[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 155

168ވަނަ ޤަވާޢިދު (ޖުމްލަ 189): الـخِطَابُ يَـمْضِي عَلَى مَا عَمَّ وَغَلَبَ لَا عَلَى مَا شَذَّ وَنَدَرَ

މި ޤަވާޢިދުގެ ތަރުޖަމާ: {ޚިޠާބު އޮންނަހުށީ ޢާއްމު އަދި ގަދަވެގަންނަ ގޮތަށް، ޝާއްޛު އަދި ނާދިރު ގޮތަކަށް ނޫން}

މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގައިވާ އެންގެވުންތައް މާނަކޮށް ފަހުމްކުރުމުގައި، އެންމެ މަޝްހޫރުކަން ބޮޑު އަދި އެންމެ ފަޞާޙާތްތެރިކަން ބޮޑު މާނައަށް ބަރޯސާވެވޭނެއެވެ. އަދި ބީރައްޓެރި، ނާދިރު މާނައިން އެއްކިބާވެވޭނެއެވެ.

ދެން ފަހެ، ޝަރުޢުކުރައްވާ ފަރާތުގެ ޚިޠާބު (އެންގެވުން) މާނަކުރުމުގައި، މުޖުތަހިދު ޢިލްމުވެރިޔާ ދިރާސާކޮށް ޙުކުމް އިސްތިންބާޠުކުރާ ދަރަޖައަށް ބިނާކޮށް، އަދި ޙުކުމް އިސްތިންބާޠުކުރުމުގައި ނައްޞުތަކުން އަސަރުފޯރުވާ މިންވަރަށް ބިނާކޮށް، ތަފާތު ވައްތަރުތައް ހުރެއެވެ. އެ ދަރަޖަތަކުގެ ވައްތަރުތައް ތަފާތުވެގެންވީ ކަމުގައި ވިޔަސް، އެ ހުރިހާ ދަރަޖައެއްގައި ވެސް، ޝަރުޢުކުރައްވާ ފަރާތުގެ އެންގެވުން މާނަކުރުމުގައި، އެންމެ ޢާއްމުކަން ބޮޑު އަަދި އެންމެ ބޮޑަށް ގަދަވެގަނެފައިވާ މާނައަށް ތަބާވުމާއި، ބީރައްޓެހި އަދި ނާދިރު މާނަތަކުން ދުރުހެލިވުމުގެ މި ޤަވާޢިދަށް ޢަމަލުކުރުމުގެ މުހިއްމުކަން ބޮޑެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَاِبْنِ السَّبِيلِ) (ސޫރަތުއްތައުބާ: 60 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ މަސައްކަތުގައި އުޅޭ މީހުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި)، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި، (ހާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ.] މި އާޔަތުގައި އެވާ [فِي سَبِيلِ اللَّهِ] (ﷲ ގެ މަގުގައި) ގެ މުރާދުގެ ތެރެއަށް ޖިހާދުގެ އިތުރުން އެންމެހާ ހެޔޮކަމެއް ވެސް ވަނުމާ ގުޅޭ ގޮތުން ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އޭގެ ތެރެއަށް ވަންނަނީ ހަމައެކަނި ޖިހާދާއި ޖިހާދުގެ މާނައިގައިވާ ކަންކަން ކަމުގައި ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ، ޤުރުއާނުގައި [فِي سَبِيلِ اللَّهِ] މުޅިން ކަހަލަ ގޮތަކަށް ބޭނުންކުރެވިފައިވަނީ، ޖިހާދުކުރުމާއި ހަނގުރާމައާއި އިސްލާމްދީން ފެތުރުމުގެ މާނައިގައެވެ. އެހެންކަމުން، އިޙްތިމާލު އުފެދޭ ސިޔާޤުތަކުގައި، މި ޢާއްމު އަދި ގިނަފަހަރަށް ބޭނުންކުރެވިފައިވާ މާނައިގައި އެ ޢިބާރާތް ނެގޭނެތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =