[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 153

165ވަނަ ޤަވާޢިދު (ޖުމްލަ 189): يُغَلَّبُ مَنْ يَعْقِلُ عَلَى مَا لَا يَعْقِلُ

މި ޤަވާޢިދުގެ ތަރުޖަމާ: {ބުއްދިނެތް އެއްޗެހީގެ މައްޗަށް ބުއްދިހުރި މީހުން ގަދަކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: ޢަރަބީން ވާހަކަދައްކައިއުޅޭއިރު، ވާހަކައިގައި ބުއްދިހުރި މީހުންނާއި ބުއްދިނެތް އެއްޗެހި ޖަމާވެއްޖެނަމަ، އެ ދެ ފަރާތަށް އެއް ލަފްޒަކުން މުޚާޠަބުކުރުމުގައި އިސްކުރާނީ ބުއްދިހުރި މީހުންނަށް ބޭނުންކުރާ އުސްލޫބެވެ. އެއީ، ބުއްދިހުރި މީހުން، ބުއްދިނެތް އެއްޗެހީގެ މައްޗަށް ގަދަކުރުމުގެ ގޮތުންނެވެ.

ދެން ފަހެ، މި ތަނުގައި [ބުއްދިހުރި މީހުން] ގެ މުރާދަކީ، މަލާއިކަތުންނާއި ޖިންނީންނާއި އިންސާނުންނެވެ. އަދި ބުއްދިނެތް އެއްޗެހީ] ގެ މުރާދަކީ، އެ ނޫން އެހެން އެއްޗިއްސާއި ފަރާތްތަކެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (كُلُّ مَنْ عَلَيْهَا فَان) (ސޫރަތުއްރަޙްމާން: 26) މާނައީ: [އޭގެ މަތީގައިވާ ކޮންމެ މީހަކުމެ ފަނާވާނެތެވެ.] އެބަހީ، ހަލާކުވެ ނެތިދާނެތެވެ. މި އާޔަތުގައިވާ [عَلَيْهَا] ގައި އެވާ ޟަމީރު ރުޖޫޢަވަނީ، ބިމަށެވެ. އަދި ހަލާކުވެ ނެތިދާ މީހުންގެ ތެރޭގައި، ބުއްދިހުރި ފަރާތްތަކާއި ބުއްދިނެތް އެއްޗެހި ވެސް ޝާމިލުވާއިރު، މި އާޔަތުގައި އެ ވަނީ [مَنْ عَلَيْهَا] އޭ (އޭގެ މަތީގައިވާ މީހުންނޭ) ބަޔާންކުރައްވައި، ބުއްދިހުރި ފަރާތްތަކަށް ބޭނުންކުރާ އުސްލޫބު، އެ އުސްލޫބުގައި ބުއްދިނެތް އެއްޗެހި ވެސް ޝާމިލުވާނޭހެން ބޭނުންކުރައްވާފައެވެ.

166ވަނަ ޤަވާޢިދު (ޖުމްލަ 189): الاِقْتِـرَانُ فِي النَّظْمِ لَا يَسْتَلْزِمُ الاِقْتِـرَانَ فِي الـحُكْمِ

މި ޤަވާޢިދުގެ ތަރުޖަމާ: {ތަންޡީމުކުރުމުގައި އިޤްތިރާންކުރުމުން، ޙުކުމުގައި އިޤްތިރާންވުން ލާޒިމެއް ނުކުރޭ}

މި ޤަވާޢިދުގެ މުރާދު: ވާހަކަ ތަންޡީމުކުރުމުގައި (ތަރުތީބުކޮށް އަތުރައިލުމުގައި)، މުސްތަޤިއްލު ފުރިހަމަ ދެ ޖުމްލައެއް ޖަމާކުރުމަކުން، އެ ދޭތި އެއް ޙުކުމެއްގައި ބައިވެރިވުން ލާޒިމެއް ނުކުރެތެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ހާލަތުގައި އެ ދޭތި އެއް ޙުކުމުގައި ބައިވެރިވުން ލާޒިމުކުރެތެވެ.

ދެން ފަހެ، އިޤްތިރާންއަކީ، އެއް ސިޔާޤެއްގައި، ދެ އެއްޗެއް ނުވަތަ އެއަށްވުރެ ގިނަ އެއްޗެހި ޖަމްޢުކޮށްގެން، އެ ދޭތީގެ ޙުކުމް އެއްގޮތްކަމަށް ދަލީލުނެގުމެވެ.

ކޮންމެއަކަސް، ޖަމާކުރެވިފައިވާ ދެ ޖުމްލައިގެ ތެރެއިން، އެއް ޖުމްލައަކީ ފުރިހަމަ ޖުމްލައަކަށްވެފައި، އަނެއް ޖުމްލައަކީ ފުރިހަމަ ނޫން ޖުމްލައަކަށް ވާނަމަ، އެ ދެ ޖުމްލަ ޖަމާކުރުމުގެ ގޮތުން ބޭނުންކުރެވުނު عَطْفُ އިން، އެ ދެ ޖުމްލަ ޙުކުމުގެ އަޞްލުގައި ބައިވެރިކުރާނޭކަމާ މެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުމެއް ނެތެވެ. މިސާލަކަށް، [جَاءَ مُحَمَّدٌ، وَعَلِيٌّ] (މުޙައްމަދު އައިސްފިއެވެ. އަދި ޢަލީ ވެސް) މިފަދައިން ބުނުމެވެ. މި ތަނުގައި އެވާ ފުރަތަމަ ޖުމްލަ [جَاءَ مُحَمَّدٌ] އަކީ ފުރިހަމަ ޖުމްލައެކެވެ. އަދި ދެވަނަ ޖުމްލަ [وَعَلِيٌّ] އަކީ ފުރިހަމަ ޖުމްލައެއް ނޫނެވެ. މި ހާލަތުގައި دَلَالَـةُ الاِقْتِرَانِ (އިޤްތިރާނުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުން) އަކީ، ޙުއްޖަތެއް ކަމުގައި ބެލެވޭނެތެވެ. އެ ގޮތުން، މުޙައްމަދު އައިފަދައިން، ޢަލީ ވެސް އައިކަމުގައި ބެލެވޭނެތެވެ.

އަދި މި ޤަވާޢިދު ދެ ޤައިދަކުން ޤައިދުކުރެވިފައިވެއެވެ. ފުރަތަމަ ޤައިދަކީ، ޖަމާކުރެވިފައިވާ ދެ ޖުމްލައަކީ އެއް ޢިއްލަތެއްގައި ބައިވެރިވާ ދެ ޖުމްލައަށް ނުވުމެވެ. އެ ދެ ޖުމްލަ ވެސް އެއް ޢިއްލަތެއްގައި ބައިވެރިވާނަމަ، އެ ދޭތި ވެސް އެއް ޙުކުމެއްގައި ބައިވެރިވާނެތެވެ. އަދި ދެވަނަ ޤައިދަކީ، އެ ދެ ޖުމްލަ އެއް ޙުކުމުގައި ބައިވެރިވާކަން ޚާރިޖީ ދަލީލަކުން އެނގެން ނެތުމެވެ. އެފަދަ ދަލީލެއް އޮވެއްޖެނަމަ، އެއަށް ޢަމަލުކުރެވި، އެ ދޭއްޗަށް އެއް ޙުކުމެއް ދެވޭނެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((لاَ يَبُولَنَّ أَحَدُكُمْ فِي الـمَاءِ الدَّائِمِ وَلاَ يَغْتَسِلْ فِيهِ مِنَ الـجَنَابَةِ)) މާނައީ: [ތިޔަބައިމީހުންކުރެ މީހަކު ދައުރުނުވާ ފެންގަނޑަކަށް ކުޑަކަމުނުދާހުށިކަމެވެ! އަދި ޖުނުބުވެރިކަމުން އަރިގަތުމަށް އެއިން ހިނައިނުގަންނަހުށިކަމެވެ!] މި ޙަދީޘުގައި އެ ވަނީ، މުސްތަޤިއްލު ދެ ޖުމްލައެކެވެ. އަދި އެ ދެ ޖުމްލައިގައި ބައިވެރިވާ އެއްގޮތް ލަފްޒެއް ބޭނުންކުރެވިފައެއް ނުވެއެވެ. އެހެންކަމުން، ދައުރުނުވާ ފެންގަނޑުން ހިނައިގަތުމުން އެ ފެން ފާސިދުވާނެކަމަށް މި ޙަދީޘުން ބައެއް ފިޤުހުވެރިން ދަލީލު ނަންގަވާފައިވާ ދަލީލު ނެންގެވުމަކީ، ބަލިކަށި ދަލީލު ނެންގެވުމެއްކަން ފާޅުވެ އެނގެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =