169ވަނަ ޤަވާޢިދު (ޖުމްލަ 189): الاِحْتِمَالُ فِي وَقَائِعِ الأَحْوَالِ يُسْقِطُ الاِسْتِدْلَالَ
މި ޤަވާޢިދުގެ ތަރުޖަމާ: {ހާލަތުގެ ކަންކަމާ މެދު އިޙްތިމާލު އުފެދުމުން، ދަލީލު ނެގުން ވެއްޓިގެންދޭ}
މި ޤަވާޢިދުގެ މުރާދު: ވަކި މީހެއްގެ ވަކި ހާދިސާއެއް ބަޔާންކުރެވި، އެއަށް ވަކި ޙުކުމެއް ކަނޑައެޅުނުހިނދު، އެކި ގޮތްގޮތަށް އޭގައިވާ ޙުކުމުގެ އިޙްތިމާލު އުފެދިފައިވާނަމަ، އަދި އޭގެ މުރާދު ކަވިކޮށް ބަޔާންކުރެވިފައި ނުވާނަމަ، އެ ހާދިސާއިން އެ ނޫން ހާދިސާތަކުގެ މައްޗަށް ދަލީލު ނެގުން ހުއްދަވެގެން ނުވެއެވެ. އެއީ، އެ ޙުކުމުގެ މުރާދަކީ އެހެން ގޮތެއް ކަމުގެ ނުވަތަ އެހެން އިޙްތިމާލެއް ކަމުގެ އިޙްތިމާލު އޮތީތީއެވެ. އަދި އެއީ އޭގެ މާނަތަކާއި އިޙްތިމާލުތަކުގައި ދެކޮޅަށް ކިރޭ މުޖުމަލު އެއްޗަކަށް ވާނެތީ، އޭގެ މުރާދު ބަޔާންކޮށްދޭނޭ އިތުރު ދަލީލެއް ނެތް ހާލުގައި އެއިން ދަލީލު ނެގުން މަނާވެގެންވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ކަދުރުން ތައްޔާރުކޮށްފައިވާ (ރަހަ ގަދަވެފައި ނުވާ، އަދި މަސްތުވާ ދަރަޖައަށް ނުދާ) ނަބީޛުން ވުޟޫކުރުމާ މެދު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރެން ސުއާލުވެވުނުހިނދު، އެ ކަލޭގެފާނު ޙަދީޘްކުރެއްވި އަންނަނިވި ބަސްފުޅެވެ. ((تَمْرَةٌ طَيِّبَةٌ وَمَاءٌ طَهُورٌ)) މާނައީ: [ހެޔޮރަނގަޅު ކަދުރެކެވެ. އަދި ޠާހިރުވެގެންވާ ފެނެކެވެ.] މި ޖަވާބުގައި އެ ވަނީ، އެ ކަދުރަކީ ޠާހިރު އެއްޗެއްކަމާއި އެ ފެނަކީ ޠަހޫރު ފެނެއްކަމުގެ ވާހަކަ އެކަންޏެވެ. އެހެންނަމަވެސް، ކަދުރާއި ޠަހޫރު ފެން އެއްކުރުމުން، އެ ފެނުގެ ޠާހިރުކަން ފިލައިގެންދާނެތޯ ނުވަތަ އެ ފެނަށް އޭރުން ވެސް އެއްވެސް އަސަރެއް ނުކުރާނެތޯ ބަޔާންކުރައްވާފައެއް ނުވެއެވެ. އެހެންކަމުން، އެ ކަލޭގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ، އެ ދޭތި ވެސް އެ ވަނީ އޭގެ އަޞްލު ހާލަތުގައި އޭގެ ސިފައަށް ބަދަލުއައުމެއް ނެތިކަން ބަޔާންކުރެއްވުން ކަމުގެ އިޙްތިމާލު އުފެދެއެވެ. (މި އިޙްތިމާލަށް ބުރަވާނަމަ، ކަދުރުން ތައްޔާރުކޮށްފައިވާ ނަބީޛުން ވުޟޫކުރުން ހުއްދަވެގެންވެއެވެ.) އަދި ހަމައެގޮތަށް، އެ ކަލޭގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ، އެ ދޭތި މިހާރު އެ ވަނީ އެ ދޭތީގެ ކުރީގެ އަޞްލު ހާލަތުން އެހެން ހާލަތަކަށް ބަދަލުވެފައިކަން ބަޔާންކުރެއްވުން ކަމުގެ އިޙްތިމާލު ވެސް އުފެދެއެވެ. (މި އިޙްތިމާލަށް ބުރަވާނަމަ، ކަދުރުން ތައްޔާރުކޮށްފައިވާ ނަބީޛުން ވުޟޫކުރުން ހުއްދަވެގެން ނުވެއެވެ.) މިފަދައިން އިޙްތިމާލުތައް އޮތުމުން، ޙަނަފީންގެ އަރިހުގައި (އަބޫ ޙަނީފާ ފިޔަވައި)، މި މައްސަލައިގައި ދަލީލު ނަގަން މި ޙަދީޘް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އެއީ، ގިނަ ފިޤުހުވެރިން ވެސް ދެކިވަޑައިގަންނަވާ ގޮތެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، ކަދުރުން ތައްޔާރުކޮށްފައިވާ (ރަހަ ގަދަވެފައި ނުވާ، އަދި މަސްތުވާ ދަރަޖައަށް ނުދާ) ނަބީޛުން ވުޟޫކުރުން ހުއްދަވެގެން ނުވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =