178ވަނަ ޤަވާޢިދު (ޖުމްލަ 189): (إِلَى) مَوْضُوعٌ لِانْتِهَاءِ غَايَةِ الشَّيْءِ
މި ޤަވާޢިދުގެ ތަރުޖަމާ: {إِلَى ބޭނުންކުރެވެނީ، އެއްޗެއްގެ ޣާޔަތުގެ ނިމުން އަތުވެއްޖެކަން ދޭހަކޮށްދިނުމަށް}
މި ޤަވާޢިދުގެ މުރާދު: ބަހަވީ ގޮތުން ބޭނުންކުރާ ކުރުމުގައި، إِلَى (ހަމައަށް) ޙަރްފު އެކި މާނަތަކުގައި އައިސްފައި ހުރެތެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު މާނައަކީ، އެއްޗެއްގެ ޣާޔަތަށް (އެބަހީ، އެއްޗެއްގެ ނިމޭކޮޅަށް) ނިމުންއައުމެވެ. އެއީ، ޒަމާނަށް ނިސްބަތްވާ ޣާޔަތެއް ކަމުގައި ވިޔަސް، ނުވަތަ ތަނަކަށް ނިސްބަތްވާ ޣާޔަތެއް ކަމުގައި ވިޔަސް މެއެވެ. އަދި މިއީ، މި ޤަވާޢިދުގައި ވެސް ކަނޑައަޅާފައިވާ ވާހަކައެވެ. މިސާލަކަށް، [ذَهَبْتُ مِنْ جِدَّةِ إِلَى مَكَّةَ] (އަހުރެން ޖިއްދާއިން މައްކާއަށް ދިޔައިން) މިފަދައިން، އަދި [ذَاكَـرْتُ مِنَ العَصْرِ إِلَى الـمَغْرِبِ] (އަހުރެން ޢަޞްރު ވަގުތުން މަޣުރިބު ވަގުތަށް މުޠާލިޢާކުރަން އުޅުނިން) މިފަދައިން ބުނެފިނަމަ، އެއިން ދަލީލުކޮށްދެނީ، މައްކާއަކީ ދިޔުމުގެ ނިމޭހިސާބުކަމެވެ. އަދި މަޣުރިބު ވަގުތަކީ މުޠާލިޢާކުރުން ނިމޭހިސާބުކަމެވެ. މި ކަމާ މެދު އެއްވެސް ރައުޔުތަފާތުވުމެއް ނެތެވެ.
އެހެންނަމަވެސް، ރައުޔުތަފާތުވުން އޮތީ ޣާޔަތުގެ (ނިމޭހިސާބުގެ) ތެރެއަށް މުޣުޔާ (އެ އެއްޗަކަށް ނިމޭ ތަން) ވަނުމާ ގުޅޭ ގޮތުންނެވެ. އެބަހީ، ނިމޭހިސާބަށްފަހު އޮންނަބައި އޭގެ ކުރިން އޮތް ބައިގެ ތެރެއަށް ވަންނާނެތޯ ކަނޑައެޅުމާ ގުޅޭ ގޮތުންނެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَيْدِيَكُمْ إِلَى الْمَرَافِقِ) (ސޫރަތުލްމާއިދާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުންގެ އަތްތައް އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ!] މި ތަނުގައިނަމަ، ޣާޔަތުގެ ތެރެއަށް މުޣުޔާ ވަނުމުގެ މުރާދަކީ، ވުޟޫކުރާއިރު އަތްދޮންނަންޖެހޭ ޖެހުމުގެ ތެރެއަށް އަތުގެ އުޅަނބޮށި ވެސް ވަނުމެވެ. އެބަހީ، އުޅަނބޮށި ދޮވުމެވެ. ވުޟޫކުރާއިރު، އަތްދޮވުމަށް ކުރެވިފައިވާ އަމުރުގެ ތެރެއަށް އުޅަނބޮށި ދޮވުން ވެސް ވަންނާނެތޯ ކަނޑައެޅުުގައި އުޞޫލީ ގޮތުން، އަދި އެއާ ގުޅިިގެން ފިޤުހީ ގޮތުން ރައުޔުތަފާތުވުން އުފެދިފައިވެއެވެ. އެއީ، އެ ތަން އޭގެ ކުރީ ބަޔަށް ވަންނާނެތޯ ކަނޑައެޅުުމުގައި ޤަރީނާއެއް ނެތްނަމައެވެ.
ފުރަތަމަ ރައުޔަކީ، إِلَى ގެ ފަހުން އޮތް އެތި، އޭގެ ކުރިން އޮތް އެތީގެ ތެރެއަށް ވަންނާނެއެވެ. އެހެންކަމުން، ދެ އަތްދޮވުމުގެ ތެރޭގައި ދެ އަތުގެ އުޅަނބޮށި ވެސް ދޮންނަންޖެހޭނެއެވެ.
ދެވަނަ ރައުޔަކީ، إِلَى ގެ ފަހުން އޮތް އެތި، އޭގެ ކުރިން އޮތް އެތީގެ ތެރެއަކަށް ނުވަންނާނެއެވެ. އެހެންކަމުން، ދެ އަތުގެ އުޅަނބޮށި ދޮންނާކަށް ނުޖެހޭނެއެވެ. މިއީ، ޝާފިޢީ މަޒުހަބުގެ ރައުޔެވެ. އަދި ގިނަ ޢިލްމުވެރިންގެ ވެސް ރައުޔެވެ.
ތިންވަނަ ރައުޔަކީ، އެއަކުން ވަކި ގޮތަކަށް ދަލީލެއް ނުކޮށްދެއެވެ. އެހެންކަމުން، ޚާރިޖީ ދަލީލެއް ލިބިއްޖައުމަށްދާންދެން ވަކި ގޮތެއް ކަނޑަނާޅައި ހުއްޓިހުންނާނީއެވެ. މިއީ، އަލްއާމިދީ އިޚްތިޔާރުކުރެއްވި ރައުޔެވެ.
ހަތަރުވަނަ ރައުޔަކީ، إِلَى ގެ ފަހުން އޮތީ، އޭގެ ކުރިން އޮތް އެއްޗާ އެއް ޖިންސެއްގެ އެއްޗެއް ކަމުގައި ވާނަމަ، إِلَى ގެ ފަހުން އޮތް އެތި، އޭގެ ކުރިން އޮތް އެތީގެ ތެރެއަށް ވަންނާނެއެވެ. އެއް ޖިންސެއްގެ އެއްޗެއް ކަމުގައި ނުވާނަމަ، ނުވަންނާނެއެވެ.
ފަސްވަނަ ރައުޔަކީ، إِلَى ގެ ފަހުން އެއްޗަކީ އޭގެ ކުރިން އޮތް އެއްޗާ ހިއްސީ ގޮތުން ތަފާތު އެއްޗެއް ކަމުގައި ވާނަމަ، إِلَى ގެ ފަހުން އޮތް އެތީގެ ޙުކުމް، އޭގެ ކުރިން އޮތް އެތީގެ ޙުކުމާ ތަފާތުވާނެއެވެ. އެ ދޭތި ހިއްސީ ގޮތުން ތަފާތު ނުވާނަމަ (މިސާލަކަށް، އަތާއި އުޅަނބޮށި)، إِلَى ގެ ފަހުން އޮތް އެތީގެ ޙުކުމް، އޭގެ ކުރިން އޮތް އެތީގެ ޙުކުމާ އެއްގޮތްވާނެއެވެ.
ހަވަނަ ރައުޔަކީ، إِلَى އާއެކު مِنْ އޮވެއްޖެނަމަ، އެއިން ލިއްބައިދޭނީ ތަޙްދީދުގެ (މިންކުރުމުގެ) މާނައެވެ. އެހެންކަމުން، إِلَى ގެ ފަހުން އޮތް އެތި، އޭގެ ކުރިން އޮތް އެތީގެ ތެރެއަކަށް ނުވަންނާނެއެވެ. މިސާލަކަށް، [بِعْتُكَ مِنْ هَذِهِ الشَّجَرَةِ إِلَى هَذِهِ الشَّجَرَةِ] (އަހުރެން ތިބާއަށް މި ގަހުން މި ގަހަށް ވިއްކައިފިން) މިފަދައިން ބުނުމެވެ. މިއާ ޚިލާފަށް، إِلَى އާއެކު مِنْ ނެތްނަމަ، އެ ބޭނުންކުރެވިފައި އެ ވަނީ މިންކުރުމުގެ ގޮތުން، مَعَ (އެކުގައި) ގެ މާނައިގައި ކަމަށްވުން އެކަށީގެންވެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلاَ تَأْكُلُواْ أَمْوَالَهُمْ إِلَى أَمْوَالِكُمْ) (ސޫރަތުއްނިސާ: 2 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން އެއުރެންގެ މުދާތައް، ތިޔަބައިމީހުންގެ މުދާތަކާއެކު ކައި ހުސްކޮށްނުލާހުށިކަމެވެ!]
ކޮންމެއަކަސް، ބައެއް ބޭފުޅުން މި ތަނުން ވަރުގަދަކުރައްވަނީ، ތިންވަނަ ރައުޔެވެ. އެހެންކަމުން، ޚާރިޖީ ދަލީލަކުން އުޅަނބޮށި ދޮންނަންޖެހޭކަމަށް ދަލީލުކޮށްދޭތޯ ބެލިއިރު، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރަން ދަސްކޮށްދެއްވިއިރު، އުޅަނބޮށްޓާއެކު ދޮންނެވިކަން ސާބިތުވާތީ، އެއީ ވެސް ވާޖިބު ދޮވުމުގެ ތެރެއަށް ވަންނަ ބަޔެއްކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވަތެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =