[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 151

162ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّفْظُ إِذَا وَرَدَ لِمَعْنًى لَا يُـحْتَجُّ بِهِ فِي غَيْـرِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {މާނައެއްގައި ލަފްޒު ވާރިދުވެއްޖެނަމަ، އެ ނޫން މާނައެއްގައި އެއިން ޙުއްޖަތެއް ނުނެގޭނެ}

މި ޤަވާޢިދުގެ މުރާދު: ވަކި މާނައެއް ބަޔާންކުރުމުގެ ޤަޞްދުގައި ވާހަކައެއް އައިސްފައިވާނަމަ، އެ ވާހަކައިން އެ ނޫން މާނައަކަށް ދަލީލުނެގުން ހުއްދަވެގެން ނުވެއެވެ. އެއާ ޚިލާފަށް ޞަރީޙަކޮށް ބަޔާންކޮށްފައި ނުވާނަމައެވެ. މިއީ، އަލްޤަރާފީ ގެންނަވާފައިވާ ޤަވާޢިދެކެވެ.

މިއާ ޚިލާފަށް، ބައެއް ޙަނަފީން މި ޤަވާޢިދުގައި އެވާ ފުޅާކަން ހަނިކުރައްވައި، އެ ވާހަކައިގައި އެހެން ކަމަކާ ގުޅިފައިވާ ކަމެއް ވާނަމަ، ނުވަތަ އެހެން ކަމަކަށް އިޝާރާތެއް ވާނަމަ، އެ ނޫން މާނައެއްގައި ވެސް ދަލީލު ނެގިދާނެކަމަށް ވިދާޅުވެފައި ވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَنْ تَجْمَعُوا بَيْنَ الأُخْتَيْنِ) (ސޫރަތުއްނިސާ: 23 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ދެ އުޚުތުން ޖަމާކުރެއްވުމެވެ.] މި އާޔަތް ޢިބާރާތްކުރެވިފައި އެ ވަނީ، ފިރިހެނަކު އެއް ދުވަސްވަރެއްގައި ދެ އުޚުތުންނާ ޖިންސީގުޅުން ހިންގަމުންދިޔުން ޙަރާމްކުރެވިގެންވާކަން ބަޔާންކުރެއްވުމަށެވެ. އެ ދެ އުޚުތުންނާ ޖިންސީގުޅުން ހިންގަމުންދިޔައީ ދެ އަނބިންގެ ގޮތުގައި ކަމަށް ވިޔަސް، ނުވަތަ ދެ އަޅުންގެ ގޮތުގައި ކަމަށް ވިޔަސް، ނުވަތަ އަތްނބަކާއި އަޅެއްގެ ގޮތުގައި ކަމަށް ވިޔަސް މެއެވެ. އެހެންކަމުން، މި ނޫން އެހެން މާނައެއްގައި މި އާޔަތުން ދަލީލުނެގުން ހުއްދަވެގެން ނުވެއެވެ.

163ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّفْظُ عِنْدَ عَدَمِ قَرِيْنَةٍ خِلَافَ الأَصْلِ يَدُلُّ عَلَى مَعْنَاهُ قَطْعاً

މި ޤަވާޢިދުގެ ތަރުޖަމާ: {ލަފްޒުގެ އަޞްލާ ޚިލާފުވާނޭ ޤަރީނާއެއް ނެތްހިނދު، އެއިން އޭގެ މާނައަށް ޤަޠުޢީކޮށް ދަލީލުކޮށްދޭނެ}

މި ޤަވާޢިދުގެ މުރާދު: ލަފްޒީ ދަލީލުތަކުގެ (ޝަރުޢީ ނައްޞުތަކުގެ) މާނަތައް ސާފުސީދާކޮށް އޮވެފައި، އެ މާނައެއް ދޫކޮށް އެ ނޫން އިޙްތިމާލު އުފެދޭ މާނައަކަށް އަނބުރައިލާނޭ، ނުވަތަ އެ ނޫން އެހެން މާނައަކަށް އިޝާރާތްކުރާ ޤަރީނާއެއް ނެތިއްޖެނަމަ، އެ ލަފްޒުތައް އެ އޮތީ އެއިން ދަލީލުކޮށްދޭ ކަންކަމަށް ދަލާލަތުކޮށްދިނުމުގައި ޤަޠުޢީކޮށެވެ. މިއީ، ޙަނަފީ މަޒުހަބަށާއި ޙަންބަލީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، ލަފްޒުން ޤަޠުޢީކޮށް ދަލީލުކޮށްދޭނީ، އެއިން އުފެދިދާނޭ ހުރިހާ އިޙްތިމާލެއް ނަފީވެގެންނެވެ. އެއްވެސް އިޙްތިމާލެއްގެ ފުރުސަތު އޮތްނަމަ، އެއިން ޤަޠުޢީކޮށް ދަލީލުކޮށްދޭ ކަމަކަށެއް ނުބެލެވޭނެތެވެ. އަދި ލަފްޒުތަކަށް އެކަނި ބިނާކޮށް އެއިން ޤަޠުޢީކޮށް ދަލީލުކޮށްދޭ ކަމަކަށް ނުނިންމޭނެތެވެ. އެހެނެއްކަމަކު، ޤަޠުޢީކޮށް ދަލީލުކޮށްދޭކަމަށް ނިންމުމަށްޓަކައި، އެއަށް ޚާރިޖީ ޤަޠުޢީ ޤަރީނާތަކެއް އޮންނަންވާނެއެވެ. މިއީ، މާލިކީ މަޒުހަބަށާއި ޝާފިޢީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ) (ސޫރަތުލްބަޤަރާ: 185 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ރަމަޟާންމަހަކީ އެ މަހެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ.] މި އާޔަތުގައި އެވާ [رَمَضَان] އަކީ، އެންމެންދަންނަ، ޝަޢުބާންމަހާއި ޝައްވާލުމަހާ ދެމެދު އަންނަ މައްސަރެވެ. އަދި [القُرْآن] އަކީ، އެންމެންދަންނަ، ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވުނު، ﷲ ގެ ކަލާމްފުޅެވެ. މި ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން، [رَمَضَان] އާއި [القُرْآن] އިން އެ ދޭއްޗަށް ދަލީލުކޮށްދެނީ ޤަޠުޢީކޮށެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =