[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 160

173ވަނަ ޤަވާޢިދު (ޖުމްލަ 189): الفَاءُ لِلتَّـرْتِيْبِ وَالتَّعْقِيْبِ

މި ޤަވާޢިދުގެ ތަރުޖަމާ: {الفَاءُ ބޭނުންކުރެވެނީ ތަރުތީބާއި ތަޢުޤީބުގެ މާނައިގައި}

މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި الفَاءُ العَاطِفَة (ވާހަކަ ގުޅުވައިލުމުގެ ގޮތުން ބޭނުންކުރެވޭ ف އަކުރު) ކަނޑައެޅިފައިވަނީ، ތަރުތީބާއި ތަޢުޤީބު (ޖެހިޖެހިގެން ކުރުން) އަށް ދަލީލުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެއީ (އެބަހީ، ތަޢުޤީބަށް ދަލީލުކޮށްދޭނީ)، الـمَعْطُوفُ عَلَيْهِ (އެ އެއްޗަކާ ގުޅުވައިލެވޭ އެތި) އަށް ފަހު، އެއްވެސް މުހުލަތެއް އަދި ހިނދުކޮޅެއް ނުދީ، الـمَعْطُوفُ بِهَا (އެ އެއްޗަކުން ގުޅުވައިލެވޭ އެތި) އައިސްފިނަމައެވެ. މިސާލަކަށް، [دَخَلَ الدَّارَ، فَكَلَّمَهُ] (ގެޔަށް ވަނޭ، އެހިނދު އޭނާއާ ވާހަކަދެއްކިޔޭ) މިފަދައިން ބުނުމެވެ. މިއީ، ނަޙޫ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންނާއި ފިޤުހު ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންނާއި އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންނާއި މަޝްހޫރު ހަތަރު އިމާމުންނާއި އެ ބޭފުޅުންނަށް ތަބާވީ ފަރާތްތަކުގެ ރައުޔެވެ. އަދި ބަހުގެ ޢިލްމުވެރިން މި ކަމާ މެދު އިޖުމާޢުވެވަޑައިގެންފައިވާކަމަށް އުޞޫލީ ޢިލްމުވެރިންކުރެ ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް، ކަން އޮތީ އެފަދައަކުން ނޫނެވެ. މި މައްސަލައިގައި އަންނަނިވި ތަފާތު ރައުޔު އެބަ އޮތެވެ.

މިއާ ޚިލާފަށް، އަލްފައްރާ (الفَرَّاءُ) ގެ ނަޒަރުގައި، الفَاءُ އަށްވުރެ ފަހުން އޮންނަ ކަންތައް، އޭގެ ކުރިން އޮތް ކަންތަކަށްވުރެ އިސްވެފައިވުން އެކަށީގެންވެއެވެ. މިސާލަކަށް، [حَضَرَ مُحَمَّدٌ فَزَيْدٌ] (މުޙައްމަދު ޙާޟިރުވެއްޖޭ، (އަދި/އެއަށްފަހު) ޒައިދު ޙާޟިރުވެއްޖޭ) މިފަދައިން ބުނުމެވެ. މި ހާލަތުގައި ފައްރާގެ ނަޒަރުގައި، މުޙައްމަދަށްވުރެ ކުރިން ޒައިދު ޙާޟިރުވެފައި އޮތުން އެކަށީގެންވެއެވެ. އެހެންނަމަވެސް، ފައްރާ ޛިކުރުކުރައްވާފައި އެ ވަނީ ޢަޖާއިބުކުރުވަނިވި ވާހަކައެކެވެ. ޚާއްޞަކޮށް، الوَاوُ العَاطِفَة އިން (ވާހަކަ ގުޅުވައިލުމުގެ ގޮތުން ބޭނުންކުރެވޭ و އަކުރުން) ލިއްބައިދެނީ ތަރުތީބުގެ މާނަކަމަށް އެ ބޭފުޅާ ވިދާޅުވާ ކަމަށް އެ ބޭފުޅާގެ ފަރާތްޕުޅުން ނަޤުލުކުރެވިފައިވާހިނދުގައެވެ. މިއިން އެނގެނީ، الوَاوُ އާ ގުޅޭ ގޮތުން އެ ބޭފުޅާ ވިދާޅުވިކަމަށް ބުނެ ނަޤުލުކުރެވިފައިވާ ބަސްފުޅުގައި ކޮންމެވެސް މައްސަލައެއް ވާކަމެވެ. ކޮންމެއަކަސް، ނަޙޫ ޢިލްމުވެރިންކުރެ އަލްޖަރްމީގެ ނަޒަރުގައި ވެސް، الفَاءُ އިން ތަރުތީބުގެ މާނަ ލިއްބައެއް ނުދެއެވެ. ޝަރުޠަކީ، ތަންތަނާއި (الأَمَاكِنُ) ވާރެއަށް (الـمَطَرُ) އެ ف އަކުރު ވަދެފައިވުމެވެ. މިސާލަކަށް، [نَزَل الـمَطَرُ نَجْدًا فَتَـهَامَةً] (ނަޖުދުކަރައަށް ވާރޭވެހިއްޖެ، (އަދި/އެއަށްފަހު) ތަހާމާއަށް) މިފަދައިން ބުނުމެވެ. މި ހާލަތުގައި އަލްޖަރްމީގެ ނަޒަރުގައި، ތަހާމާއަށްވުރެ ކުރިން ނަޖުދުކަރައަށް ވާރޭވެހިފައިވުން ލާޒިމެއް ނޫނެވެ.

ދެން ފަހެ، ތަޢުޤީބުގެ މަޝްހޫރު މާނައަކީ، ފުރަތަމަ އެއްޗަށްވުރެ ފަހުން، އެއްވެސް މުހުލަތެއް ނެތި، ދެވަނަ އެތި އޮތުމެވެ. އެހެންނަމަވެސް، އައްރާޒީއާއި އަލްހިންދީއާއި އިބްނު ހިޝާމްފަދަ މުޙައްޤިޤުން ވިދާޅުވެފައިވަނީ، الـمَعْطُوفُ عَلَيْهِ އަށް ފަހު، الـمَعْطُوفُ ތަޢުޤީބުކުރުން އޮންނާނީ ކޮންމެ އެއްޗެއްގައި ވެސް އެއާ އެކަށީގެންވާފަދަ ގޮތެއްގައި، ކުޅަދާނަކަން ލިބިގެންވާ ގޮތެއްގައި ކަމުގައެވެ. ކޮންމެހެން ވަގުތުން ވަގުތަށް އެއްވެސް މުހުލަތެއް ހިނދުކޮޅެއް ނެތި އޮތުން ލާޒިމެއް ނޫން ކަމުގައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ) (ސޫރަތުއްޠަލާޤު: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، ތިޔަބައިމީހުންނަށްޓަކައި އެ ކަނބަލުން ކިރުދީފިނަމަ، ފަހެ، އެ ކަނބަލުންނަށް އެ ކަނބަލުންގެ އުޖޫރަ ދޭހުށިކަމެވެ!] މި އާޔަތުގައިވާ [فَآتُوهُنَّ] ގައިވާ ف އަކުރުން، އުޖޫރަޔަށް ކިރުދޭ ކިރުމައިމީހާއަށް ވަގުތުން އުޖޫރަ ދޭންޖެހޭނެކަމަށް ދަލީލު ލިބެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =