[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 149

160ވަނަ ޤަވާޢިދު (ޖުމްލަ 189): الأَصْلُ فِي الـجُمَلِ التَّامَّةِ الاِسْتِقْلَالُ

މި ޤަވާޢިދުގެ ތަރުޖަމާ: {ފުރިހަމަ ޖުމްލަތަކުގައި އަޞްލަކީ އިސްތިޤްލާލުވުން}

މި ޤަވާޢިދުގެ މުރާދު: ޖުމްލައެއް ފުރިހަމަވެ، އެހެން ޖުމްލައެއް ފެށިއްޖެނަމަ، ފުރަތަމަ ޖުމްލައަކީ އެއާ ޖެހިގެން އޮތް ޖުމްލައާ ވަކިވެފައިވާ، މުޅިން މުސްތަޤިއްލު މާނައެއް ލިބޭ ޖުމްލައެއް ކަމުގައި ބެލެވޭނެތެވެ.

އަދި ފުރިހަމަ ޖުމްލައަކާ ގުޅިގެން، އެ ޖުމްލައިގައިވާ ވާހަކައަށް ޤައިދުތަކެއް ބަޔާންކުރެވި އިތުރު ޖުމްލަތަކެއް އައިކަމުގައި ވިޔަސް، އެ ފުރަތަމަ ޖުމްލައަކީ، މުސްތަޤިއްލު ޖުމްލައެއްގެ ގޮތުގައި، އޭގެ މުސްތަޤިއްލު މާނައިގެ މަތީގައި އޮންނަ އެއްޗެއްގެ ގޮތުގައި ބެލެވޭނެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء بِمَا كَسَبَا نَكَالاً مِّنَ اللّهِ وَاللّهُ عَزِيزٌ حَكِيمٌ{38} فَمَن تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللّهَ يَتُوبُ عَلَيْهِ إِنَّ اللّهَ غَفُورٌ رَّحِيمٌ{39}) (ސޫރަތުލްމާއިދާ: 38-39) މާނައީ: [ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެ މީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބުރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ. ފަހެ، އަނިޔާވެރިވުމަށްފަހު، (އެބަހީ: ވައްކަންކުރުމަށްފަހު) ތައުބާވެ (އޭނާގެ ޢަމަލު) އިޞްލާޙުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އެ މީހާގެ މައްޗަށް ތައުބާ ލައްވާނެތެވެ. ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.] މި ތަނުން ދެވަނަ އާޔަތް ފެށުމުގައި އެވާ [فَمَن تَابَ] އަކީ މުޅިން މުސްތަޤިއްލު އެހެން ވާހަކައެއް ފެށޭ ހިސާބެވެ. އެ ފެށޭ ވާހަކައާ، އޭގެ ކުރިން ފުރަތަމަ އެވާ އާޔަތުގައިވާ ވާހަކައާ ގުޅުވައިލައި، ދެވަނަ އާޔަތުގައި އެވާ އިސްތިޘްނާއަކީ (އެބަހީ، ވައްކަންކުރިމީހާ ތައުބާވުމީ) ވައްކަމުގެ ޙައްދުޖެހުން މެދުކެނޑިގެންދާނޭ ކަމެއް ކަމުގައި ބެލުން ޞައްޙަވެގެން ނުވެއެވެ. ސަބަބަކީ، ފުރަތަމަ އާޔަތުގައި އެވާ ޖުމްލަ އެ ވަނީ ފުރިހަމަވެފައެވެ. އަދި ތައުބާލެއްވުންއެދި ދުޢާކުރުމުން ތައުބާލެއްވުމީ، ވައްކަމާއި އެހެނިހެން ވެސް ކުށްފާފަތަކާއި ޖަރީމާތަކުގައި ވެސް އޮންނަ ކަމެއް ކަމުގައި ވާއިރު، ވައްކަމުގައި ވަކި ޚާއްޞަ މާނައެއް ނެގޭނީ (އެބަހީ، ވައްކަންކޮށްފައި ތައުބާވުމުން އަދަބު ނުލިބޭނެކަމަށް ބެލެވޭނީ) ދަލީލަކުން އެ ކަމަށް ދަލީލުކޮށްދޭނަމައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =