159ވަނަ ޤަވާޢިދު (ޖުމްލަ 189): الـحُكْمُ يَتَعَلَّقُ بِأَوَائِلِ الأَسْـمَاءِ لَا بِأَوَاخِرِهَا
މި ޤަވާޢިދުގެ ތަރުޖަމާ: {ޙުކުމް ގުޅެނީ ނަންތަކުގެ ފެށޭކޮޅާ، އޭގެ ނިމޭކޮޅަކާއެއް ނޫން}
މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުގެ އެންގެވުމެއް ނުވަތަ މުކައްލަފުންގެ ވާހަކައެއް، ލުއިގޮތާއި ބުރަގޮތުގެ ނުވަތަ ގިނަމިންވަރާއި މަދުމިންވަރުގެ އިޙްތިމާލު އުފެދޭ މާނައަކާ ގުޅުވައިލެވިފައިވާނަމަ، އެ މާނަ ޙާޞިލުކުރެވޭނޭ އެންމެ ދަށް ދަރަޖައިން ފުއްދައިލެވިދާނެއެވެ. އެއީ، އޭގެ އެންމެ ދަށް ދަރަޖައިން އެ މާނަ ޙާޞިލުވާކަން ޔަޤީންކަމާއެކު އެނގޭތީއެވެ. އަދި އޭގެ ދަށް ދަރަޖައަށްވުރެ މައްޗަކީ އެ މާނަ ޙާޞިލުވާ ހިސާބުތޯ ކަނޑައެޅުމުގައި ޝައްކުއުފެދޭތީއެވެ. އަޞްލަކީ، ޒިންމާއިން ބަރީޢަވުމެވެ. އަދި އެއީ ޔަޤީންކަމާއެކު ސާބިތުވާ ގޮތް ކަމުގައިވާއިރު، ޝައްްކަކުން ޔަޤީންކަމެއް ފިލުވައެއް ނުލެވޭނެތެވެ. މިއީ، އެއިން ޝަރުޢުކުރައްވާ ފަރާތުގެ ނުވަތަ މުކައްލަފުގެ މަޤްޞަދު އެނގެން ނެތްނަމަ، ބަރޯސާވާނެ ގޮތެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ރައުޔެވެ. އަދި މިއީ، އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި އެންމެ ޞައްޙަ ރައުޔުކަމަށް އިބްނު ޙަޖަރު އަލްހައިތަމީ ވިދާޅުވެފައި ވެއެވެ.
މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، އިޙްތިމާލު އުފެދޭ ލަފްޒުގެ މަޤްޞަދު އެއާއެކު އެނގެން ނެތްނަމަ، އެއިން ނެގޭނީ އޭގެ އެންމެ އުނދަގޫ މާނައެވެ.
ދެން ފަހެ، ޙަރާމް ކަންކަމުގައިނަމަ، މާނަ ނަގަންޖެހޭނީ އޭގެ އެންމެ ފުރިހަމަ، އަދި އޭގެ އެންމެ މަތީ ދަރަޖައިގައެވެ. ސަބަބަކީ، ޙަރާމް ކަންކަން ބިނާވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މައްޗަށް ކަމުގައި ވާތީއެވެ. މިއާ ޚިލާފަށް، ޢިބާދާތުގައި އެންމެ ދަށް ދަރަޖައިގައި އޭގެ މާނަ ނެގިދާނެއެވެ. ސަބަބަކީ، ޢިބާދާތު ބިނާވަނީ ލުއިކޮށްދިނުމާއި ބުރަކަން ފިލުވައިލުމުގެ މައްޗަށް ކަމުގައި ވާތީއެވެ.
އަދި ދެ ވައްތަރެއްގެ ޙުކުމްތައް މި ޤަވާޢިދުން އިސްތިޘްނާވެގެން ވެއެވެ. އެއީ، ތައުޙީދާއި އިޚްލާޞްތެރިކަމާ ގުޅިފައިވާ އަމުރުތަކާއި، ﷲ ތަޢާލާ މަތިވެރިކުރުމުގެ ގޮތުން ނިސްބަތްކުރެވިފައިވާ ކަންކަމެވެ. މި ބާވަތުގެ އަމުރުތަކުގައި މާނަ ނަގަންޖެހޭނީ އޭގެ އެންމެ މަތީ ދަރަޖައިގައިކަމާ މެދު ޢިލްމުވެރިން އިޖުމާޢުވެވަޑައިގަންނަވައެވެ. އަދި ހަމައެހެންމެ، އިޤުރާރުވުމާ ގުޅޭ މައްސަލަތައް ވެސް އިސްތިޘްނާވެގެން ވެއެވެ. މިސާލަކަށް، [އޭނާއަށް ދޭންޖެހޭ ރުފިޔާތަކެއް އަހުރެން އަތުގައި އެބަ ހުށްޓޭ] ބުނުމެވެ. މި ހާލަތުގައި، [ރުފިޔާތަކެއް] ލަފްޒުން ނެގޭނީ ގިނަކަމުގެ އެންމެ މަދުމިންވަރު ކަމުގައިވާ ތިނެކެވެ. އެބަހީ، މާނައިގެ ގޮތުން އެންމެ ދަށް ދަރަޖައެވެ.
މި ޤަވާޢިދުގެ މިސާލަކީ، މީހަކު މާލެދަތުރުކުރާ ދޯންޏަކަށް ގޮސްފައި [މި ފޮށިގަނޑު މާލޭސިޓީއަށް ގެންގޮސްދޭށޭ] ބުނުމުން، އެ ދޯނިން އެ ކަމަށް ވަޢުދުވުމެވެ. މި ހާލަތުގައި، އިޙްތިމާލު އުފެދޭ އެއް މާނައަކީ، މާލޭސިޓީގެ ބަނދަރާ ހަމައަށް އެ ފޮށިގަނޑު ގެންގޮސްދިނުމެވެ. އަނެއް މާނައަކީ، މާލޭސިޓީގެ ވަކި ހިސާބަކަށް އެ ފޮށިގަނޑު ގެންގޮސްދިނުމެވެ. އެ ދޯނިން އެ ފޮށިގަނޑު މާލޭގެ ބަނދަރާ ހަމައަށް ގެންގޮސްދީފިނަމަ، އޭނާ އެދުނު އެދުން ފުރިހަމަކޮށްދިން ކަމުގައި ބެލެވޭނެތެވެ. ސަބަބަކީ، [މާލޭސިޓީ] ލަފްޒުގެ ފެށޭހިސާބަކީ ދޯންޏަކަށްނަމަ، ބަނދަރުކަމުގައި ވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =