158ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُشَبَّهُ بِهِ أَقْوَى مِنَ الـمُشَبَّهِ
މި ޤަވާޢިދުގެ ތަރުޖަމާ: {އެއިން އެއްގޮތްކުރެވުނު އެތި، އެއްގޮތްކުރެވޭ އެއްޗަށްވުރެ މާ ބާރުގަދަ}
މި ޤަވާޢިދުގެ މުރާދު: އެއްގޮތްވުމުގައި، އެ އެއްޗަކުން އެއްގޮތްކުރެވޭ އަޞްލު އެއްޗަކީ އެންމެ ބާރުގަދަ އެއްޗެވެ. އެހެނީ، އަޞްލު އެއްޗާ، އެއްގޮތްކުރެވޭ އެއްޗާ ހުރިހާ ގޮތަކުން އެއްގޮތެއް ނުވާނެއެވެ. ސަބަބަކީ، ހުރިހާ ގޮތަކުން އެއާ އެއްގޮތްވެއްޖެނަމަ، އެއީ ހަމަ އެ އެތި ކަމުގައި ބެލެވޭނެތީއެވެ. މިސާލަކަށް، [މިވެނި މީހާ ހިތްވަރުގަދަކަމުގައި ސިންގާއެއްފަދަ] އޭ ބުނުމެވެ. މި ތަނުގައި [މީހާ] އަކީ އެއްގޮތްކުރެވޭ އެއްޗެވެ. އަދި [ސިންގާ] އަކީ އެއިން އެއްގޮތްކުރެވުނު އެއްޗެވެ. މި ހާލަތުގައި، ސިންގާގެ ގައިގައި ހިތްވަރުގަދަކަމުގެ ސިފަ އޮންނަ އޮތުން، އެ މީހާއަށްވުރެ މާ ބާރުގަދަވާނެއެވެ.
މި ޤަވާޢިދަށް ބިނާކޮށް، އެއްގޮތްކުރުމުގެ ވާހަކައަށް ޢާއްމުކަން ލިބިގެން ނުވާކަމަށް ޙަނަފީން ޞަރީޙަކޮށް ބަޔާންކުރައްވާފައި ވެއެވެ. އެބަހީ، އެފަދަ ވާހަކައެއްގެ ސަބަބުން، އެ ދޭތީގައި ހުރިހާ ގޮތަކުން ހުރިހާ މާނައެއްގައި އެ އެއްގޮތްކަމެއް ނުހުންނާނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((وَحَرَّمْتُ الـمَدِينَةَ كَـمَا حَرَّمَ إِبْـرَاهِيمُ مَكَّـةَ)) މާނައީ: [އަދި އިބްރާހީމްގެފާނު މައްކާ ޙަރާމްކުރެއްވިފަދައިން، އަހުރެން މަދީނާ ޙަރާމްކުރެއްވީމެވެ.] އެބަހީ، އެ ތަނުގައި ޝިކާރަކުރުމާއި އެ ތަނުގައިވާ ގަސް ކެނޑުންފަދަ ކަންކަން ޙަރާމްކުރެއްވީމެވެ. މި ޙަދީޘުގެ މައްޗަށް ބިނާކޮށް، ބައެއް ފިޤުހުވެރިންގެ އަރިހުގައި މަދީނާގައި ޝިކާރަކުރުމީ، އަދި އެތާނގެ ގަސް ކެނޑުމީ ޙަރާމްކަމެއް ނޫނެވެ. އެހެންކަމުން، އެ ކަން ކުރާ މީހާއަށް އެއްވެސް އަދަބެއް ނުވެއެވެ. އެއީ، ޙަރާމްކުރެއްވުމުގައި މަދީނާ، މައްކާއާ ގުޅުވައިލެވިފައިވިއެއް ކަމަކު މެއެވެ. އެ ބޭފުޅުން ވިދާޅުވަނީ، މަދީނާއަކީ ޙަރާމްވެގެންވާ ތަނެއްކަމުގައި އިއްތިފާޤުވެވިފައިވިޔަސް، ޙަރާމްކަމުގެ ދަރަޖައިގައި އެ ބޭފުޅުން އެ ތަން ތަފާތުކުރައްވާ ކަމުގައެވެ. ސަބަބަކީ، އެއްގޮތްކުރެވޭ އެއްޗަށްވުރެ (އެބަހީ، މަދީނާއަށްވުރެ)، އެއިން އެއްގޮތްކުރެވުނު އެތި (އެބަހީ، މައްކާ) މާ މާތްވެފައި މާ ފުރިހަމަވާނެތީއެވެ. އެހެންކަމުން، ހުރިހާ ޙުކުމެއްގައި މައްކާފަދައިން މަދީނާއެއް ނޯންނާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =