175ވަނަ ޤަވާޢިދު (ޖުމްލަ 189): (إِنَّـمَا) تُفِيْدُ الـحَصْرَ
މި ޤަވާޢިދުގެ ތަރުޖަމާ: {إِنَّـمَا އިން ހަނިކުރުމުގެ މާނަ ލިއްބައިދޭ}
މި ޤަވާޢިދުގެ މުރާދު: ވާހަކައިގައިވާ ފަރާތަށް ޙުކުމް ހަނިކޮށް، އެ ނޫން ފަރާތްތަކަށް އެ ޙުކުމް ނަފީކުރުމުގެ މާނަ، إِنَّـمَا އިން ލިއްބައިދެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި ގިނަ މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީންގެ ވެސް ރައުޔެވެ.
މިއާ ޚިލާފަށް، ޙަނަފީންނާއި އަދިވެސް ބައެއް އެހެން ބޭފުޅުންގެ ނަޒަރުގައި، إِنَّـمَا ބޭނުންކުރެވެނީ ސާބިތުކުރެވިފައިވާ ކަންތައް އިތުރަށް ކަށަވަރުކުރުމަށް އެކަންޏެވެ. އަދި ހަނިކުރުމަކަށް އެއަކުން ދަލީލެއް ނުކޮށްދެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَاِبْنِ السَّبِيلِ) (ސޫރަތުއްތައުބާ: 60 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ މަސައްކަތުގައި އުޅޭ މީހުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި)، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި، (ހާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ.] މި އާޔަތުގައިވާ إِنَّـمَا އިން ދަލީލުކޮށްދެނީ، ޒަކާތުމުދާ ލިބުން ޙައްޤުވެގެންވަނީ ހަމައެކަނި މި އަށް ބާވަތުގެ މީހުންނަށްކަމެވެ. އަދި މި ނޫން އެހެން ބަޔަކަށް ޒަކާތުމުދާ ޙައްޤުވެގެން ނުވާކަމެވެ.
176ވަނަ ޤަވާޢިދު (ޖުމްލަ 189): (لَوْ) حَرْفُ امْتِنَاعٍ لِامْتِنَاعٍ
މި ޤަވާޢިދުގެ ތަރުޖަމާ: {لَوْ ޙަރުފަކީ، މަނާވެގަތުމުން، މަނާވެގަތުމެއް ދޭހަކޮށްދޭ ޙަރުފެއް}
މި ޤަވާޢިދުގެ މުރާދު: لَوْ ޙަރުފުން ލިއްބައިދެނީ، ކަމެއް މަނާވުމުން، އެހެން ކަމެއް މަނާވުމުގެ މާނައެވެ. އެ ގޮތުން، ޝަރުޠު މަނާވުމުގެ ސަބަބުން، ޖަވާބު މެދުވެރިވުން މަނާވުމެވެ. މިސާލަކަށް، [لَوْ جِئْتَنِي لَأَ كْـرَمْتُكَ] (ތިބާ އަހުރެންގެ ގާތަށް އައިނަމަ، ތިބާއަށް އަހުރެން ހެޔޮކޮށްހިތީމުހެވެ.) މިފަދައިން ބުނުމެވެ. މި ހާލަތުގައި، އައުން މަނާވުމުގެ ސަބަބުން (އެބަހީ، ނައުމުގެ ސަބަބުން)، ހެޔޮކޮށްހިތުން ވެސް މަނާވިކަން (އެބަހީ، ހެޔޮކޮށް ހިތުމުގެ ފުރުސަތު ނުލިބުނުކަން) ދަލީލުކޮށްދެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.
މިއާ ޚިލާފަށް، އައްޝަލޫބައިނިއާއި އިބްނު ހިޝާމު އަލްޚަޟްރާވީގެ ނަޒަރުގައި، لَوْ ޙަރުފަކީ ޝަރުޠާއި ޖަވާބު ގޮށްޖަހައިލުމަށް ބޭނުންކުރެވޭ ޙަރުފެކެވެ. އެއިން ޝަރުޠު މަނާވުމަކަށް، އަދި ޖަވާބު މަނާވުމަކަށް ދަލީލެއް ނުކޮށްދެއެވެ. އަދި ކިޔެއްތަ! އެއީ، މާޒީއާ ގުޅުވައިލުމެކެވެ.
އަދި މި ނޫން ރައުޔުތައް ވެސް މި މައްސަލައިގައި އައިސްފައިވެއެވެ.
ދެން ފަހެ، ބަހަވީ ގޮތުން ބޭނުންކުރާ ގޮތަށް ބަލާއިރު، لَوْ (ނަމަ) ޙަރުފުގެ ތަފާތު އެކި ވައްތަރުތައް ވެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރީ މި ޤަވާޢިދުގައި މި އިޝާރާތްކުރެވޭ، އޭގެ ފަހަތަށް ގިނަ ފަހަރަށް މާޒީގެ ލަފްޒެއް ނޫނީ ނާންނަ، ޝަރުޠުކުރުމުގެ ގޮތުން ބޭނުންކުރެވޭ لَوْ ޙަރުފެވެ.
މި ޤަވާޢިދުގެ މިސާލަކީ، މާޢިޒު ޒިނޭކުރިކަމަށް ހެކިބަސްދިން މީހާއަށް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެވެ. ((وَاللهِ يَا هَزَّالُ، لَوْ كُنْتَ سَتَرْتَهُ بِثَوْبِكَ، كَانَ خَيْرًا مِمَّا صَنَعْتَ بِهِ)) މާނައީ: [ﷲ ގަންދީ ބުނަމެވެ! އޭ ހައްޒާލެވެ! ތިބާ ތިބާގެ ހެދުމުން އޭނާ ނިވައިކުޅަނަމަ، (އެ ކަން) އޭނާއާ މެދު ތިބާ ތިޔަ ކަންތައްކުރި ގޮތަށްވުރެ މާ ހެޔޮކަން ބޮޑުވީހެވެ.] މި ޙަދީޘުން، ހެކިވެރިޔާ، ޒިނޭގެ ހައްދު ޖަހަންޖެހޭ ކަމަކަށް އަރައިގަން މީހާގެ އެ ސިއްރު ފޮރުވުމާއި، އަމިއްލައަށް އިސްނަގައިގެން އެ ކަމުގެ ޚަބަރު ނުދިނުން މުސްތަޙައްބުވެގެން ވާކަމަށް ދަލީލުކޮށްދެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =