164ވަނަ ޤަވާޢިދު (ޖުމްލަ 189): إِطْلَاقُ الـمُشْتَقِّ بِـاعْتِبَارِ الـحَالِ حَقِيْقَةٌ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޝްތައްޤު އެ ވަގުތަކަށް ބިނާކޮށް ބޭނުންކުރެވިއްޖެނަމަ، އެ އޮތީ ޙަޤީޤީ ގޮތަށް}
މި ޤަވާޢިދުގެ މުރާދު: މުޝްތައްޤު ލަފްޒެއް އެ ވަގުތަކަށް ބަރޯސާކޮށް ބޭނުންކުރެވިއްޖެނަމަ، އަދި އެ ވަގުތު އެ މާނަ ވުޖޫދުގައި އޮތްނަމަ، އެއީ ޙަޤީޤީ ގޮތުން ބޭނުންކުރެވުނު ލަފްޒެކެވެ. މި ކަމާ މެދު އިއްތިފާޤުވެވިފައި ވެއެވެ. އަދި މުޝްތައްޤު ލަފްޒެއް ވާނޭކަމަކަށް ބަރޯސާކޮށް ބޭނުންކުރެވިއްޖެނަމަ، އެއީ މަޖާޒީ ގޮތުން ބޭނުންކުރެވުނު ލަފްޒެކެވެ. މި ކަމާ މެދުގައިވެސް އިއްތިފާޤުވެވިފައި ވެއެވެ.
އެހެންނަމަވެސް، މުޝްތައްޤު ލަފްޒެއް އެ ކަމެއް ހިނގައި ނިމުމަށްފަހު މާޒީއަށް ބިނާކޮށް ބޭނުންކުރެވިއްޖެނަމަ (މިސާލަކަށް، [الضَّارِبُ] ނުވަތަ ޖެހިމީހާއޭ ބުނެފިނަމަ)، އެއާ މެދު ރައުޔުތަފާތުވުން އުފެދިފައި ވެއެވެ. އެ ގޮތުން، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، އެއީ މުޠުލަޤުކޮށް މަޖާޒީ ގޮތުން ބޭނުންކުރެވިފައިވާ ލަފްޒެކެވެ. މިއާ ޚިލާފަށް، އަލްޖުއްބާއީއާއި އޭނާއަށް ތަބާވީ މީހުންގެ ފަރާތުން ނަޤުލުވެފައިވާ ރައުޔެއްގައިވަނީ، އެއީ މުޠުލަޤުކޮށް ޙަޤީޤީ ގޮތުން ބޭނުންކުރެވިފައިވާ ލަފްޒެއް ކަމުގައެވެ. އަދި މިއާ ޚިލާފަށް، އައްރާޒީގެ ނަޒަރުގައި، އެ ލަފްޒު ބޭނުންކުރެވުނުއިރު ކަންއޮތްގޮތަށް ދެމިއޮތުން އެކަށީގެންވާ ލަފްޒެއްނަމަ، އެއީ މަޖާޒީ ގޮތުން ބޭނުންކުރެވިފައިވާ ލަފްޒެކެވެ. އެހެންނަމަވެސް، އެ ލަފްޒު ބޭނުންކުރެވުނުއިރު ކަންއޮތްގޮތަށް ދެމިއޮތުން އެކަށީގެން ނުވާ ލަފްޒެއްނަމަ، އެއީ ޙަޤީޤީ ގޮތުން ބޭނުންކުރެވިފައިވާ ލަފްޒެކެވެ. އަދި މިއާ ޚިލާފަށް، އެހެން ރައުޔެއްގައި ވަނީ، މި މައްސަލައިގައި ވަކިކޮޅެއް އިޚްތިޔާރުނުކޮށް ހުއްޓިހުރުމެވެ.
ދެން ފަހެ، މުޝްތައްޤަކީ، ކަމަކަށާއި އޭގައި އުޅޭ ފަރާތަށް ދަލީލުކޮށްދޭ އެއްޗެވެ. މިސާލަކަށް، [قَائِمٌ] (ކޮޅަށްހުރި މީހެއް) އެވެ. މިއީ، ކޮޅަށްހުރުމަށާއި ކޮޅަށްހުރި މީހާއަށް ނިސްބަތްކޮށް ބޭނުންކުރެވޭ ލަފްޒެކެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ) (ސޫރަތުލްބަޤަރާ: 228 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ވަރިކުރެވިފައިވާ އަންހެނުން، އެ ކަނބަލުންގެ ނަފްސުތަކާއިގެން ތިން ޤުރްއުވަންދެން އިންތިޒާރުކުރާހުށިކަމެވެ!] މި އާޔަތުގައި އެވާ [الـمُطَلَّقَاتُ] (ވަރިކުރެވިފައިވާ އަންހެނުން) ލަފްޒަކީ، އެ އާޔަތް ބާވައިލެއްވުނުހިނދު ވަރިކުރެވިފައިވާ އަންހެނުންނަށް ޙަޤީޤީ ގޮތުން ބޭނުންކުރެވިފައިވާ، އަދި އެ ވަގުތެއްގައި ވަރިކުރެވިފައިވާ އަންހެނުންނަށް ވެސް ޙަޤީޤީ ގޮތުން ބޭނުންކުރެވިފައިވާ ލަފްޒެކެވެ. އެހެންކަމުން، ވަރިކުރެވިފައިވާ ކޮންމެ އަންހެނެއް ވެސް (ޢާއްމު އުޞޫލަކުން) ތިން ޤުރްއުވަންދެން ޢިއްދައިގައި އިންނަންޖެހޭނެއެވެ. އަދި އެ ކަނބަލުންނަށް ވަރިކުރެވިފައިވާ އަންހެނުންނަށް ހިނގާ އެންމެހާ ޙުކުމެއް ވެސް ހިނގާނެއެވެ. އެއީ، މުޝްތައްޤު ލަފްޒެއް އެ ވަގުތަކަށް ބިނާކޮށް ބޭނުންކުރެވިއްޖެނަމަ، އެއިން ޙަޤީޤީ މާނަ ލިއްބައިދިނުމަށް ބިނާކޮށެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =