[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 165

179ވަނަ ޤަވާޢިދު (ޖުމްލަ 189): (بَلْ) مَوْضُوعٌ لِإِثْبَاتِ مَا بَعْدَهُ، وَالإِعْرَاضِ عَمَّا قَبْلَهُ

މި ޤަވާޢިދުގެ ތަރުޖަމާ: {بَـلْ ބޭނުންކުރެވެނީ، އޭގެ ފަހުން އޮތް އެތި ސާބިތުކުރުމަށް، އަދި އޭގެ ކުރިން އޮތް އެތިން ދުރުހެލިވުމަށް}

މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި بَـلْ (އަދި ކިއެއްތަ!) ޙަރުފު ބޭނުންކުރެވެނީ، އޭގެ ފަހުން ބަޔާންވެފައިވާ ކަންތައް ސާބިތުކުރުމުގެ ގޮތުންނެވެ. އަދި އޭގެ ކުރިން ބަޔާންވެފައިވާ ކަންތަކުން ދުރުހެލިވެ އެ ކަންތައް ދޫކޮށްލުމުގެ ގޮތުންނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޙުނައިނު ހަނގުރާމައަށް ޞަފްވާނު ބްނު އުމައްޔާގެ އަތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޢާރިޔާއެއްގެ ގޮތުން ގެންދެވި އައްޑަނަތަކާ ގުޅޭ ގޮތުން، އެ ތަކެތި ގެންދަވަނީ ފޭރިގެން ގެންދާ އެއްޗެހިތަކެއްގެ ގޮތުގައިތޯ ޞަފްވާނު (އޭނާއަކީ އޭރު މުސްލިމެއް ނޫން، އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަކުރެއްވުމަށްފަހު) ސުއާލުކުރެއްވުމުން، ކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެވެ. ((لاَ، بَلْ عَارِيَةٌ مَضْمُونَةٌ)) މާނައީ: [ނޫނެކެވެ! އަދި ކިއެއްތަ! ޖާމިނުވާ ޢާރިޔާއެއްގެ ގޮތުގައެވެ.] މި ޙަދީޘްފުޅުގައި އެ ކަލޭގެފާނު بَلْ ބޭނުންފުޅުކުރެއްވުމުން، އެނގެނީ، ޞަފްވާނު އެ ބުނި ވާހަކައިން ދުރުހެލިވެވަޑައިގެން އެ ވާހަކަ ދޫކޮށްލެއްވިކަމެވެ. އަދި އެއީ ޖާމިނުވާ ޢާރިޔާއެއްކަން ބަޔާންކޮށް ސާބިތުކުރެއްވިކަމެވެ.

180ވަނަ ޤަވާޢިދު (ޖުމްލަ 189): (ثُـمَّ) تُفِيْدُ التَّـرْتِيْبَ بِـمُهْلَةٍ

މި ޤަވާޢިދުގެ ތަރުޖަމާ: {ثُـمَّ އިން މުހުލަތަކުން ތަރުތީބުކުރުމުގެ މާނަ ލިއްބައިދޭ}

މި ޤަވާޢިދުގެ މުރާދު: ثُـمَّ (ދެން) ޙަރުފު ބޭނުންކުރެވޭ އަޞްލު ގޮތަށް ބަލާއިރު، އެއިން ލާޒިމު ކުރަނީ، އޭގެ ފަހުން ބަޔާންވެވޭ ކަމަކީ، އޭގެ ކުރިން ބަޔާންވެފައިވާ ކަންތަކަށްވުރެ ފަހުން މެދުވެރިވެފައިވާ ކަމަކަށް ވުމެވެ. އަދި އެ ދެ ކަމުގެ މެދުގައި ހިނދުކޮޅެއް (މުހުލަތެއް) އޮތުމެވެ. މިސާލަކަށް، [رَأَيْتُ فُلَانًـا ثُمَّ فُلَانًـا] (އަހުރެން މިވެނި މީހަކު ދުށީމޭ، ދެން އެވެނި މީހަކު ވެސް ދުށީމޭ) ބުނުމެވެ. މި ހާލަތުގައި، ދެވަނައަށް ފެނުނު މީހާއަށްވުރެ ކުރިން ފުރަތަމަ ފެނުނު މީހާ ފެނިފައިވުން ލާޒިމުކުރެތެވެ. އަދި ހަމައެއާއެކު، އެ ދެ މީހުންގެ ދެމެދުގައި ކިތަންމެ ކުޑަނަމަވެސް ހިނދުކޮޅެއް އޮތުން ލާޒިމުކުރެތެވެ. މިއީ، ނަޙޫއާއި އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި މަޝްހޫރު ހަތަރު އިމާމުންގެ ވެސް ރައުޔެވެ.

މިއާ ޚިލާފަށް، ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި، އެއީ މުހުލަތެއް ނެތި، ޖެހިޖެހިގެން، ތަރުތީބުން އޮތްކަން ދޭހަކޮށްދިނުމަށް ބޭނުންކުރެވޭ ލަފްޒެކެވެ. ف އަކުރު ފަދައިންނެވެ.

އަދި މި ނޫން ވެސް ރައުޔުތައް މި މައްސަލައިގައި އޮވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَاللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ) (ސޫރަތު ފާޠިރު: 11 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ﷲ ތިޔަބައިމީހުން ހެއްދެވީ ވެލީންނެވެ. ދެން، ނުޠުފާއަކުންނެވެ.] މި އާޔަތުގައި ثُـمَّ (ދެން) ބޭނުންކުރައްވާފައިވުމުން އެނގެނީ، އެންމެ ފުރަތަމަ ހެއްދެވުނީ ވެލީންކަމެވެ. ދެން، އިންސާނާގެ ދަރިފަސްކޮޅު އިތުރުވަމުންދާނޭހެން މެދުވެރިކުރެއްވީ ނުޠުފާގެ ޒަރީއާއިންކަމެވެ. އަދި އެ ދެމެދުގައި މުހުލަތެއް އޮންނަކަން ވެސް އެނގިގެންދެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =