161ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّفْظُ الـمُسْتَقِلُّ إِذَا أُلْـحِقَ بِهِ مَا لَا يَسْتَقِلُّ صَيَّرَ الأَوَّلَ غَيْرَ مُسْتَقِلٍّ
މި ޤަވާޢިދުގެ ތަރުޖަމާ: {މުސްތަޤިއްލު ލަފްޒެއް، މުސްތަޤިއްލު ނޫން ލަފްޒަކާ ގުޅުވައިލެވިއްޖެނަމަ، ފުރަތަމަ އޮތީ މުސްތަޤިއްލު ނޫން ލަފްޒެއް ކަމުގައި ހަދައިލާނެ}
މި ޤަވާޢިދުގެ މުރާދު: މުސްތަޤިއްލު ވާހަކައެއް އައިސްފައި، އެއާ ގުޅުވައިގެން، މުސްތަޤިއްލު ނޫން ވާހަކައެއް އައިސްފައިވާއިރު، އެ ތަނުން ދެވަނައަށް އޮތް މުސްތަޤިއްލު ނޫން ވާހަކައަކީ، ފުރަތަމައަށް އޮތް މުސްތަޤިއްލު ވާހަކަ ފުރިހަމަވުމަށްޓަކައި ކޮންމެހެން ވެސް ބޭނުންވާ ވާހަކައަކަށް ވާނަމަ، ފުރަތަމަ އެ އޮތް މުސްތަޤިއްލު ވާހަކައަކީ މުސްތަޤިއްލު ވާހަކައެއް ކަމަކަށް ނުބެލެވޭނެތެވެ. މިސާލަކަށް، އަނބިމީހާއާ ދިމާއަށް [أَنْتِ طَالِقٌ ثَلَاثًا] (ކަނބުލޭގެ ތިހުރީ ވަރިކޮށްފައެވެ. ތިނަކަށެވެ.) މިފަދައިން ބުނުމެވެ. މި ހާލަތުގައި [ثَلَاثًا] (ތިނަކަށެވެ.) އެ އޮތީ އޭގެ އަމިއްލަ ޒާތުގައި މުސްތަޤިއްލުކޮށެއް ނޫނެވެ. އެހެންނަމަވެސް، [أَنْتِ طَالِقٌ] (ކަނބުލޭގެ ތިހުރީ ވަރިކޮށްފައެވެ.) އެ އޮތީ އޭގެ އަމިއްލަ ޒާތުގައި މުސްތަޤިއްލުކޮށެވެ. އަދި [أَنْتِ طَالِقٌ] ގެ މާނަ ފުރިހަމަވުމަށްޓަކައި [ثَلَاثًا] އަށް ބޭނުންޖެހިގެން ވެއެވެ. އެހެންކަމުން، [أَنْتِ طَالِقٌ] ވެސް މުސްތަޤިއްލު ނޫން ކަމުގައި ނިންމޭނެތެވެ. އެހެންކަމުން، އެ ތަނުން [أَنْتِ طَالِقٌ] އޭ ބުނިއިރަށް، އެއްވެސް ކަމެއް ލާޒިމެއް ނުވާނެއެވެ. އެ ބުނުމުން ނުކުންނަ ނަތީޖާ ނުކުންނާނީ [أَنْتِ طَالِقٌ ثَلَاثًا] އޭ ބުނި ހިސާބުންނެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَوَيْلٌ لِلْمُصَلِّينَ (4) الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ (5) الَّذِينَ هُمْ يُرَاءُونَ (6) وَيَمْنَعُونَ الْمَاعُونَ) (ސޫރަތުލްމާޢޫން: 4-7) މާނައީ: [ފަހެ، ނަމާދު ކުރާ މީހުންނަށް ގެއްލުމާ ހަލާކު ހުށްޓެވެ. އެއުރެންނީ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބޭ މީހުންނެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ. އަދި الـمَاعُونَ މަނާކުރާ މީހުންނެވެ.] މި ތަނުގައިވާ ފުރަތަމަ އާޔަތުގައި އެވާ ވާހަކަ [فَوَيْلٌ لِلْمُصَلِّينَ] (ފަހެ، ނަމާދު ކުރާ މީހުންނަށް ގެއްލުމާ ހަލާކު ހުށްޓޭ) އަކީ އޭގެ ޒާތުގައި މުސްތަޤިއްލު މާނައެއް ދޭހަކޮށްދޭ ވާހަކައެކެވެ. އެހެންނަމަވެސް، އެއާ ގުޅުވައިގެން އޭގެ ފަހަތުން، ނަމާދުކުރާ ހަލާކުހުރި މީހުންނާ ގުޅޭ ބައިވަރު ސިފަތަކެއް އެ ވަނީ އައިސްފައެވެ. އެ ސިފަތަކަކީ އޭގެ ޒާތުގައި މުސްތަޤިއްލު މާނައެއް ދޭހަކޮށްދޭ ސިފަތަކެއް ނޫނެވެ. އެހެންކަމުން، [فَوَيْلٌ لِلْمُصَلِّينَ] އަކީ ވެސް މުސްތަޤިއްލު ނޫން ވާހަކައެއް ކަމަށް ބެލެވޭނެތެވެ. އެހެންކަމުން، އެ ތަނުގެ ޙަޤީޤީ މުރާދުކަމުގައި ބަލާނީ މުޅި އެ ހުރިހާ ވާހަކަތަކެއް އެއްކޮށްލައިގެން ނުކުންނަ މާނައެވެ. ވީއިރު، ޤުރުއާން ކިޔަވާމީހާ، މާނަ ނެގުމުގައި [فَوَيْلٌ لِلْمُصَلِّينَ] އަށް ކުރުކޮށްލައި، އެ އާޔަތްތައް އެއްކޮށް ފުރިހަމަ ނުކޮށްފިނަމަ، އޭގެ މާނަ ވިސްނައިގަތުމުގައި ބޮޑު ބާގަނޑެއް ހެދިގެންދާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =