172ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّفْظُ إِذَا احْتَمَلَ مَعْنَيَيْنِ وَبَطَلَ بِدَلِيْلِ العَقْلِ أَحَدُهُمَا، وَجَبَ الـمَصِيْرُ إِلَى الآخَرِ
މި ޤަވާޢިދުގެ ތަރުޖަމާ: {ލަފްޒުން ދެ މާނައަކަށް އިޙްތިމާލު އުފެދިފައި، އެ ތަނުން އެއް މާނަ ބުއްދީގެ ދަލީލުން ބާޠިލުކޮށްފިނަމަ، އަނެއް މާނައިގައި ހިފުން ވާޖިބުވާނެ}
މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއް އައިސްފައިވާއިރު، އެ ނައްޞު ވިސްނައިގަތުމުގައި ބުއްދީގެ ދަލީލަކީ ޤަޠުޢީކޮށް ގޮތެއް ކަނޑައަޅާ އެއްޗަކަށްވެފައި، އޭގައިވާ ލަފްޒުން އިޙްތިމާލު އުފެދޭ ވަކި ގޮތަކަށް ބުއްދީގެ ދަލީލުން ޤަޠުޢީކޮށް ގޮތެއް ކަނޑައަޅާނަމަ، އެ ނައްޞުން އިޙްތިމާލު އުފެދޭ މާނަތަކުންކުރެ ބުއްދިން ކަނޑައަޅައިދިން މާނައިގައި އެ ނައްޞު ނެގޭނެއެވެ.
ދެން ފަހެ، މި ޤަވާޢިދު ބޭނުންކުރެވޭނީ، ބުއްދީގެ ދަލީލުތަކުންކުރެ ޤަޠުޢީ ދަލީލުތަކުގައެވެ. މިއާ ޚިލާފަށް، ބުއްދީގެ ދަލީލުތަކުންކުރެ ޡައްނީ ދަލީލުތަކުގައި މި ޤަވާޢިދު ބޭނުމެއް ނުކުރެވޭނެއެވެ. ސަބަބަކީ، ނައްޞުތަކަށް މަގުދައްކައިދީ ނައްޞުތައް ތަފްސީރުކުރުމުގައި ބުއްދީގެ ދަލީލުތަކުގެ ތެރެއިން ޡައްނީ ދަލީލުތަކަކީ މުޢުތަބަރު އެއްޗެއްކަމުގައި ނުވާތީއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (اللَّهُ خَالِقُ كُلِّ شَيْءٍ) (ސޫރަތުއްޒުމަރު: 62 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ކޮންމެ އެއްޗެއް ހެއްދެވީ ﷲ އެވެ.] މި އާޔަތަށް ބިނާކޮށް، ގިނަ ޢިލްމުވެރިންގެ ނަޒަރުގައި، ބުއްދީގެ ދަލީލުން ޢާއްމުކަން ޚާއްޞަ ކުރެވިދާނެއެވެ. އެހެނީ، މި އާޔަތުގައި، [ކޮންމެ އެއްޗެކޭ] ބަޔާންވެފައި އޮތެއް ކަމަކު، ބުއްދިން ވިސްނުމުން އެނގޭ އެއްޗަކީ އެ ޢާއްމުކަމުގެ ތެރެއަށް، ﷲ ތަޢާލާގެ ޒާތުފުޅާއި ސިފަފުޅުތައް ނުވަންނާނެކަމެވެ. އެހެނީ، އެ ކަލާނގެއީ، ފެށުމެއް ނެތި އިސްވެވޮޑިގެންވާ، ނިމުމެއް ނެތި ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. ވީއިރު، މަޚުލޫޤުންނާ ޚިލާފަށް، އެ ކަލާނގެ ޒާތުފުޅާއި ސިފަފުޅުތައް ހެއްދެވި ފަރާތެއް ނުވެއެވެ. އެ ކަމާ ގުޅޭ ޢިލްމު ވެސް އަޅުގަނޑުމެންނަށް ލިބިގެން ނުވެއެވެ. އެހެންކަމުން، މި އާޔަތުން، ﷲ ތަޢާލާ ވެސް އުފެއްދެވީ ﷲ ތަޢާލާއޭ ވިސްނުމުގެ އިޙްތިމާލު، ބުއްދީގެ ދަލީލުން ޤަޠުޢީކޮށް ބާޠިލުކޮށްލައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =