِي الـمُغَايَرَةَ فِي الذَّاتِ، وَالاِشْتِـرَاكَ فِي الـحُكْمِ

މި ޤަވާޢިދުގެ ތަރުޖަމާ: {العَطْفُ އިން ލާޒިމު ކުރަނީ، ޒާތުގައި ތަފާތުވުން، އަދި ޙުކުމުގައި ބައިވެރިވުން}

މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި ދެ ބަޔެއް އެބަ ވެއެވެ. އެ ތަނުން ފުރަތަމަ ބައިގައި ބަޔާންވެފައި އެ ވަނީ، عَطْفُ (ދޭއްޗެއްގެ ދެމެދު ގުޅުވައިދޭ ލަފްޒު) އިން ލާޒިމު ކުރަނީ، الـمَعْطُوفُ (عَطْفُ ކުރެވޭ އެތި) އާއި الـمَعْطُوفُ عَلَيْهِ (އެ އެއްޗަކަށް عَطْفُ ކުރެވުނު އެތި) އަކީ ޒާތުގެ ގޮތުން މުޅިން ތަފާތު ދެ އެއްޗަކަށް ވުން ކަމުގައެވެ. އަދި ދެވަނަ ބައިގައި ބަޔާންވެފައި އެ ވަނީ، الـمَعْطُوفُ عَلَيْهِ ގެ ޙުކުމުގައި الـمَعْطُوفُ ހިފައި، އޭގެ ޙުކުމުގައި ބައިވެރިވާނެއެވެ. އެ ގޮތުން، الـمَعْطُوفُ عَلَيْهِ އަށް ސާބިތު ވާ ކަންކަން الـمَعْطُوفُ އަށް ވެސް ސާބިތު ވާނެއެވެ. އަދި الـمَعْطُوفُ عَلَيْهِ އިން ނަފީ ވާ ކަންކަން الـمَعْطُوفُ އިން ވެސް ނަފީ ވާނެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

ދެން ފަހެ، މި ޤަވާޢިދާއި [الاِقْتِـرَانُ فِي النَّظْمِ لَا يَسْتَلْزِمُ الاِقْتِـرَانَ فِي الـحُكْـمِ] މި ޤަވާޢިދާ ދެމެދު ފުށުއެރުމެއް ނެތެވެ. އެހެނީ، އަޅުގަނޑުމެން ވާހަކަ މި ދައްކާ ޤަވާޢިދުގެ މަޤްޞަދަކީ، ޙުކުމުގެ އަޞްލެވެ. އެހެންނަމަވެސް، އެ ޤަވާޢިދުގެ މަޤްޞަދަކީ، ޙުކުމުގެ ޒަމާނާއި ތަނާއި ހާލަތުފަދަ ތަފްސީލުތަކެވެ.

މި ޤަވާޢިދުގެ ފުރަތަމަ ބަޔާ ގުޅޭ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلَا تَنْكِحُوا الـمُشْرِكَاتِ حَتَّى يُؤْمِنَّ) (ސޫރަތުލްބަޤަރާ: 221 ވަނަ އާޔަތުގެ އެއްބައި) މާނައީ: [މުޝްރިކު އަންހެނުން އީމާންވެއްޖައުމަށް ދާންދެން، އެއުރެންނާ ތިޔަބައިމީހުން ކައިވެނި ނުކުރާހުށިކަމެވެ!] މި އާޔަތުގައި އެވާ [الـمُشْرِكَاتِ] (މުޝްރިކު އަންހެނުން) ގެ މުރާދަކީ، އަހުލުކިތާބީންގެ ތެރޭގައި ނުހިމެނޭ ކާފިރު އަންހެނުން ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ސަބަބަކީ، ﷲ ތަޢާލާ ޤުރުއާނުގެ އެތަކެއް ތަނެއްގައި [އަހުލުކިތާބީން] (ފޮތުގެ އަހުލުވެރިން) އާއި [މުޝްރިކުން] (ޝިރުކު ކުރާ މީހުން) عَطْفُ ކުރެވިގެން (ގުޅުވައިލައިގެން) ގެންނަވާފައި ވާތީއެވެ. އޭގެ ތެރޭގައި އަންނަނިވި ވަޙީބަސްފުޅު ހިމެނެއެވެ. (مَا يَوَدُّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَلا الْمُشْرِكِينَ أَنْ يُنـزلَ عَلَيْكُمْ مِنْ خَيْرٍ مِنْ رَبِّكُمْ) (ސޫރަތުލްބަޤަރާ: 105 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފޮތުގެ އަހުލުވެރިންގެ ތެރެއިން ވިޔަސް، އަދި މުޝްރިކުންގެ ތެރެއިން ވިޔަސް، ކާފިރުވެއްޖެ މީސްތަކުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ހެވެއް ބާވައިލެއްވުމަކަށް ނޭދެތެވެ.] ކޮންމެއަކަސް، عَطْفُ އިން ލާޒިމު ކުރަނީ، އެ ދެ އެއްޗަކީ، މުޅިން ތަފާތު ދެ އެއްޗަކަށް ވުމެވެ. އެހެންކަމުން، މުސްލިމު ފިރިހެނުން [މުޝްރިކު އަންހެނުންނާ] ކައިވެނި ކުރުން ނަހީކުރެވިފައި އެވާ ނަހީގެ ތެރޭގައި އަހުލުކިތާބީންގެ ތެރޭގައި ހިމެނޭ އަންހެނުން ޝާމިލެއް ނުވާނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =