167ވަނަ ޤަވާޢިދު (ޖުމްލަ 189): دَلَالَةُ السِّيَاقِ مُـحَكَّمَةٌ
މި ޤަވާޢިދުގެ ތަރުޖަމާ: {دَلَالَةُ السِّيَاق އަކީ ޙުކުމް ކަނޑައަޅައިދޭ އެއްޗެއް}
މި ޤަވާޢިދުގެ މުރާދު: ސިޔާޤު ހިމެނެނީ، ޢަރަބީން އެބައިމީހުންގެ ޚިޠާބުތަކާއި އުސްލޫބުތަކުގައި، ވާހަކަދައްކާމީހާގެ މުރާދާއި މަޤްޞަދު ވިސްނައިގަތުމަށްޓަކައި އެއަށް ބަރޯސާވާ މުހިއްމު ޤަރީނާތަކުގެ ތެރޭގައެވެ. އެ ގޮތުގެ މަތިން، ޤުރުއާނާއި ސުންނަތުގައިވާ ޝަރުޢުކުރައްވާ ފަރާތުގެ މުރާދުތަކާއި މަޤްޞަދުތައް ބަޔާންކޮށްދިނުމަށާއި ވިސްނައިގަތުމަށްޓަކައި ސިޔާޤު މުހިއްމު ދައުރެއް އަދާކުރެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އަދި މި ކަމާ މެދު އިއްތިފާޤުވެވިފައިވާ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ.
ދެން ފަހެ، ސިޔާޤަކީ، ވާހަކައިގެ މަޤްޞަދާއި ބޭނުމަށް ބިނާކޮށް އެއިން ނެގޭ ކަންކަމެވެ. ސިޔާޤަށް ގިނަ އުޞޫލީ ޢިލްމުވެރިން ދެއްވާ ނަމަކީ ލަފްޒީ ޤަރީނާގެ ނަމެވެ. އަދި ބައެއް އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، ހާލުގެ ޤަރީނާތަކުގެ ނަމުން ނަންދެވޭ ޤަރީނާތަކުގެ ތެރެއަށް ސިޔާޤު ވަނުން އެކަށީގެންވެއެވެ.
އަދި މި ޤަވާޢިދު ބޭނުންކުރެވޭ ދާއިރާތައް ނުހަނު ފުޅާވެގެން ވެއެވެ. އަދި މީގެ ތެރޭގައި، އެތަކެއް މުހިއްމު އުޞޫލީ ޤަވާޢިދަކާއި މައްސަލައެއް ޝާމިލުވެއެވެ. އޭގެ ތެރޭގައި، ލަފްޒުތަކުގެ ދަލާލަތާ ގުޅޭ، ލަފްޒު އޭގެ ޙަޤީޤީ މާނައިން އޭގެ މަޖާޒީ މާނައަށް އަނބުރައިލުންފަދަ މައްސަލަތައް ހިމެނެއެވެ. އެ ގޮތުން، ވާހަކައިގައި އަޞްލަކީ، އެއަށް އޭގެ ޙަޤީޤީ މާނައިގައި ޢަމަލުކުރުމެވެ. ޤަރީނާއެއް އޮތުމުން މެނުވީ، އޭގެ މަޖާޒީ މާނައަށް ނުދިޔުމެވެ. އަދި ސިޔާޤު ބެލެވެނީ، މަޖާޒީ މާނައަށް އެ އަނބުރައިލާ އެންމެ މުހިއްމު ޤަރީނާތަކުގެ ތެރޭގައި ހިމެނޭ ޤަރީނާއެއް ކަމުގައެވެ. އަދި ހަމައެހެންމެ، ލަފްޒުތަކުގެ ދަލާލަތުގެ އިތުރުން، ޤިޔާސްގައި ވެސް، ޙުކުމުގެ ޢިއްލަތު ކަނޑައެޅުމުގައި ދަލީލު ނެގުމުގައި ސިޔާޤުގެ މުހިއްމުކަން ބޮޑެވެ.
އަދި ހަމައެގޮތަށް، މުކައްލަފުންގެ ވާހަކަތައް މާނަކުރުމުގައްޔާއި އެބައިމީހުންގެ މަޤްޞަދުތައް ފާޅުކުރުމުގައި ސިޔާޤަކީ މުހިއްމު ދައުރެއް ކުޅޭ އެއްޗެކެވެ. މިސާލަކަށް، މީހަކު މީހެއް ގާތު [މިވެނި އެއްގަމު ޖަނަވާރެއްގެ މަހަކީ ތިބާއަށް ހުރި ބައްޔަކެވެ. އެހެންކަމުން، އެ ނުކާށެވެ!] މިފަދައިން ބުނުމެވެ. އެހިނދު، އޭނާ ހުވާކޮށްފައި [އަހުރެން ދެން އެއްގަމު މަހެއް ނުކާނަމޭ] ބުނުމެވެ. އެ ގޮތަށް އޭނާ ބުނީ، ޢާއްމުކުރުމުގެ ނުވަތަ ޚާއްޞަކުރުމުގެ މަޤްޞަދެއް ނެތިއެވެ. ވީއިރު، [އެއްގަމު މަހެކޭ] ބުނެ ކުރި ހުވަޔަކީ ޚާއްޞަކޮށް އެ އެއްގަމު ޖަނަވާރުގެ މަސް ނުކާން ކުރި ހުވަޔެއްކަމުގައި ސިޔާޤުގެ ޤަރީނާއިން ނިންމޭނެއެވެ. އަދި އެ އެއްގަމު ޖަނަވާރުގެ މަސް ފިޔަވައި އެހެން މަހެއް ކެއުމަކުން، އޭނާ ހުވާގެ ކައްފާރާ ދޭކަށެއް ނުޖެހޭނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَمَن شَاء فَلْيُؤْمِن وَمَن شَاء فَلْيَكْفُرْ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا) (ސޫރަތުލްކަހްފު: 29 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، ބޭނުން މީހަކު އީމާންވާހުށިކަމެވެ! އަދި ބޭނުން މީހަކު ކާފިރުވާހުށިކަމެވެ! ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އަނިޔާވެރިންނަށް ވަނީ ނަރަކަ ތައްޔާރުކުރައްވާފައެވެ.] މި އާޔަތުގެ ބޭރުފުށުގެ ޙަޤީޤީ މާނައިން ފެންނަނީ، އީމާންވުމާއި ކާފިރުވުމަށް ވެސް އިޚްތިޔާރުދެވި، އެއިން ކޮންމެ ގޮތެއްގައި ހިފުމުގެ ވެސް އިޚްތިޔާރުދެވިފައިވާ ތަނެވެ! އެހެންނަމަވެސް، މި އާޔަތުގައި އެވާ ޙަޤީޤީ މާނައިގައި ހިފުމެއް ނެތްކަން އެނގެނީ، މި އާޔަތުގެ ސިޔާޤަށް ނަޒަރުހިންގުމުންނެވެ. އެހެނީ، މި އާޔަތުގެ ސިޔާޤުން އެނގެނީ، މިއީ ކާފިރު އަނިޔާވެރިންނަށް ވަޢީދުގެ ގޮތުން އިންޒާރެއްގެ ގޮތުން ބާވައިލެއްވިފައި އޮތް އާޔަތެއްކަމެވެ. އެހެންކަމުން، ބޭނުން މީހަކު އީމާންވާށޭ އަދި ބޭނުން މީހަކު ކާފިރުވާށޭ ވަޙީކުރައްވާފައި އެ ވަނީ، މަޖާޒީ މާނައިގައެވެ. ނިކަން ބޭނުންހާ ގޮތަކަށް ޢަމަލުކޮށްބަލާށޭ ބުނެ އިންޒާރުދިނުމުގެ މާނައިގައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =