171ވަނަ ޤަވާޢިދު (ޖުމްލަ 189): نَفْيُ النَّفْيِ إِثْبَاتٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ނަފީގެ ނަފީއަކީ، ސާބިތުކުރުމެއް}
މި ޤަވާޢިދުގެ މުރާދު: ކަމެއް ސާބިތުވާ ބަހަވީ އުސްލޫބުތަކުގެ ތެރޭގައި، ނަފީގެ ނަފީ ހިމެނެއެވެ. ނަފީގެ ނަފީއަކީ، ނަފީއެއް ކުރެވިފައިވާކަން ނަފީކުރުމެވެ. އެބަހީ، ނަފީ ކުރެވިފައި ނުވާކަމަށް ބުނުމެވެ.
ދެން ފަހެ، ޢަރަބިބަހުގައި ތަފާތު އެތަކެއް އުސްލޫބުތަކާއި ސޫރަތަކުން ނަފީގެ ނަފީ އައިސްފައިހުރެތެވެ. އޭގެ ތެރޭގައި:
- ވާހަކައިގައި ނަފީކުރުމަށް ބޭނުންކުރާ ލަފްޒު ތަކުރާރުކުރުމެވެ. މިސާލަކަށް، [مَا مَا لِفُلَانٍ عِنْدِي شَيْءٌ] (އަހުރެންގެ އަތުގައި މިވެނި މީހެއްގެ އެއްޗެއް ނެތީއެއް ނޫން) މިފަދައިން ބުނުމެވެ. މި ތަނުގައި އެ ވަނީ ނަފީއެއް (އެއްޗެއް ނެތްކަން) ނަފީކޮށްފައެވެ. އެހެންކަމުން، އޭގެ މާނައަކަށް ވާނީ، އަހުރެންގެ އަތުގައި އޭނާގެ އެއްޗެއް އެބައޮތެވެ. ސަބަބަކީ، ނަފީގެ ނަފީއަކީ ސާބިތުކުރުމެއް ކަމުގައި ވާތީއެވެ. މިއީ، މި ތަނުގައި ތަކުރާރުވެފައި އެވާ ދެވަނަ [مَا] އެއީ ތައުކީދުކުރުމުގެ ގޮތުން އޮތް ލަފްޒެއް ކަމުގައި ނުބަލައި، އެއީ ނަފީކުރުމުގެ ގޮތުން އޮތް ލަފްޒެއް ކަމުގައި ބަލައިފިނަމައެވެ.
- ވާހަކައިގައި ދެ ނަފީއެއް ޖަމާވިއިރު، އެ ތަނުން އެއް ނަފީ، އަނެއް ނަފީ ވަދެފައިވާ ކަލިމައާ ގުޅިފައިވާ ޤައިދެއްގެ ތެެރެއަށް ނުވަތަ އެފަދަ އެއްޗެއްގެ ތެރެއަށް ވަދެފައި އޮތުމެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَمَا جَعَلْنَاهُمْ جَسَدًا لَا يَأْكُلُونَ الطَّعَامَ) (ސޫރަތުލްއަންބިޔާއު: 8 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ކާނާކައިނޫޅޭ ހަށިތަކެއް ކަމުގައި، ތިމަން ރަސްކަލާނގެ އެ ރަސޫލުން ނުލައްވަމެވެ.] މި އާޔަތުގައިވާ ދެ ނަފީއަކީ، [وَمَا] އާއި [لَا] އެވެ. އެހެންކަމުން، މި އާޔަތުގެ މުރާދަކީ، ތިމަން ރަސްކަލާނގެ އެ ރަސޫލުން ލެއްވީ، ކާނާކައިއުޅޭ ބަޔެއްގެ ގޮތުގައެވެ.
- ނަހީކުރެވިފައިވުން ނަފީކުރުމެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ) (ސޫރަތުލްމުމްތަޙިނާ: 8 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުންގެ ދީނާ ހުރެ، ތިޔަބައިމީހުންނާ ހަނގުރާމަ ނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށް ނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް ޢަދުލުވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ.] އެހެންކަމުން، މި އާޔަތުގެ މުރާދަކީ، އެއުރެންނާ މެދު ޢަދުލުވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިޔަބައިމީހުންނަށް ހުއްދަކުރެއްވިއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =